Roadha Mihaaru
މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަނީ

މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހު 30 ގައި ހުޅުވާލަނީ

11 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހު 30 ގައި ހުޅުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހު 30 ގައި ހުޅުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވާލަން އެ ކޮމިޝަނުން ތާވަލުކޮށްފައި ވަނީ މި މަހު 30 އިން ފެށިގެން އަންނަ މަހު 14 ގެ ނިޔަލަށް ކަމަށެވެ.

މަޖިލިސް އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައި އީސީން ވަނީ އިއްޔެ އެކަން އިއުލާންކޮށްފަ އެވެ.

އެ ކޮމިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޯދަ މަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބާއްވަން ނިންމީ، ރޯދައިގެ ފަހުގެ ތާރީހެއްގައި އެކަން ކުރަން އިދާރީ ބޮޑެތި ހުރަސްތަކެއް ހުރެގެން ކަމަށެވެ. އަދި ކުޑަ އީދު ބަންދަށް ފަހު ފެށޭ ހަފުތާއަކީ ސްކޫލުތަކުގެ އިމްތިހާނު ދުވަސްވަރު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އީސީން ބުނި ގޮތުގައި ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ނަމަ ސްކޫލްތައް ނުލިބި ވޯޓުލާ މަރުކަޒުތައް ގާއިމްކުރަން އެކަށީގެންވާ ތަންތަން ނުލިބިދާނެ އެވެ.

ކޮމިޝަނުން ބުނީ ރޯދައިގެ ފަހު 10 ބަންދުކުރަން ސަރުކާރުން ހަމަޖައްސާފައިވާތީ އިންތިހާބު ލަސްވެއްޖެ ނަމަ ދައުލަތުގެ އިދާރާތަކުގެ އެއްބާރުލުމާ އެކު ކުރަން ޖެހޭ މަސައްކަތްތަކުގައި ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި އިންތިހާބު ބާއްވަން ނިންމީ އެ ސަބަބުތަކާ ހެދި ކަމަށާއި ވޯޓުލާ ގަޑިތަކާއި މަރުކަޒުތައް މި މަހުގެ 30 ގައި އިއުލާންކުރާނެ ކަމަށް އީސީން ބުންޏެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު އަންނަ މެއި މަހުގެ 28 އަށް ހަމަވާނެ އެވެ.