Roadha Mihaaru
ބިލް ތަސްދީގު ނުކުރާނަމަ، ތާރީހު ބަދަލު ނުވާނެ: އީސީ

ބިލް ތަސްދީގު ނުކުރާ ނަމަ، އިންތިހާބުގެ ތާރީހު ބަދަލެއް ނުވާނެ: އީސީ

29 ފެބުރުއަރީ 2024

ރޯދަ މަހުގެ އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވާ ނަމަ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ ކުރިން ވެސް ކަނޑައެޅިފައިވާ ތާރީހު، މާޗް 17 ގައި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރޯދަ މަހުގެ އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވާ ނަމަ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ ކުރިން ވެސް ކަނޑައެޅިފައިވާ ތާރީހު، މާޗް 17 ގައި ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "މިހާރު" ވިދާޅުވީ ބިލެއް ގާނޫނަކަށް ވަނީ ރައީސް ތަސްދީގު ކުރުމުން ކަން ގާނޫނުއަސާސީން ވަރަށް ސާފު ކަމަށާއި އިލެކްޝަން ކޮމިޝަނަށް ލާޒިމް ވާނީ ގާނޫނުތަކަށް އަމަލު ކުރުން ކަމަށެވެ.

"ބިލަކަށް ނޫން ގާނޫނަށް އިލެކްޝަން ކޮމިޝަނުން އަމަލު ކުރަން ޖެހޭނީ. ތަފާތު ހާލަތެއް މިއީ. މި ހާލަތުގައި މަޖިލީހުން ކުރާ ސުވާލުތަކަށް އަޅުގަނޑުމެން ޖަވާބުދާރީވާނަން،" ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވި ގޮތުގައި އިލެކްޝަން ކޮމިޝަނުން ކުރިން ވެސް ނިންމާފައިވާ ގޮތަށް އިންތިހާބު މި ފެށޭ މަހުގެ 17 ވަނަ ދުވަހު ބާއްވާނެ އެވެ. އެކަމަކު، މިއަދު ނުވަތަ މާދަމާ ވެސް ބިލް ތަސްދީގު ކުރާ ހިސާބުން ގާނޫނާ އެއްގޮތަށް އަމަލު ކުރާނެ ކަމަށެވެ.

މާޗް17ގައި އިންތިހާބު ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ވޯޓާސް ލިސްޓް އާންމު ކުރުމާއި ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ހަބީބު ވިދާޅުވި އެވެ.

"ތަމްރީނުތައް ވެސް އަންނަ ހަފުތާގެ މެދެއްހާތާ އަތޮޅުތަކުގެ ނިމޭނެ. އެހެން ގޮސް އިންތިހާބު ބޭއްވުން ފިޔަވައި އެހެން ހުރިހާ ކަމެއް މި ނިމެނީ،" ހަބީބު ވިދާޅުވި އެވެ.

އިންތިހާބުގެ ބިލް ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކުރި ނިންމުމާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަން (އީސީ) އިން އަމަލު ކުރާނެ ގޮތެއް ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ގުޅޭ ކޮމިޓީއަށް އިލެކްޝަން ކޮމިޝަންގެ މެންބަރުން ހާޒިރުވާން ވަނީ އަންގައިފަ އެވެ.

މަޖިލީހުން އީސީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އިންތިހާބު ފަސްކުރުމުގެ ބިލް ދެވަނަ ފަހަރަށް ފާސްކޮށްފައިވާތީ، އިލެކްޝަން ކޮމިޝަނުން މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ގޮތާ މެދު މަޝްވަރާ ކުރަން ކޮމިޓީ މެންބަރުން ބޭނުންވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ޕާޓީ، އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މަޖިލީހުން ފާސްކުރި ބިލަށް އަމަލު ނުކުރާ ނަމަ އިލެކްޝަން ކޮމިޝަންގެ މެންބަރުން މަޖިލިހުގެ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީކުރުވާނެ ކަމަށެވެ.

"އެކަން އެ ގޮތަށް ވާ ތަން ނުފެންނަ ކަމަށްވާ ނަމަ އަޅުގަނޑުމެން މި ތިބީ ތައްޔާރަށް އިލެކްޝަން ކޮމިޝަންގެ އިތުބާރު ނެތް ކަމުގެ ވޯޓަކާ ހަމައަށް ދާން ވެސް،" ސަލީމް ވިދާޅުވި އެވެ.

ފުރަތަމަ ބިލް ތަސްދީގު ނުކުރަން ރައީސް ނިންމެވީ މައިގަނޑު ފަސް ސަބަބެއްގެ މައްޗަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އެ ބިލް މިހާރު އޮތް ގޮތުން ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ފުށުއަރާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް، އެކަން ދިރާސާ ނުކޮށް މަޖިލީހުން ދެވަނަ ފަހަރަށް ވެސް ނިންމީ ބިލް އޮތް ގޮތަށް ފާސްކުރުމަށެވެ.

އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމަށް ވަކި މުއްދަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނެތެވެ.

ނަމަވެސް، ބަންޑާރަ ނައިބުގެ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ހިލާފު ކަމަށާއި އެގޮތަށް ބަލައިގެން ނިންމި ކޮންމެ ނިންމުމެއް އެއީ ސައްހަ ނިންމުމެއް ނޫން ކަމަށެވެ.

ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.