Roadha Mihaaru
ރީ-ރަޖިސްޓްރީކުރަން 13،000 ފޯމު ހުށަހަޅައިފި

ރީ-ރަޖިސްޓްރީކުރަން 13،000 ފޯމު، ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ދެ ގައުމެއްގައި

08 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީކުރަން 13،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށާއި މިހާތަނަށް ވޯޓު ފޮށި ބަހައްޓާ ވަރަށް ހަމަވެފައި ވަނީ ދެ ގައުމެއްގައި ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީކުރަން 13،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށާއި މިހާތަނަށް ވޯޓު ފޮށި ބަހައްޓާ ވަރަށް ހަމަވެފައި ވަނީ ދެ ގައުމެއްގައި ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް ދިން ހަތް ދުވަހުގެ މުއްދަތު އިއްޔެ ހަވީރު 4:00 ގައި ހަމަވިއިރު، ރީ-ރަޖިސްޓްރީކުރަން 13،378 މީހުން ފޯމު ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން، 1،459 ފޯމު ބަލައިނުގަންނަން ވަނީ ނިންމައިފަ އެވެ. އެހެންވެ، ރީ-ރަޖިސްޓްރީކޮށްދީފައިވަނީ 11،919 މީހުންނެވެ.

މި ފަހަރުގެ އިންތިހާބަށް ރީ-ރަޖިސްޓްރީކުރަން ޖެހޭނީ، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލީ ތަން ބަދަލުވެފައިވާ ނަމަ އެކަންޏެވެ.

އީސީން ނިންމާފައިވަނީ 150 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވެފައިވާ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާށެވެ.

އެކަމަކު، ހަބީބް ވިދާޅުވި ގޮތުގައި ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވިއިރު ވޯޓު ފޮށި ބަހައްޓާ ވަރަށް މީހުން ހަމަވެފައިވަނީ ސްރީ ލަންކާ އަދި މެލޭޝިޔާގައި އެކަންޏެވެ.

މިހާރު ހަމަޖައްސާފައިވާ ގޮތުން މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މަހުގެ 17 ގަ އެވެ. އެކަމަކު، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެނަމަ އެ މުއްދަތު ލަސްވާނެ އެވެ. އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ، ރޯދަ މަހަކާ އިންތިހާބެއް ދިމާވާނަމަ، އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަ ނިމޭތާ 10 ދުވަސް ފަހުން ކަމަށް ކަނޑައެޅުމަށް އިސްލާހެއް ހުށަހަޅައިފަ އެވެ.

ހަބީބް ވިދާޅުވީ ރޯދައިގެ ފަހުގެ ތާރީހެއްގައި އިންތިހާބު ބާއްވަން ޖެހިއްޖެނަމަ ރީ-ރަޖިސްޓްރީކުރަން އީސީން އިތުރު ފުރުސަތު ދޭނެ ކަމަށެވެ.

އީސީން ވަނީ މި އިންތިހާބުގައި 93 ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

މި އަހަރުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.