Roadha Mihaaru
ފްލެޓު ދިނުން ލަސްކުރާތީ އެމްޑީޕީގެ ކަންބޮޑުވުން

ގެދޮރުވެރިޔާ ފްލެޓުތައް ދިނުން ލަސްކުރާތީ އެމްޑީޕީގެ ކަންބޮޑުވުން

11 ޖެނުއަރީ 2024

ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތައް ދޭން ކަނޑައެޅި މީހުންނަށް ފްލެޓު ހަވާލުކުރުން މި ސަރުކާރުން ލަސްކުރާތީ، އިދިކޮޅު އެމްޑީޕީން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތައް ދޭން ކަނޑައެޅި މީހުންނަށް ފްލެޓު ހަވާލުކުރުން މި ސަރުކާރުން ލަސްކުރާތީ، އިދިކޮޅު އެމްޑީޕީން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަހައްދުން 4000 ފުލެޓް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، ފްލެޓު ލިބުނުކަމުގެ އެއްބަސްވުން ސަރުކާރާއެކު ހަދާފައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް ފުލެޓް ހަވާލުކުރުމުގެ މަސައްކަތެއް މި ސަރުކާރުން ނުކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައިވެސް އަދި ވެރިކަމާ ހަވާލުވެވަޑައިގެން ފަހުންވެސް ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަމުންދާ ގޮތާ ހިލާފަށް އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް އެކިފަހަރު އެކި ގޮތް ގޮތަށް ފްލެޓްތަކުގެ ވާހަކަ ރައީސް ޑރ. މުއިއްޒު ދައްކަވަމުން ދިއުމަކީވެސް ރައްޔިތުން ކަންބޮޑުވާ ކަމެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެހެންކަމުން ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓް ލިބިފައިވާ ފަރާތްތަކަށް ކަނޑައަޅާފައިވާ ގޯއްޗާއި ފުލެޓް ހަވާލުކުރުން ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

އެކަމަކު ފްލެޓަށް ޕޮއިންޓު ކަނޑައެޅުމުގައި ގޯސްތަކެއް ހަދާފައިވާ ކަމުގެ ތުހުމަތާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފްލެޓު ހަވާލުކުރުން ހުއްޓުވައި ތަހުގީގެއް ފަށައިފަ އެވެ.

އޭސީސީގެ ތަހުގީގު އަދިވެސް ނުނިމޭ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ދެ ހަފުތާގެ ތެރޭގައި ފްލެޓާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެ ކަމަށް މި މަހުގެ 2 ވަނަ ދުވަހު ވިދާޅުވެފަ އެވެ.

އެކަމަކު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ، ފްލެޓުގެ ލިޔުން ހަވާލުކުރާނީ އޭސީސީގެ ތަހުގީގު ނިމުމުން ކަމަށް ފަހުން ވިދާޅުވެފަ އެވެ.

ހައިދަރު ވިދާޅުވީ އެ ކްރައިޓީރިއާއަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި ކުރީގެ ލިސްޓުގައި އެއްވެސް މައްސަލައެއް ނެތް ނަމަ، ހަމަ އެ ލިސްޓަށް، ފުރަތަމަ 4،000 ފްލެޓު ލިބުނު މީހުންނަށް ލިޔުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީން އެންމެ ފަހުން ބުނީ، އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދިޔަ ނަމަވެސް، ތަހުގީގު ނިމޭނެ ދުވަހެއް ބުނަން ދަތި ކަމަށެވެ.