Roadha Mihaaru
"ފްލެޓް ލިސްޓު ނިމޭތާ 3 ދުވަސްތެރޭ ސޮއިކުރެވޭނެ"

ލިސްޓާ ގުޅޭ ކަންކަން ނިމޭތާ ތިން ދުވަސް ތެރޭގައި ފްލެޓް އެގްރިމެންޓުގައި ސޮއިކުރެވޭނެ: އެފްޑީސީ

23 ޖެނުއަރީ 2024

ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަ ނިމޭތާ ތިން ދުވަސް ތެރޭގައި ފްލެޓު އެގްރިމެންޓުގައި ސޮއިކުރަން ފެށޭނެ ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަ ނިމޭތާ ތިން ދުވަސް ތެރޭގައި ފްލެޓު އެގްރިމެންޓުގައި ސޮއިކުރަން ފެށޭނެ ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.

އެފްޑީސީން ސޯޝަލް މީޑިއާގައި އާއްމުކުރި ކުރު ވީޑިއޯއެއްގައި ބުނީ، ފްލެޓްގެ އެގްރިމެންޓުތައް ޕްރިންޓުކޮށް ނިންމާފައިވާ ކަމަށެވެ. ލިސްޓުގެ ކަންކަން ނިމޭތާ ތިން ދުވަހުގެ ތެރޭގައި ސޮއިކުރަން ފެށޭނެ ކަމަށް ބުނެ، އެ މަސައްކަތާ ގުޅޭ އިތުރު ތަފްސީލު ދޭނެ ކަމަށް އެ ވީޑިއޯގައި ބުނެފައިވެ އެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އަންނަނީ 4،000 ފްލެޓު އަޅަމުންނެވެ. ނަމަވެސް، މިިދިޔަ ޖުލައި 17 ގައި އެ ވެރިކަން ނިމުނުއިރު، އެ ސަރުކާރުން ވަނީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށް ބައެއް މީހުންނަށް ލިޔުން ވެސް ދީފަ އެވެ. އެ ފްލެޓަށް 13،000 މީހުން ހަމަވާ ކަމަށް ކަނޑައަޅައި، ކުރީގެ ސަރުކާރުން ވަނީ ބާކީ ތިބި މީހުންނަށް އިތުރު ފްލެޓު އަޅާނެ ކަމަށް ބުނެފަ އެވެ.

އެކަމަކު، އޭސީސީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ފްލެޓު ދިނުން މަޑުޖައްސާލަން އަންގައިފަ އެވެ.

އޭސީސީން ބުނީ ހައްސާސީ މައްސަލައަކަށް ވުމުން، ފްލެޓާ ގުޅޭގޮތުން ހުށަހެޅި މައްސަލަތައް ވީހާ އަވަހަކަށް ނިންމަން ތަހުގީގު ޓީމުން މަސައްކަތްކުރާ ކަމަށެވެ.

"ކުރިއަށްދާ ތަހުގީގަކަށް ވުމުން، ތަހުގީގު މަރުހަލާ ތެރޭގައި ވެސް ފާހަގަވާ އިތުރު ކަންކަން ހުންނާތީ، ތަހުގީގު ނިންމާލެވޭނެ ދުވަހެއް ބުނަން ދަތި." އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް، މި މަހުގެ 8 ވަނަ ދުވަހު ވިދާޅުވި އެވެ.