Roadha Mihaaru
ގަތަރުން އިތުބާރާ އެކު އޭޝިއަން ކަޕް ފަށައިފި

އަމިއްލަ ގައުމުގައި ގަތަރުން އިތުބާރާ އެކު އޭޝިއަން ކަޕް ފަށައިފި

13 ޖެނުއަރީ 2024

ލުސެއިލް (ޖެނުއަރީ 13) - އެންމެ ފަހުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ، ތަށި އުފުލާލި ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި އޭޝިއަން ކަޕް ފަށައިފި އެވެ.

ލުސެއިލް (ޖެނުއަރީ 13) - އެންމެ ފަހުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ، ތަށި އުފުލާލި ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި އޭޝިއަން ކަޕް ފަށައިފި އެވެ.

މުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ގަތަރާއި، މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖޭން ގުރޫޕް ސްޓޭޖު ފަހު މެޗުގައި ކުޅުނު ލެބަނާން އެވެ. މި މެޗުން ގަތަރު ވަނީ 3-0 އިން މޮޅުވެފަ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕް ކާމިޔާބު ކުރި ގަތަރަށް، މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގައިދޭން، ކުރީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާޣެ މަގާމް ހޯދި އަލްމުއީޒް އަލީ ގޯލެއް ޖެހި ނަމަވެސް އޭރު އޭނާ ހުރީ އޮފްސައިޑްގަ އެވެ.

ގަތަރުން މެޗުގައި ފުރަތަމަ ގޯލު ޖަހީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ އަކްރަމް އަފީފް އެވެ. ދެވަނަ ހާފު ފެށިގެން 10 ވަރަކަށް މިނިޓު ފަހުން އެޓީމަށް ލީޑު ފުޅާ ކޮށްދިން ގޯލު ޖަހައިދިނީ އަލްމުއީޒް އެވެ. އަދި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ، ފުރަތަމަ ލަނޑު ވެސް ޖެހި އަފީފް އެވެ.

އަފީފް، ގަތަރަށް ގޯލެއް ޖަހައިދިނުމަށް ފަހު އުފާފާލު ކުރަނީ، އޭނާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފަ.-- ފޮޓޯ: އޭއެފްޕީ

އަފީފް، ގަތަރަށް ގޯލެއް ޖަހައިދިނުމަށް ފަހު އުފާފާލު ކުރަނީ، އޭނާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފަ.-- ފޮޓޯ: އޭއެފްޕީ

ލުސެއިލް ސްޓޭޑިއަމްގައި މުބާރާތް ފެށި މެޗު ބާއްވާފައި ވާއިރު، ދެން މި ސްޓޭޑިއަމްގައި ކުޅޭނީ މުބާރާތުގެ ފައިނަލް މެޗެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

އޭޝިއަން ކަޕްގެ ތަށި ގަތަރުން އުފުލާލައި، ފަހުން އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގައި ގަތަރަށް އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ. ނަމަވެސް އަމިއްލަ ގައުމުގައި އެޓީމުން އޭޝިއަން ކަޕް މި ފެށީ އިތުބާރާ އެކު އެވެ.

ގަތަރާއި ލެބަނާން އާއެކު ޗައިނާ އާއި ތަޖިކިސްތާން ހިމެނެނީ ގުރޫޕް އޭގަ އެވެ. ގުރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިއާ އާއި އިންޑިއާ އަދި އުޒްބަކިސްތާނާއި ސީރިއާ އެވެ. އިރާނާއި ޔޫއޭއީ އަދި ހޮންގް ކޮންގް އާއި ފަލަސްތީނު ހިމެނެނީ ގުރޫޕް ސީގަ އެވެ.

އޭޝިއަން ކަޕްގެ އެންމެ ކާމިޔާބު ޓީމު ޖަޕާނާ އެކު ގުރޫޕް ޑީގައި ހިމެނެނީ އިންޑޮނޭޝިއާ އާއި އިރާގު އަދި ވިއެޓްނާމެވެ. މެލޭޝިއާ އާއި ބަހްރޭން އަދި ޖޯޑަން ހިމެނެނީ ދެކުނު ކޮރެއާ އާއެކު ގުރޫޕް އީގަ އެވެ. ގުރޫޕް އެފްގައި ހިމެނެނީ ސައުދީ އަރަބިއްޔާ އާއި ތައިލެންޑްގެ އިތުރުން ކިރިގިސްތާނާއި އޮމާން އެވެ.

މުބާރާތުގައި ދެން އެންމެ އަވަހަށް ކުޅޭނީ މިއަދު ހަވީރު ރާއްޖެ ގަޑިން 4:30 ގައި އޮސްޓްރޭލިއާ އާއި އިންޑިއާ ބައްދަލުކުރާ މެޗެވެ. މި މެޗުގެ ރެފްރީކަން ކުރާނީ މުބާރާތުގެ ތާރީހުގައި ވެސް ފެންނާނެ ފުރަތަމަ އަންހެން ރެފްރީ، ޖަޕާނުގެ ޔޮޝިމީ ޔަމަޝިތާ އެވެ. އޭނާ ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގާއި އަންހެނުންގެ ވޯލްޑް ކަޕް މުބާރާތުގައި ވެސް ރެފްރީކަން ކޮށްފަ އެވެ.

މިދިޔަ އަހަރު ބާއްވަން އޮތް އޭޝިއަން ކަޕް އެންމެ ފުރަތަމަ ބާއްވަން އޮތީ ޗައިނާގަ އެވެ. ނަމަވެސް އެ ގައުމުގެ ޒީރޯ ކޮވިޑް ޕޮލިސީއާ ގުޅިގެން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ދޫކޮށްލުމުން ގަތަރުން ވަނީ ދެވަނަ ފަހަރަށް އޭއެފްސީން ހުޅުވާލި ބިޑް، 2022 ގެ އޮކްޓޫބަރު މަހު ކާމިޔާބު ކޮށްފަ އެވެ.

ގަތަރުގައި މިދިޔަ އަހަރު މި މުބާރާތް ނުބޭއްވުނީ، އެންމެ ފަހުގެ ވޯލްޑް ކަޕް މުބާރާތެކޭ އެއްގޮތަށް އެގައުމުގެ ހޫނުމިން މަތިވުމުގެ އިތުރުން، މިދިޔަ އަހަރުގެ އުތުރު އެމެރިކާ ސަރަހައްދުގެ ކޮންކާކަފް ގޯލްޑް ކަޕްގައި ގަތަރު ވާދަ ކުރަން ޖެހުމުންނެވެ. ގޯލްޑް ކަޕްގައި ވާދަކުރަން އުތުރު އެމެރިކާ އިން ދިން ފުރުސަތު ގަތަރުން ވަނީ 2020 ވަނަ އަހަރު ގަބޫލު ކޮށްފަ އެވެ.