Roadha Mihaaru
އާޒިމަށް ރައީސް ދެއްވީ އެއްބާރުލުމުގެ ޔަގީންކަން

މޭޔަރު ކަމަށް ހޮވުނު އާޒިމަށް ރައީސް މަރުހަބާ ދަންނަވައި ވިދާޅުވީ އެއްބާރުލުން ދެއްވާނެ ކަމަށް

13 ޖެނުއަރީ 2024

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބުކުރެއްވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބުކުރެއްވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.

ބޮޑު ތަފާތަކުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާޒިމް މޭޔަރުކަމަށް ހޮވުމުން އޭނާއަށް މަރުހަބާ ދަންނަވައި ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލާއި މޭޔަރަށް ދެއްވާނެ ކަމަށެވެ.

ރައީސް އެގޮތަށް ވިދާޅުވިއިރު އެމަނިކުފާނު ކުރިން މާލޭ ސިޓީ ކައުންސިލުގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އެމަނިކުފާނަށް ތަފާތު ދަތިތައް ކުރި ކަމަށް ވިދާޅުވެފައިވެ އެވެ.

އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކޫރުގެ ކެމްޕޭނުގައި ވެސް ރައީސް ވަނީ ސަރުކާރަށް ނިސްބަތްނުވާ ކެންޑިޑޭޓަކު ހޮވައިގެން މާލެ ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ޕްލޭނަށް ހުރަސްއެޅޭ ގޮތަށް "ރިސްކެއް" ނުނެގުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މި އިންތިހާބުގައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 55 ވޯޓު ފޮށި ބެހެއްޓި އެވެ. މިހާތަނަށް ގުނިފައިވާ 41 ފޮށީގެ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅެނީ އާޒިމެވެ. އާޒިމަށް ވަނީ 5،303 ވޯޓު ލިބިފަ އެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރަށް ލިބިފައި ވަނީ 3،301 ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާ މެމްބަރު މުހައްމަދު ސައިފް ފާތިހަށް ލިބިފައި ވަނީ 1،634 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 56,002 މީހަކަށް ލިބޭއިރު، ވޯޓުލާން ނުކުމެފައިވަނީ އޭގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސަންޓު މީހުންނެވެ.