Roadha Mihaaru
"މުޅި ރާއްޖޭން މި ސަރުކާރަށް ނޫނެކޭ ބުނާނެ"

މުޅި ރާއްޖޭން މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ކައިރީގައި: ސޯލިހް

13 ޖެނުއަރީ 2024

މުޅި ރާއްޖޭން މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ކައިރީގައި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މުޅި ރާއްޖޭން މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ކައިރީގައި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލެ ރައްޔިތުންނަށް ޝުކުރު އަދާ ކުރުމަށް ސަލްޓަން ޕާކުގައި މިރޭ ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ މާލޭގެ ރައްޔިތުން މިއަދު މި ސަރުކާރަށް އެ ދިނީ މެސެޖެއް ކަމަށެވެ.

ސޯލިހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވެސް ހައްދަވަނީ ދޮގު ކަމަށާއި ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެއިން ވެސް ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށެވެ.

"ސަރުކާރުގެ އަސްލު ސިފަ މިއަދު ހާމަވާން ފަށައިފި. މާލޭގެ ރައްޔިތުން ނޫނެކޭ ބުނެފި. އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެ، މުޅި ރާއްޖެ މި ސަރުކާރަށް ނޫނެކޭ ބުނާ ދުވަސް އޮތީ ވަރަށް ކައިރީގައި،" ސޯލިހު ވިދާޅުވި އެވެ.

އާޒިމް މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް ސަލްޓަން ޕާކުގައި ބޭއްވި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ

އާޒިމް މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް ސަލްޓަން ޕާކުގައި ބޭއްވި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ

މާލޭގެ 71 ޕަސެންޓް ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފައިވާ ކަމަށާއި ވެރިކަމަށް އައިތާ ދެ މަސް ނުވަނީސް މި ސަރުކާރުގެ ސިޔާސަތުތަކަށް މާލޭގެ ރައްޔިތުން ނޫނެކޭ ބުނީ ސަބަބެއް ނެތިއެއް ނޫން ކަމަށް ސޯލިހް ވިދާޅުވި އެވެ.

"މި ސަރުކާރު ވެރިކަމަށް އައި ގޮތާއި ދެއްކި ވާހަކަތަކާއި އޮޅުވާލުމާއި ނަފުރަތާއި ހެދި ދޮގުތައް މިއަދު ހާމަވާން ފަށައިފި. ސަރުކާރުގެ އަސްލު ސިފަ ހާމަވާން ފަށައިފި،" އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ވެސް އެ މަނިކުފާނު [ރައީސް މުއިއްޒު] ކުރައްވަމުން ގެންދަވާ މަސައްކަތަކީ ވެރިކަމަށް އައުމަށް ކުރެއްވި މަސައްކަތް. ދޮގު ހެދުމާއި، އޮޅުވާލުމާއި، ނަފުރަތާއި ގަދަ ބަސް ބުނުން. އެއަކުން ކާމިޔާބެއް ނުވާނެ."

އާޒިމް މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް ސަލްޓަން ޕާކުގައި ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތައް ވީ އެންމެ އަވަހަށް ދިނުމަށް ރައީސް މުއިއްޒަށް ސޯލިހު ވަނީ ގޮވާލާފަ އެވެ.

"ރައީސް މުއިއްޒަށް އަޅުގަނޑު ދަންނަވާނީ ލަސްނުކުރައްވާށޭ. މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ދިން ގޯތިތައް މިއަދުން މިއަދަށް ހަވާލު ކުރައްވާށޭ. ފުށިދިއްގަރުފަޅަށް މާލޭގެ ރައްޔިތުން ގެންދަވަން ނުހައްދަވާށޭ. ފްލެޓުތައް ހަވާލު ކުރައްވާށޭ،" ސޯލިހް ވިދާޅުވި އެވެ.

"ދެން އޮތީ ރައްޔިތުން މަޖިލީހުގެ އިންތިހާބު. އެ އިންތިހާބުން މާލޭގެ ރައްޔިތުންގެ ފަރާތުން ރުހުމެއް ބޭނުންވާ ކަމަށް ވަންޏާ، ވޯޓެއް ބޭނުންވާ ކަމަށް ވަންޏާ، އެއީ މުއިއްޒު ކުރައްވަންވީ ކަމަކީ."

އެހެން ނޫނީ މި ސަރުކާރަށް ރައްޔިތުން އަނެއްކާވެސް ބޮޑު ތަނުން ނޫނެކޭ ބުނާނެ ކަމަށް ސޯލިހް ވިދާޅުވި އެވެ.

މިއަދު ބޭއްވި މޭޔަރު ހޮވުމުގެ އިންތިހާބުގައި 17،000 އަށްވުރެ ގިނަ މީހުން ވޯޓުލިއިރު އޭގެ ތެރެއިން 44 ޕަސެންޓު ވޯޓު ހޯއްދެވީ އާޒިމް އެވެ. އާޒިމާ އެންމެ ގާތުން ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާޒިމާ ޝަކޫރެވެ.