Roadha Mihaaru
ޣައްޒާގެ ހަމަލާތަަކަށް 100 ދުވަސް، ދުނިޔެ ކުޅިބަލަން

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކަށް 100 ދުވަސް، ދުނިޔެ އޮތީ ކުޅިބަލަން

14 ޖެނުއަރީ 2024

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިޒްރޭލަށް ދިން ކުއްލި އަދި ވަރުގަދަ ހަމަލާތަކުން އިޒްރޭލަށް ކުރިމަތިވި ބިރުވެރިކަމާ އެއްވަރަށް ލަދު ވެސް ގަތެވެ. ޣައްޒާ ހިސާރުކޮށް އަސާސީ ހުރިހާ ކަމެއް އިޒްރޭލުން ކޮންޓްރޯލްކޮށްގެން ތިއްބާ ޣައްޒާގެ ތެރެއިން ހަމާސްގެ ހަނގުރާމަވެރިން ނުކުމެ އިޒްރޭލުގެ ކުޑަކަކޫ މައްޗަށް ތިރިކުރުވި އެވެ.

އިޒްރޭލުން ހާހަކަށް ވުރެ ގިނަ މީހުން މަރާލައި އަދި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރި އާދަޔާ ހިލާފް ހަމަލާތަކަށް ފަހު ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް އިޒްރޭލުން ދޭން ފެށި ހަމަލާތަކަށް 100 ދުވަސް ވީ އެވެ. ނަމެއްގައި ހަމާސްއާ ދެކޮޅު، އެކަމަކު ފަލަސްތީނުގެ އާންމު ރައްޔިތުންނާއި އެ މީހުންގެ ގެދޮރާއި މުދާ ނައްތާލަން ކެނޑިނޭޅި ބޮން އަޅަމުން ގެންދާއިރު މިއީ އިޒްރޭލުން މިހާތަނަށް ޣައްޒާއަށް ދޭ އެންމެ ވަރުގަދަ ހަމަލާތަކެވެ.

އދ. އާއި ގައުމުތަކުން މި ހަމަލާތަކާ މެދު ކަންބޮޑުވެގެން ވާހަކަ ދައްކާތާ ވެސް 100 ދުވަސް ބޭކާރުވީ އެވެ.

އދ. އިން އިއްޔެ ބުނި ގޮތުގައި ޣައްޒާއަށް ދޭ ހަމަލާތައް "އިންސާނިއްޔަތުގައި ޖެހޭ ލައްގަނޑަކަށް" މިހާރު ވެއްޖެ އެވެ. އަނެއްކޮޅުން އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވަނީ "ހަމާސް ނައްތާލުމުގެ ހަނގުރާމަ" ދެ ގުނަ ވަރުގަދަވާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭތާ 100 ދުވަސް ވުމާ ދިމާކޮށް އެމެރިކާގެ ވައިޓް ހައުސް ކައިރީގައި އިއްޔެ މުޒާހަރާކޮށް، ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އަޑު އުފުލި އިރު އިޒްރޭލާއި އެމެރިކާގެ ވެރިން ހަނގުރާމައިގެ ކުށްވެރިންގެ ގޮތުގައި ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ހަމަލާތަކަށް 100 ދުވަސް ވީއިރު ހަމަލާތައް ހުއްޓުމަކަށް އައުމުގެ ބަދަލުގައި ފެންނަނީ އިތުރަށް ހާލަތު ގޯސްވެދާނެ ކަމުގެ އަލާމާތްތަކެވެ. އިޒްރޭލުގެ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގައި އާގުބޯޓުތަކަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އެމެރިކާ އާއި އިނގިރޭސި ވިލާތުން ޔަމަނަށް ވަނީ ހަމަލާ ދީފަ އެވެ. އަނެއްކޮޅުން ހޫތީންގެ އިންޒާރު ވެސް ވަރުގަދަވެ، މުޅި ސަރަހައްދަށް ހަނގުރާމަ ފުޅާވެދާނެ ކަމުގެ ކަންބޮޑުވުން މިހާރު އެބަ އޮތެވެ.

އިޒްރޭލުގެ 1،140 މީހަކު މަރާލުމުން ހަމާސް ނައްތާލަން ކަމަށް ބުނެ ދޭ ހަމަލާތަކުގެ ނަތީޖާއާ މެދު އެންމެ ބޮޑަށް ސުވާލު އުފެދެނީ ހަމާސް އިން ރަހީނުކުރި ކަމަށް ބުނާ އިޒްރޭލުގެ 250 މީހުންގެ ތެރެއިން އަދިވެސް 132 މީހަކު އަދިވެސް ޣައްޒާގައި ހަމާސްގެ ބާރުގެ ދަށުގައި ތިބުމެވެ. އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 23،843 މީހަކު ޝަހީދުވެގެން ދިޔައިރު ވެސް ހަމާސް ހަމަ އެގޮތުގައި ތިބުމެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭތާ 100 ދުވަސް ވުމާ ދިމާކޮށް އެމެރިކާގެ ވައިޓް ހައުސް ކައިރީގައި އިއްޔެ މުޒާހަރާކޮށް، ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އަޑު އުފުލަނީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭތާ 100 ދުވަސް ވުމާ ދިމާކޮށް އެމެރިކާގެ ވައިޓް ހައުސް ކައިރީގައި އިއްޔެ މުޒާހަރާކޮށް، ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އަޑު އުފުލަނީ. -- ފޮޓޯ: އޭއެފްޕީ

ހަމާސް ނައްތާލަން ކަމަށް ބުނަޏަސް ނަތީޖާއަކަށް ވެފައި ވަނީ ކާނާ އާއި ފެނާއި ބޭހާއި އަސާސީ ހުރިހާ ތަކެއްޗެއް އަދި ސިއްހީ ނިޒާމު ވެސް ޣައްޒާގައި ނެތި ދިއުމާ ކައިރިވުމެވެ.

ހަމަލާތަކަށް 100 ދުވަސްވުމާ ދިމާކޮށް ޣައްޒާއަށް ވަޑައިގެންނެވި އދ.ގެ، ރެފިއުޖީންނާ ބެހޭ އެޖެންސީގެ ވެރިޔާ ފިލީޕް ލަޒާރިނީ ވިދާޅުވީ އެތައް ހާސް ބައެއްގެ މަރާއި އިމާރާތްތައް ސުންނާފަތިވުމާއި ހައިހޫނުކަމާއި ހިތާމަވެރިކަމަކީ މި 100 ދުވަހު އިންސާނިއްޔަތުކަމުގައި ޖެހުނު ލައްގަނޑެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުޑަކުދިންގެ އެއް ޖީލު އެކީ ބިރުވެރިކަމާއި ހާސްކަމުގެ ތެރެއަށް ހިނގައްޖެ ކަމަށެވެ. އަދި ބަނޑަށް ޖެހުމާ އޮތީ ދާދި ގާތުގައި ކަމަށް ވިދާޅުވެ އިންޒާރު ދެއްވި އެވެ.

"އެއްވެސް ބަޔަކަށް ނުހުއްޓުވޭނެ"

މިހާ ހިސާބަށް އައި އިރު، ދެކުނު އެފްރިކާ އިން ވަނީ އިޒްރޭލުން ޣައްޒާގައި ފަލަސްތީނުގެ ނަސްލު ނައްތާލަން އުޅޭ ކަމަށް ބުނެ އެކަން ހުއްޓުވަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅައިފަ އެވެ.

ހަމަލާތައް ވަގުތުން ހުއްޓުމުގެ އަމުރަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފަށާފައި ވާއިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ހަމާސް ނައްތާލަން" އިޒްރޭލުން ކުރާ މަސައްކަތް "އެއްވެސް ކޯޓަކަށް، އަސްކަރީ އެއްވެސް ބާރަކަށް ނުހުއްޓުވޭނެ" ކަމުގެ އިންޒާރު ދީފަ އެވެ.

"އެކަކަށް ވެސް އަހަރެމެން ނުހުއްޓުވޭނެ. ހޭގް (އައިސީޖޭ) އަކަށް ވެސް ނުހުއްޓުވޭނެ، އީރާންގެ މަދަދު ލިބޭ ގްރޫޕްތަކަކަށް ވެސް ނުވާނެ،" ޓީވީ މެދުވެރިކޮށް ފޮނުވި ހިތާބެއްގައި އިންޒާރު ދީފައިވެ އެވެ.

ނަތަންޔާހޫ ސިފަކުރެއްވި ގޮތުގައި ޣައްޒާއިން ހަމާސްގެ ބާރު ވަރަށް ބޮޑަށް ނައްތާލެވިއްޖެ އެވެ. ހަމަލާތައް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި ބޭނުންވާ ކަންތައް ކޮށްފައި ނޫނީ ޣައްޒާގެ ހަމަލާތައް ނުހުއްޓާނެ ކަމަށް ބުނާ ވާހަކަ ތަކުރާރު ވެސް ކުރި އެވެ.

އަނެއްކޮޅުން، އިޒްރޭލު ސިފައިންގެ ވެރިޔާ ހާޒީ ހަލޭވީ ވަނީ ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ ހަނދާން ނުނެތޭނެ ކަމަށާއި އިޒްރޭލު ރައްޔިތުން ވެސް ދިރިތިބުމުގެ ހައްގު އޮންނާނެ ކަމަށް ބުނެފަ އެވެ. ހަމަލާ ދެނީ އެހެންވެ ކަމަށް ބުންޏެވެ.

ހަމަލާތަކަށް 100 ދުވަސް ވީއިރު ދުނިޔެ އޮތީ ކުޅިބަލާށެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނު ރައްޔިތުންގެ ހިމާޔަތަށް ގޮވާލައި އެތައް ހާސް ބަޔަކު އެއްވުންތައް ބާއްވާނެ އެވެ. އެކަމަކު އެ އެއްވުންތައް ބާއްވާ ގައުމުތަކުގެ ސަރުކާރުތަކަށް އެއިން އެއްވެސް މަންޒަރެއް ނުފެނެ އެވެ. އަޑެއް ނީވެ އެވެ.