Roadha Mihaaru
ރާއްޖެ-ޗައިނާއާ ދެމެދު އަންނަ މަހު ދަތުރުތައް ފަށަނީ

ރާއްޖެ-ޗައިނާއާ ދެމެދު އަންނަ މަހު ދަތުރުތައް ފަށަނީ

18 ޖެނުއަރީ 2024

ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަންނަ މަހުގެ 14 ގައި ފަށަން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާންގް ލީޝިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަންނަ މަހުގެ 14 ގައި ފަށަން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާންގް ލީޝިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅޭ މައުލޫމާތުތައް ދިނުމަށް ސަފީރު ލީޝިން އިއްޔެ ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވީ، ފޫޖޫ ސިޓީ އާއި ރާއްޖެއާ ދެމެދު ޗާޓަރު ފްލައިޓްތައް އަންނަ މަހުގެ 14 ގައި ފަށަން ނިންމާފައިވާ ކަމަށެވެ. ދަތުރުތައް އަޅަނީ ޗައިނާގެ ޝިއާމަން އެއާލައިނުންނެވެ.

"އެކަމާ ގުޅޭ އިތުރު މަޝްވަރާތަކާއި ގޮތްތައް ނިންމުމަށް ޗައިނާގެ ޓީމެއް މިއަދު [މާދަމާ] ރާއްޖެ އަންނާނެ،" ސަފީރު އިއްޔެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އިތުރު ފްލައިޓްތައް ބޭއްވުމުގެ މަޝްވަރާތައް ވެސް އަންނަނީ ކުރަމުންނެވެ. ހާއްސަކޮށް ކޮވިޑުގެ ކުރިން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާ އިން ކަމަށް ވާއިރު އަނެއްކާ ވެސް އެ އަދަދު އިތުރު ކުރަން ދެ ސަރުކާރު ގުޅިގެން މަސައްކަތްތައް ކުރާނެ ކަމަށް ލީޝިން ވިދާޅުވި އެވެ.

ރާއްޖެ އިން ޗައިނާގައި މިދިޔަ ހަފުތާގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ރައީސް ޑރ. މުއިއްޒު ބައެއް ބޭފުޅުންނާ ވާހަކަ ދައްކަވަނީ.

ރާއްޖެ އިން ޗައިނާގައި މިދިޔަ ހަފުތާގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ރައީސް ޑރ. މުއިއްޒު ބައެއް ބޭފުޅުންނާ ވާހަކަ ދައްކަވަނީ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ފްލައިޓުތައް ބޭއްވި ދެ ގައުމުގެ އެންމެ މަތީ ފެންވަރުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. ޗައިނާގެ މި ފިނި މޫސުމުގައި ޝިއާމަން އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް އެ އެއާލައިނުން ކަނޑައަޅާފައިވާކަން ވެސް ރައީސް މިދިޔަ ހޮނިހިރު ދުވަހު ހާމަކުރެއްވި އެވެ.

"ޗައިނާގެ ޝިއާމަން އިން މާލެ އަށް، މާލެ އިން ޝިއާމަން އަށް ޑައިރެކްޓް ފްލައިޓްސް އޮންނާނެ. އޭގެ އިތުރަށ،ް އެކިއެކި ދާއިރާތައް ވެސް އިރާދަކުރެއްވިއްޔާ އިތުރުކުރެވިގެން ދާނެ. ޑައިރެކްޓް ފްލައިޓްތައް ވެސް އިތުރުވާނެ،" ޗައިނާގެ ދަތުރުފުޅަށް ފަހު ދެއްވި މީޑިއާ ސްޓޭޓްމަންޓުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އޭގެ ސަބަބުން އަދި އޭގެ އިތުރަށް މާކެޓިން އިތުރަށް ފުޅާކުރެވިގެންދާނެ"

ރައީސް ވިދާޅުވީ، ކޮވިޑުގެ ކުރިން ރާއްޖެ އަށް ޗައިނާގެ ޓޫރިސްޓުން އައި އަދަދު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ގުނަ ކުރަން ދަތުރުފުޅުގައި ޗައިނާއާ އެކު މަސައްކަތްތައް ތަރުތީބު ކުރެއްވި ކަމަށެވެ.