Roadha Mihaaru
އަންހެނުންނަށް 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

އަންހެނުންނަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

19 ޖެނުއަރީ 2024

އަންހެނުން ބާރުވެރިކޮށް ވިޔަފާރީގެ މައިދާނަށް އަންހެނުން ނެރުމަށް 100 މިލިއަން ރުފިޔާގެ ލޯނު އަންހެނުންނަށް ހާއްސަކޮށް ދޫކުރަން ނިންމާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަންހެނުން ބާރުވެރިކޮށް ވިޔަފާރީގެ މައިދާނަށް އަންހެނުން ނެރުމަށް 100 މިލިއަން ރުފިޔާގެ ލޯނު އަންހެނުންނަށް ހާއްސަކޮށް ދޫކުރަން ނިންމާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެ އެވެ.

އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް އެއް ތަނަކުން ލިބޭނެ މަގު ފަހިކުރުމަށް "ހިޔަލަ ވީކެންޑް މާކެޓް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގު ފަހިކުރުމަށް ހުޅުމާލެއިން ވަކި ތަނެއް ހާއްސަކޮށް، އެމީހުންނަށް ކުޑަ ކުލީގައި ފަސޭހަ ގޮތެއްގައި އެކަން ކުރެވޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

އެކަން މިރޭ ހާސިލުވުމަކީ އަންހެން ވިޔަފާރިވެރިންނަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމުގެ މަންފާކުރާނީ ހަމައެކަނި އަންހެން ވިޔަފާރިވެރިންނަކަށް ނޫން. މިއީ އެ އާއިލާތަކަށް ވެސް ޖުމްލަ ގޮތެއްގައި މުޅި މުޖުތަމައަށް ވެސް ލިބޭ ފަހި މަގަކަށް، ކުރިމަގަކަށް އަދި ފުއްދުންތެރިކަމަކަށް އިތުރުކުރެވޭ އާ މަގަކަށް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުފާވެރި އަބުރުވެރި ދިރިއުޅުމަކަށް ފުއްދުންތެރިކަމަކީ އެންމެ މުހިއްމު އެއް ކަންތައް ކަމަށާއި ބައިނަލްއަގްވާމީ ރިސާޗުތަކުން ވެސް ދައްކަނީ އާއިލާއެއްގައި ހުންނަ އަންހެނަކީ ފުއްދުންތެރި މީހަކަށް ވުމުން އެކަމުގެ އުފާވެރިކަން މުޅި އާއިލާއަށް ކުރާ ކަމަށެވެ.

އެހެންވެ އަންހެނުން ބާރުވެރިކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ސަރުކާރުން ނިންމާފައިވާއިރު ކުދި ވިޔަފާރިތަކަށް ވެސް މާލީ އެހީ ދިނުމަށް ލޯނެއް ވަރަށް އަވަހަށް ތައާރަފުކުރެވޭނެ ކަމަށެވެ.

"މީގެ އިތުރުން ވެސް ފުއްދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހިއްމު ދެ ވައުދެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވަން. މިގޮތުން އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އެ ފުރުސަތުތަކުގެ ބޭނުން ވީހާ ވެސް ގިނަ އަންހެނުން ހިފުމަށް އެދިވަޑައިގެންފަ އެވެ.

ހިޔަލަ މާކެޓް ކުރިއަށް ދާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރު ޕާކު ސަރަހައްދުގަ އެވެ. މި މޭކެޓް ކޮންމެ ހަފްތާ ބަންދެއްގައި ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށް ދާނެ އެވެ.