Roadha Mihaaru
ނަބާ އާއި މަންހާ ތަފާތު ދައްކައި ރާއްޖެ ފައިނަލްސްއަށް

ނަބާ އާއެކު މަންހާ ވެސް ތަފާތު ދައްކައި ރާއްޖެ ފައިނަލްސް އަށް

20 ޖެނުއަރީ 2024

އޭޝިއާގެ 14 އަހަރުން ދަށުގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕް ރީޖަނަލް ކޮލިފައިން މުބާރާތުގެ ދެވަނަ ހަފްތާގެ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ވެސް ނަބާ ނިޝާން ހޯދައި، އަންނަ އަހަރުގެ މުބާރާތުގެ ފައިނަލްސް އަށް ރާއްޖޭގެ ޓީމް ކޮލިފައި ވެއްޖެ އެވެ.

އޭޝިއާގެ 14 އަހަރުން ދަށުގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕް ރީޖަނަލް ކޮލިފައިން މުބާރާތުގެ ދެވަނަ ހަފްތާގެ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ވެސް ނަބާ ނިޝާން ހޯދައި، އަންނަ އަހަރުގެ މުބާރާތުގެ ފައިނަލްސް އަށް ރާއްޖޭގެ ޓީމް ކޮލިފައި ވެއްޖެ އެވެ.

މިއަހަރުގެ ފައިނަލްސްގައި ކުޅޭނީ މިދިޔަ އަހަރުގެ ކޮލިފައިން އިން ހޮވުނު ވިއެޓްނާމާއި ސްރީލަންކާ އެވެ. ރާއްޖެ އާއެކު ވިއެޓްނާމް ވަނީ 2025 ވަނަ އަހަރުގެ ފައިނަލްސް އިން ވެސް ފުރުސަތު ހޯދައިފަ އެވެ.

މިއަހަރުގެ ފައިނަލްސްގައި ރާއްޖޭގެ ޓީމް ނުހިމެނުނު ނަމަވެސް، ނިމިދިޔަ ކޮލިފައިންގައި ދެ ރަން މެޑަލް ހޯދި ނަބާ، އައިޓީއެފްގެ ޓީމުގައި ހިމެނިގެން ކުޅޭނެ އެވެ.

ނިމިދިޔަ ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ޓީމް، ކޯޗާ އެކު.-- ފޮޓޯ: ވިއެޓްނާމް ޓެނިސް އެސޯސިއޭޝަން

ނިމިދިޔަ ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ޓީމް، ކޯޗާ އެކު.-- ފޮޓޯ: ވިއެޓްނާމް ޓެނިސް އެސޯސިއޭޝަން

ދެކުނު އޭޝިއާ އާއި އިރުދެކުނު އޭޝިއާގެ އިތުރުން އިރުމަތީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވި މި ކޮލިފައިންގެ ފުރަތަމަ ހަފްތާ މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދާފައި ވަނީ ސްރީލަންކާގެ ކުޅުންތެރިއަކާ ދެކޮޅަށެވެ. ނަމަވެސް ބުދަ ދުވަހު ނިންމާލި ދެވަނަ ހަފްތާގެ މުބާރާތުގައި ސިންގަލްސް ފައިނަލަށް ރާއްޖޭގެ ދެ ކުޅުންތެރިން ވަނީ ދަތުރު ކޮށްފަ އެވެ.

ދެވަނަ ހަފްތާގައި ނަބާ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ މަންހާ މުހައްމަދު އަލީއާ ވާދަކޮށެވެ. ފައިނަލް މެޗުގެ ދެ ސެޓް ނަބާ ގެންގޮސްފައި ވަނީ 6-0، 6-1 އިންނެވެ.

އެއްވަނައަށް ސީޑް ކުރެވުނު ނަބާ ވަނީ ސެމީ ފައިނަލްގައި ސްރީލަންކާގެ އަކީޝާ ހިރުންދީ ސިލްވާ ދިޔުނުގޭ ބަލިކޮށްފަ އެވެ. އަދި ކުއާޓާގައި ވަނީ ފަސޭހަ ކަމާއެކު ލަންކާގެ ސަންދިތީ އުސްގޮޑާ އަރައްޗީ ބަލިކޮށްފަ އެވެ.

ނަބާ އާއި މަންހާ ބައްދަލުކުރި ސިންގަލްސް ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: ވިއެޓްނާމް ޓެނިސް އެސޯސިއޭޝަން

ނަބާ އާއި މަންހާ ބައްދަލުކުރި ސިންގަލްސް ފައިނަލް މެޗުގެ ތެރެއިން.-- ފޮޓޯ: ވިއެޓްނާމް ޓެނިސް އެސޯސިއޭޝަން

މި މުބާރާތުން ބޮޑު ކުރިއެރުމެއް ހޯދި މަންހާ ވަނީ ސެމީ ފައިނަލްގައި، ހަތަރުވަނައަށް ސީޑް ކުރެވުނު ވިއެޓްނާމްގެ އެންގޮކް ކާން ހުއީން ބަލިކޮށްފަ އެވެ. އަދި ކުއާޓާގައި ވަނީ ދެވަނައަށް ސީޑް ކުރެވުނު ލަންކާގެ އަންނަޔާ ޖޮއާނީ ނޯބެޓް ބަލިކޮށްފަ އެވެ. އަންނަޔާ އަކީ ފުރަތަމަ ހަފްތާގެ މުބާރާތުގެ ފައިނަލްގައި ނަބާއާ ދެކޮޅަށް ކުޅުނު ކުޅުންތެރިޔާ އެވެ.

ނަބާ އާއި މަންހާ ވަނީ އަންހެން ޑަބަލްސްގައި ވެސް ކުރިއެރުން ހޯދައިފަ އެވެ. އެގޮތުން ޑަބަލްސް ފައިނަލްގައި ވެސް މި ޕެއާ ވާދަ ކުރި އެވެ. ފައިނަލްގައި ވާދަވެރި ކުޅުމަކަށް ފަހު ބަލިވީ، އެއްވަނައަށް ސީޑް ކުރެވުނު ލަންކާގެ އަކީޝާ އާއި ސަންދިތީގެ ޕެއާ އަތުން 6-2، 2-6 އަދި 10-7 އިންނެވެ.

ފިރިހެން ޑަބަލްސް ސެމީއަށް ދިޔަ

ވިއެޓްނާމްގައި ކުރިއަށް ދިޔަ މި ކޮލިފައިން މުބާރާތުގައި ރާއްޖޭގެ ފިރިހެން ޑަބަލްސް ޕެއާ ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

މިކާ މުހައްމަދު ކަލީމް އާއި އާދަމް އާލް ނިޔާޒްގެ ޕެއާ ވަނީކުއާޓާގައި 6-2، 6-0 އިން ބުރުނާއީގެ އީސޮން ޔީ ޗާން ލިމް އާއި ހާޒިގް ސަބްރީން ގެ ޕެއާ ބަލިކޮށްފަ އެވެ.

މިކާ އާއި އާލްގެ ޕެއާ ސެމީގައި ބަލިވީ ވިއެޓްނާމްގެ ޓިއެން އަން ލެ އާއި ޓުއާން ޕޮންގް ވޫގެ ޕެއާ އަތުން 6-1، 6-1 އިންނެވެ.

ސިންގަލްސްގައި އާލް ބަލިވީ ކުއާޓާގައި ބުރުނާއީގެ ހާޒިގް އަތުންނެވެ. އަދި މިކާ ބަލިވީ ބުރުނާއީގެ އީސޮންއާ ވާދަކޮށެވެ.

ކޮލިފައިން މުބާރާތުގައި ހަތް ގައުމަކުން 28 ކުޅުންތެރިން ވާދަކޮށްފައި ވެއެވެ. ވާދަކުރި ގައުމުތަކަކީ ބުރުނާއީ، ކެމްބޯޑިއާ، މޮންގޯލިއާ، ސްރިލާންކާ، ބޫޓާން، ދިވެހިރާއްޖެ އަދި ހޯސްޓް ވިއެޓްނާމް އެވެ.