Roadha Mihaaru
ގައުމީ ޓެނިސް ޗެމްޕިއަންކަން ފާއި އާއި ނަބާ އަށް

ގައުމީ ޓެނިސް ޗެމްޕިއަންކަން ފާއި އާއި ނަބާ އަށް

05 އޯގަސްޓް 2024

ގައުމީ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން އަބްދުﷲ ފާއިހް ފަޒީލާ (ފާއި) ނަބާ ނިޝާން ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން އަބްދުﷲ ފާއިހް ފަޒީލާ (ފާއި) ނަބާ ނިޝާން ހޯދައިފި އެވެ.

ފިރިހެން ޑިވިޝަން އޯޕަން ބައިގެ ޗެމްޕިއަންކަން ފާއި ހޯދީ ފައިނަލް މެޗުގައި މުހައްމަދު ނޫހް ނާޒިހް ބަލިކޮށްގެންނެވެ. އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ނަބާ ހޯދީ ފައިނަލުގައި ލަޔާން މުހައްމަދު ޝާމިންގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.

އަންހެން ސިންގަލްސް ތަށީގެ އިތުރުން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ވެސް އާރާ އާސަލް އާޒިމާ އެކު ހިއްސާވެ ނަބާ ވަނީ ހޯދައިފަ އެވެ. އެ ދެ ޕެއާ ކާމިޔާބު ހޯދީ ފައިނަލުގައި މިއްޝަލް މުހައްމަދާއި އާއިޝަތު ކާރިން ސައިޒަނާ ދެކޮޅަށް ކުޅެ އެވެ.

ސިންގަލްސް ފައިނަލުގައި ނާކާމިޔާބާ ކުރިމަތިވި ނަމަވެސް ފިރިހެން ޑަބަލްސް ބައިގައި ދާއޫދޫ ޝަހީބާ އެކު ޕެއާވެ ނޫހު ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ޑަބަލްސް ފައިނަލުގައި ނޫހް އާއި ދާއުދޫގެ ޕެއާ ކާމިޔާބު ހޯދީ އަހްމަދު އައިހަމް ޝިޔާމާ މުސްރިފް މުހައްމަދު ޕެއާ ދެކޮޅަށް ކުޅެގެންނެވެ.

މިކްސްޑް ބަޑަލްސް ކެޓަގަރީގެ ފައިނަލުގައި ނަޔާރާ އުސާމާ އަލީ އާއި އައިހަމްގެ ޕެއާއާ ދެކޮޅަށް ކުޅެ ޗެމްޕިއަންކަން ހޯދީ ލަޔާން މުހައްމަދު ޝާމިން އާއި ރައުދަކް މައުމޫންގެ ޕެއާ އެވެ.

ޖޫނިއާ އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އާރާ އެވެ. ފައިނަލުގައި އޭނާ ކާމިޔާބު ހޯދީ ނަޔާރާއާ ކުޅެގެންނެވެ. ނޫހް ވަނީ ޖޫނިއާ ސިންގަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. ޖޫނިއާ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ބޫހް ހޯދީ ދާއޫދު ބަލި ކުރުމަށް ފަހު އެވެ.