Roadha Mihaaru
އައިޕީއެލްގެ ނަމުގެ އަގަކީ 300 މިލިއަން ޑޮލަރު

އިންޑިއާ ކްރިކެޓް ލީގު ނަމުގެ އަގު 300 މިލިއަން ޑޮލަރަށް

21 ޖެނުއަރީ 2024

އިންޑިއާގެ ޓާޓާ ގުރޫޕުން އެ ގައުމުގެ ކްރިކެޓް ލީގު، އައިޕީއެލް (އިންޑިއަން ޕްރިމިއާ ލީގު) ގެ ޓައިޓަލް ސްޕޮންސަޝިޕް ރައިޓްސް 300 މިލިއަން ޑޮލަރުގެ އަގަކަށް ހޯދައިފި އެވެ.

އިންޑިއާގެ ޓާޓާ ގުރޫޕުން އެ ގައުމުގެ ކްރިކެޓް ލީގު، އައިޕީއެލް (އިންޑިއަން ޕްރިމިއާ ލީގު) ގެ ޓައިޓަލް ސްޕޮންސަޝިޕް ރައިޓްސް 300 މިލިއަން ޑޮލަރުގެ އަގަކަށް ހޯދައިފި އެވެ.

ޓާޓާ ކުންފުނިން މި އަގުގައި ރައިޓްސް ހޯދީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އައިޕީއެލްގެ އިތުރުން، މިދިޔަ އަހަރު ފެށި އެ ގައުމުގެ އަންހެނުންގެ ކްރިކެޓް ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކީ މިހާރު ވެސް ޓާޓާ އެވެ.

އިންޑިއާ ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޖޭ ޝާހް ވިދާޅުވީ "ކުރިން ނުފެންނަ ފަދަ މާލީ ފުދުންތެރިކަމުން ދައްކުވައިދެނީ ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި އައިޕީއެލްގެ ހައިބަތު ބޮޑުވެފައިވާ މިންވަރު" ކަމަށެވެ.

އެންމެ މަތީ ފެންވަރުގެ ބައިނަލްއަގުވާމީ ކުޅުންތެރިން އައިޕީއެލްގައި ކުޅެ އެވެ. ޓީ20 ފޯމެޓަށް ކުޅޭ މި ފްރެންޗައިޒް ލީގުގައި 10 ޓީމު ވާދަކުރެ އެވެ. މި މުބާރާތަކީ އެތައް މިލިއަން ސަޕޯޓަރުން ދުރުންނާއި ގާތުން ވަގުތުން ބަލާ މުބާރާތެކެވެ.

އިންޑިއާގެ ކްރިކެޓް ބޯޑުން ވަނީ މިދިޔަ ޖޫން މަހު ކުރިއަށް އޮތް ފަސް ސީޒަނަށް އައިޕީއެލްގެ ބްރޯޑްކާސްޓިން ރައިޓްސް 6.2 ބިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ.

އައިޕީއެލްގެ ޗެއާމަން އަރުން ސިންގް ދުމާލް ވިދާޅުވީ ޓާޓާ ގުރޫޕު 2024 އިން 2028 އަށް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖެހިގެން ދިޔުމަކީ ބައިނަލްއަގުވާމީ މައިދާނުގައި އައިޕީއެލްގެ ނުފޫޒު ދައްކުވައިދޭ ކަމަށެވެ.