Roadha Mihaaru
ޗައިނާގެ އުޅަނދުން ސާވޭއެއް ނުކުރާނެ: މިނިސްޓްރީ

ޗައިނާގެ އުޅަނދު ރާއްޖޭގައި އެއްވެސް ސާވޭއެއް ނުކުރާނެ: ފޮރިން މިނިސްޓްރީ

23 ޖެނުއަރީ 2024

އިންޑިއާގެ ކަންބޮޑުވުމާ ހެދި ސްރީ ލަންކާ ސަރަހައްދަށް ނުވެއްދި ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖޭގައި ބަނދަރު ކުރިޔަސް އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގައި އެއްވެސް ސާވޭއެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ ކަންބޮޑުވުމާ ހެދި ސްރީ ލަންކާ ސަރަހައްދަށް ނުވެއްދި ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖޭގައި ބަނދަރު ކުރިޔަސް އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގައި އެއްވެސް ސާވޭއެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ކްލިއަރެންސް ދޭނީ އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައި ވާތީ ކަމަށެވެ. އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ސާވޭއެއް ނުކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރާއްޖެ އަކީ އަބަދުވެސް އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ ގައުމެއް ކަމަށާއި ސުލްހަވެރި ބޭނުމަކަށް ރާއްޖޭގައި ބަނދަރުކުރާ މަދަނީ އަދި އަސްކަރީ އުޅަނދުތަކަށް ވެސް ރާއްޖެއިން ހިދުމަތް ދޭ ކަމަށެވެ.

މިކަމުގެ ސަބަބުން ވަރުގަދަ ވަނީ ރާއްޖެ އާއި އެހެން ގައުމުތަކުގެ ދެމެދުގައި އޮންނަ ހާރިޖީ ގުޅުން އެކަނި ނޫން ކަމަށާއި އެހެން ގައުމުތަކުގެ މީހުންނަށް މަރުހަބާ ކިޔުމުގައި ދިވެހިން އަބަދުވެސް ދައްކަމުން އަންނަ ނަމޫނާ ސަގާފަތް މިކަމުން ފެންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"ރާއްޖެ ކުރިއަށް ދާނީ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތައް އަދި މިފަދަ ހުރިހާ މައްސަލަތަކެއްގައި ކަމާ ބެހޭ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކުގެ ހަމަތައް ހިފަހައްޓައިގެން،" އެ ބަޔާނުގައިވެ އެވެ.

ޗައިނާގެ މި އުޅަނދަކީ އަސްކަރީ އުޅަނދެއް ނޫން ނަމަވެސް އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުން ބުނަނީ މި ކަހަލަ އުޅަނދުތަކުން އެއްކުރާ މައުލޫމާތު މަދަނީ އަދި އަސްކަރީ ކަންކަމަށް ބޭނުންކުރެވޭނެ ކަމަށެވެ. އެހެންވެ، މި މަހުގެ ކުރީކޮޅު މި އުޅަނދު ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ކައިރި ކުރަން އުޅުމުން އިންޑިއާ އިން ވަރަށް ބޮޑަށް ދެކޮޅު ހެދުމުން ލަންކާ އިން ވަނީ މި އުޅަނދު ލަންކާގެ އިގްތިސާދީ ސަރަހައްދަށް ވަނުން ވެސް އެއް އަހަރަށް މަނާކޮށްފަ އެވެ.

މިއީ އިންޑިއާގެ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ޖުލައި 21، 2023 ގައި ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުވުމުގައި ލަންކާ އިން ދީފައިވާ ޔަގީން ކަމުގެ މައްޗަށް ނިންމި ގޮތެއް ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

މި އުޅަނދު ރާއްޖެއާ ދިމާލަށް މިހާރު ދަތުރުކުރާ ކަމަށް މެރިން ޓްރެފިކްގެ މައުލޫމާތުތައް ހާމަކުރާ ވެބްސައިޓްތަކުން ދައްކާއިރު އިންޑިއާގެ އަސްކަރީ ބައެއް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ވެސް ބުނެފައި ވަނީ އުޅަނދުގެ މިސްރާބު ހުރީ ރާއްޖެއަށް ކަމަށެވެ.

އިންޑިއާގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައި ވަނީ ފުން ކަނޑުގައި ސާވޭތައް ހަދާ އުޅަނދުގެ މިސްރާބު ރާއްޖެއާ ދިމާލަށް ހުރުމުން އެކަން އިންޑިއާ އިން ގާތުން ބަލައި މޮނިޓަކުރަމުން އަންނަ ކަމަށެވެ.