Roadha Mihaaru
އައިސީޖޭގެ އަމުރަށް ތަބާވާން ޒަމީރު ގޮވާލައްވައިފި

އައިސީޖޭގެ އަމުރަށް ތަބާވާން ޒަމީރު ގޮވާލައްވައިފި

26 ޖެނުއަރީ 2024

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ވަގުތީ އަމުރަށް ތަބާވާން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޖެނޮސައިޑް ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބެލެވޭ ކަންކަން ހުރުމުން އެފަދަ އަމަލުތައް ވަގުތުން ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ވަގުތީ އަމުރަށް ތަބާވާން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ.

ދެކުނު އެފްރިކާ އިން އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރު ނެރުއްވަމުން ފަނޑިޔާރު ޖޯން ޑޮނޮޚުވޭ ވަނީ އިޒްރޭލުން މިއަދުން ފެށިގެން މަސް ދުވަސް ތެރޭގައި، އަމުރާ ގުޅޭ ގޮތުން އަމަލުކުރި ގޮތުގެ ރިޕޯޓެއް ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކުރައްވައިފަ އެވެ.

އެ އަމުރަށް މަރުހަބާ ވިދާޅުވެ، ޒަމީރު މިރޭ އެކްސްގައި ވިދާޅުވީ ކޯޓުގެ ނިންމުމުން ބައިނަލްއަގުވާމީ ގާނޫނުގެ ބާރު ފެނިގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ މި އަމަރު ނިސްބަތްވާ ހުރިހާ ފަރާތްތަކުން މި އަމުރަށް ފުރިހަމައަށް ތަބާވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އަދި ޒަމީރު ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވެސް ރާއްޖޭން ގޮވާލައި ގޮވާލުން މިރޭ ވެސް ތަކުރާރުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލަސްތީނުގައި ހަގީގީ އަދި ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްގެންނެވެ.

އައިސީޖޭން ވަގުތީ އަމުރު ނެރުމަށް ނިންމީ ކޯޓުން ފަހުގެ ނިންމުން ނިންމުމުގެ ކުރިން ޣައްޒާގެ ހާލަތު މިހާރަށް ވުރެ ވެސް ނުރައްކާ ހާލަތަކަށް ހިނގައިދާނެ ސަބަބުތައް ހުރުމުން ކަމަށާއި މިހާރު ވެސް ޣައްޒާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ.

މިއީ ޖެނޮސައިޑް ކޮންވެންޝަންގައި ބުނާ ޝަރުތުތައް ހަމަނުވާ އަދި އެކަށީގެންވާ ހެކި ވެސް ނެތި ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެހެންވެ މި މައްސަލަ ބާތިލްކުރުމަށް އިޒްރޭލުން ކޯޓުގައި އެދުނެވެ. އެކަމަކު ފަނޑިޔާރުންގެ ނިންމެވުން އިއްވަވަމުން ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައި ހުރި ކަންކަމަށް ބަލާއިރު ކޮންވެންޝަނާ ހިލާފް އަމަލުތައް ހިންގާފައިވާ ކަމަށް ބެލެވޭ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ މި މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިގެންވާ ކަމަށް ނިންމީ އެވެ.

މި ފަހަރު އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކެއްގައި 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކުގަ އެވެ. މި ހަމަލާއަށް ފަހު ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ހަމަލާދޭން ފަށައި މިހާތަނަށް 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު މިއީ އިޒްރޭލުން މިހާތަނަށް ޣައްޒާއަށް ދިން އެންމެ އަނިޔާވެރި ހަމަލާތަކެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ޝިކާރައަކަށްވީ މީހުންގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ކަމަށް ފަލަސްތީނުން ވަނީ ބުނެފަ އެވެ.