Roadha Mihaaru
މަޖިލީހުގައި ހިންގި މާރާމާރީގެ މައްސަލަ އިދާރާތަކަށް

މަޖިލީހުގައި ހިންގި މާރާމާރީގެ މައްސަލަ އިދާރާތަކަށް ޕީޕީއެމް އިން ހުށަހަޅަނީ

28 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ހިންގި މާރާމާރީގެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ޕީޕީއެމް/ޕީއެންސީ އިން ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ހިންގި މާރާމާރީގެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ޕީޕީއެމް/ޕީއެންސީ އިން ބުނެފި އެވެ.

މަޖިލިސް ތެެރޭގައި މިއަދު ހަމަނުޖެހުން ހިންގީ ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭ ގޮތަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުއްޓުވުމާ އެކު އެވެ. އެންމެ ބޮޑު މާރާމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި ކަނޑިތީމް މެންބަރު އަބްދުﷲ ޝަހީމާ ދެމެދު އެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ މެންބަރުންގެ ގަޔަށް އެމްޑީޕީއަށް ނިސްބަތްވާ ޕާޓީގެ މެންބަރުން އަތްލާ މާރާމާރީ ހިންގާ، އަދި މެންބަރެއްގެ ބޯ ވަނީ ފަޅާލާފައި ކަމަށެވެ.

"މިކަންކަން ހިނގަމުން ދިޔައިރު، މިކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާއިރު މިކަމަށް މަޖިލީހުގެ ރައީސް ހިތްވަރު ދެއްވުން އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން. މަޖިލީހުގެ ޖަލްސާތައް އިންތިޒާމު ކުރެވޭއިރު، މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި، ހަމަނުޖެހުމަށް ފުރުސަތު ނުދިނުމަށް ހަރު އަޑުން ގޮވާލަން،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

އަދި މަޖިލީހުގައި ހިނގައި ދިޔަ ކަންކަން ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އިން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެންމެ ބޮޑު މާރާމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ފައިގައި، މެންބަރު ޝަހީމް ހިފަހައްޓައި ވައްޓާލުމާ ގުޅިގެންނެވެ. ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެކަން ހުއްޓުވުމަށް މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު މަސައްކަތް ކުރައްވާފައިވެ އެވެ.

ނަމަވެސް، އޭގެ ފަހުން ވެސް މެންބަރު އީސާ އާއި ޝަހީމާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ޝަހީމަށް އަނިޔާވީ އީސަ، އޭނާގެ ގައިގާ ކަކޫ އަޅުވައި އިސްތަށިގަނޑުގައި ހިފާ ދަމައިގަތުމުންނެވެ. ޝަހީމްގެ ކަންފަތް ކައިރިއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އެ ހަމަނުޖެހުން ހުއްޓުވަން ބައެއް މެންބަރުން މަސައްކަތް ކޮށްފައިވެ އެވެ.

ޝަހީމް މިހާރު ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އޭގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިނގިލި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ޒަރީރަށް އަނިޔާވި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގަ އެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި ޒަރީރަށް ހަމަލާދިނީ އެމްޑީޕީ މެންބަރުންނެވެ.