Roadha Mihaaru
މަޖިލީހުގައި ހިންގި މާރާމާރީގެ މައްސަލަ ފުލުހުން ބަލަނީ

މަޖިލީހުގައި ހިންގި މާރާމާރީގެ މައްސަލަ ފުލުހުން ބަލަނީ

31 ޖެނުއަރީ 2024

މިދިޔަ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ހިނގި މާރާމާރީގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މިދިޔަ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ހިނގި މާރާމާރީގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ނާފިޒު ވިދާޅުވީ މެންބަރުންގެ މެދުގައި ހިނގި މާރާމާރީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އަނިޔާ ލިބުނު ބައެއް މެންބަރުންނަށް ވެސް ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނިޔާވުމުގެ މައްސަލަތަކުގެ އިތުރުން ބައެއް މެންބަރުންނަށް އެކި ކަހަލަ އިންޒާރުތައް ލިބުމުން އެ ބޭފުޅުންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވެ ފުލުހަށް ހުށަހެޅި މައްސަލަތައް ވެސް ހިމެނޭ ކަމަށް ނާފިޒު ވިދާޅުވި އެވެ.

މެންބަރުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ފުލުހުން ބުނިއިރު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ މެންބަރުންގެ ރައްކާތެރިކަމާ މެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.

އެ ދުވަހުގެ ހަމަނުޖެހުމުގެ ތެރެއިން މަޖިލިސް އިދާރާގެ ބޭރުގައި މުޒާހަރާ ކުރަމުންދިޔަ ސަރުކާރަށް ސަޕޯޓްކުރާ ބައެއް މީހުން ވަނީ މަޖިލިސް އިދާރާއަށް ގާ ފަދަ ތަކެތި ވެސް އުކާފަ އެވެ.

ކެބިނެޓްގެ މިނިސްޓަރުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާ ބޮޑު ހަމަނުޖެހުމަކަށްވެ، ބޮޑެތި އަރާރުންތައް އެ ދުވަހު މަޖިލީހުގައި ހިނގާފައިވެ އެވެ.

އެންމެ ބޮޑު މާރާމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ފައިގައި، މެންބަރު ޝަހީމް ހިފަހައްޓައި ވައްޓާލުމާ ގުޅިގެންނެވެ. ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެކަން ހުއްޓުވުމަށް މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު މަސައްކަތް ކުރައްވާފައިވެ އެވެ.

ނަމަވެސް، އޭގެ ފަހުން ވެސް މެންބަރު އީސާ އާއި ޝަހީމާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ޝަހީމަށް އަނިޔާވީ އީސަ، އޭނާގެ ގައިގާ ކަކޫ އަޅުވައި އިސްތަށިގަނޑުގައި ހިފާ ދަމައިގަތުމުންނެވެ. ޝަހީމްގެ ކަންފަތް ކައިރިއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އެ ހަމަނުޖެހުން ހުއްޓުވަން ބައެއް މެންބަރުން މަސައްކަތް ކޮށްފައިވެ އެވެ. ޝަހީމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހުނެވެ.

އޭގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިނގިލި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ޒަރީރަށް އަނިޔާވި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގަ އެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި ޒަރީރަށް ހަމަލާދިނީ އެމްޑީޕީ މެންބަރުންނެވެ.