Roadha Mihaaru
"ޝަހީމަށް އަނިޔާވީ އީސަ އަމިއްލަ ދިފާއުވާން އުޅުމުން"

ޝަހީމަށް އަނިޔާވީ އީސަ އަމިއްލަ ދިފާއުގައި ހިންގި ކަމަކުން: އެމްޑީޕީ

29 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްޔެ ހިނގި މާރަމާރީގެ ތެރެއިން ކަނޑިތީމް މެންބަރު އަބްދުﷲ ޝަހީމަށް އަނިޔާވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ އަމިއްލަ ދިފާއުގައި ކުރެއްވި ކަމަކުން ކަމަށް ބުނެ އެމްޑީޕީން ދިފާއުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްޔެ ހިނގި މާރަމާރީގެ ތެރެއިން ކަނޑިތީމް މެންބަރު އަބްދުﷲ ޝަހީމަށް އަނިޔާވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ އަމިއްލަ ދިފާއުގައި ކުރެއްވި ކަމަކުން ކަމަށް ބުނެ އެމްޑީޕީން ދިފާއުކޮށްފި އެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭ ގޮތަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ރިޔާސަތަށް އަރައި ޖަލްސާ ހުއްޓުވި އެވެ.

އެކަމުގެ ތެރޭގައި މާރަމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި ޝަހީމް ދެމެދު އެވެ. އެ މާރަމާރީގައި ޝަހީމްގެ ބޯ ފަޅައިގެން ގޮސް އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ އެމްޑީީޕީގެ މެންބަރުން ކުރެއްވި ކަމެއް ކުރެއްވީ އެ މެންބަރުގެ އަމިއްލަ ދިފާއުވާން ކަމަށާއި އެހެން މަޖިލިސް މެންބަރުންނާއި މަޖިލިސް ރައީސް މުހައްމަދު އަސްލަމްގެ ދިފާއުގައި ކަމަށެވެ.

"ސަރުކާރުގެ މެންބަރުންގެ ފަރާތުން ކުރިމަތިވި ކަންތައް ކުރިމަތިވީމަ އެމްޑީޕީގެ މެންބަރުންނަށް މަޖުބޫރުވީ ސެލްފް ޑިފެންސްގައި އެ ބޭފުޅުން އެކްޝަން ނަންގަވަން. އެއީ ކޮންމެ އިންސާނަކު ވެސް އެ ހާލަތުގައި އަމަލު ކުރާނެ ގޮތް،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގައި އިއްޔެ މަޖިލިސް މެންބަރުންނަށް ރައްކާތެރި މާހައުލެއް ގާއިމްވެފައެއް ނެތެވެ.

އެހެން ނަމަވެސް އެ މައްސަލައިގެ ތެރޭގައި އެމްޑީޕީގެ އެއްވެސް މެންބަރަކު އިސްވެ އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭތީ ޖަލްސާ ކުރިޔަށް ގެންދަން ސަރުކާރު މެންބަރުން ރޭ ވެސް ފުރުސަތެއް ނުދިނެވެ. އަދި މިއަދު 11:00 އަށް އެ މައްސަލަ އޮތީ އެޖެންޑާ ކޮށްފަ އެވެ.