Roadha Mihaaru
މާރާމާރީއާ ގުޅިގެން އީސަ ހައްޔަރުކުރަން ގޮވަނީ

މަޖިލިސް ތެރޭ ޝަހީމަށް ދިން ހަމަލާއާ ގުޅިގެން އީސަ ހައްޔަރުކުރަން ގޮވަނީ

28 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލިސް ތެރޭ މިއަދު ހިނގި މާރާމާރީއާ ގުޅިގެން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހައްޔަރުކުރަން ގޮވައި، މުޒާހަރާ ކުރަން ފަށައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލިސް ތެރޭ މިއަދު ހިނގި މާރާމާރީއާ ގުޅިގެން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހައްޔަރުކުރަން ގޮވައި، މުޒާހަރާ ކުރަން ފަށައިފި އެވެ.

މަޖިލިސް ބޭރުގައި ސަރުކާރަށް ތާއިދުކުރާ މީހުން އެއްވެ އީސަ ހައްޔަރުކޮށް، ފިޔަވަޅު އެޅުމަށް ދަނީ ގޮވަމުންނެވެ. ސޯޝަލް މީޑިއާގައި ވެސް އީސައާ މެދު ފިޔަވަޅު އަޅަން ދަނީ ގޮވަމުންނެވެ.

މަޖިލިސް ތެެރޭގައި މިއަދު ހަމަނުޖެހުން ހިނގީ ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭ ގޮތަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ހުއްޓުވުމާ އެކު އެވެ.

އެންމެ ބޮޑު މާރާމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ފައިގައި، މެންބަރު ޝަހީމް ހިފަހައްޓައި ވައްޓާލުމާ ގުޅިގެންނެވެ. ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެކަން ހުއްޓުވުމަށް މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު މަސައްކަތް ކުރައްވާފައިވެ އެވެ.

ނަމަވެސް، އޭގެ ފަހުން ވެސް މެންބަރު އީސާ އާއި ޝަހީމާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ޝަހީމަށް އަނިޔާވީ އީސަ، އޭނާގެ ގައިގާ ކަކޫ އަޅުވައި އިސްތަށިގަނޑުގައި ހިފާ ދަމައިގަތުމުންނެވެ. ޝަހީމްގެ ކަންފަތް ކައިރިއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އެ ހަމަނުޖެހުން ހުއްޓުވަން ބައެއް މެންބަރުން މަސައްކަތް ކޮށްފައިވެ އެވެ.

ޝަހީމް މިހާރު ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އޭގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިނގިލި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ޒަރީރަށް އަނިޔާވި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގަ އެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި ޒަރީރަށް ހަމަލާދިނީ އެމްޑީޕީ މެންބަރުންނެވެ.