Roadha Mihaaru

އާސެނަލާ ގުޅޭ ސުވާލު ކުރާތީ ޓުޗެލް ރުޅިގަދަވެއްޖެ

ބާލިން (ފެބްރުއަރީ 14) - އާސެނަލްގެ ކޯޗުކަމާ ގުޅޭގޮތުން ބޮރޫޝިއާ ޑޯޓްމަންޑްގެ ކޯޗު ތޯމަސް ޓުޗެލްއާ ސުވާލު ކުރާތީ އޭނާ އެކަމާ ރުޅިގަދަވެއްޖެ އެވެ.

އާސެނަލާ ގުޅޭ ސުވާލު ކުރާތީ ޓުޗެލް ރުޅިގަދަވެއްޖެ
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

14 ފެބުރުއަރީ 2017

ބާލިން (ފެބްރުއަރީ 14) - އާސެނަލްގެ ކޯޗުކަމާ ގުޅޭގޮތުން ބޮރޫޝިއާ ޑޯޓްމަންޑްގެ ކޯޗު ތޯމަސް ޓުޗެލްއާ ސުވާލު ކުރާތީ އޭނާ އެކަމާ ރުޅިގަދަވެއްޖެ އެވެ.

އާސެނަލްގެ ކޯޗުކަން ޓުޗެލް އަށް ހުށަހަޅާފައިވާ ކަމަށް ބުނެ މީޑިއާގައި އަޑުފަތުރަމުންދާތީ މީގެ ކުރިން ވެސް އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގައި މިރޭ ބެންފީކާއާ ދެކޮޅަށް ޑޯޓްމަންޑް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސެނަލާ ގުޅޭގޮތުން ޓުޗެލްއާ ސުވާލުކުރުމުން އޭނާ ވަނީ ޖަވާބު ދިނުމަށް އިންކާރު ކޮށްފަ އެވެ.

"އަހަންނަކީ ޑޯޓްމަންޑްގެ ކޯޗު. އާސެނަލްގެ ކޯޗެއް ނޫން،" ޓުޗެލް ބުންޏެވެ.

ޑޯޓްމަންޑުގެ ކޯޗުކަމާ ޓުޗެލް ހަވާލުވީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ޑޯޓްމަންޑުގައި ފާއިތުވެ ދިޔަ ދޮޅު އަހަރު ތެރޭގައި ޓުޗެލް ވަނީ ރަނގަޅު ޓީމެއް ބިނާކޮށްފަ އެވެެ. ހުނަރުވެރި ޒުވާން ކުޅުންތެރިން އެ ޓީމާ ގުޅިފައިވާއިރު، ޓުޗެލްގެ ވިސްނުމަކީ ވެސް ދިގު މުއްދަތަކަށް ޑޯޓްމަންޑުގައި މަޑުކުރުމެވެ.

"މި ކްލަބުގައި އަަހަރެން މިހުރީ ހިތްހަމަޖެހިގެން. މި ކްލަބްގައި އަހަރެން މަސައްކަތް މިކުރަނީ މުސްތަގުބަލެއް ބިނާކުރަން،" ކުރިން މައިންޒަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ބެންފީކާ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގައި ޑޯޓްމަންޑްގެ ހުނަރުވެރި މިޑްފީލްޑަރު މާރިއޯ ގޮޓްޒާ އަނިޔާގެ ސަބަބުން ނުކުޅޭނެ އެވެ.

ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލުމަށް ފަހު ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދި ޑޯޓްމަންޑަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެއް ފެންވަރެއްގައި ކުޅުން ނުހިފެހެއްޓުމުގެ މައްސަލަ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

"ބޮޑެތި މެޗުތަކުގައި އަހަރެމެންގެ ތަފާތު ފެނޭ. އެކަމަކު ފަސޭހައިން މޮޅުވެވޭނެ ކަމަށް ބެލެވޭ މެޗުތަކުގައި ކުޅުންތެރިން މާ ބޮޑަށް ފަރުވާ ކުޑަކޮށްލަނީ،" ޓުޗެލް ބުންޏެވެ.

ޖަރުމަން ޓީމުތަކާ ދެކޮޅަށް ބެންފީކާ އަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވެ އެވެ. އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ. ފަސް މެޗުން އެއްވަރުވިއިރު، ނުވަ މެޗުން ވަނީ ބަލިވެފަ އެވެ. މޮޅުވީ 1998 ވަނަ އަހަރު ކައިސަސްލައުޓެން އަތުންނެވެ.

ޑޯޓްމަންޑާއި ބެންފީކާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.