Roadha Mihaaru

ބެންފީކާ މޮޅުވިއިރު އޮބާމަަޔަންގަށް ހިތްދަތި ރެޔެއް

ލިސްބަން، ޕޯޗުގަލް (ފެބްރުއަރީ 15) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ ބެންފީކާ އަތުން 1-0 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިވިއިރު، އެ ޓީމުގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަންގް މުހިއްމު ފުރުސަތުތަކެއް ނަގާލައިފި އެވެ.

ބެންފީކާ މޮޅުވިއިރު އޮބާމަަޔަންގަށް ހިތްދަތި ރެޔެއް
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

15 ފެބުރުއަރީ 2017

ލިސްބަން، ޕޯޗުގަލް (ފެބްރުއަރީ 15) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ ބެންފީކާ އަތުން 1-0 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިވިއިރު، އެ ޓީމުގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަންގް މުހިއްމު ފުރުސަތުތަކެއް ނަގާލައިފި އެވެ.

ބެންފީކާ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެކަނި ވެސް ލަނޑު ޖަހަން އޮބާމަޔަންގަށް ހުސް ތިން ފުރުސަތެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ.

ޑޯޓްމަންޑްގެ ޒުވާން މިޑްފީލްޑަރު އޮސްމާން ޑެމްބެލޭ ހުސްކޮށްލާފައި ދިން ދެ ބޯޅަ އޮބާމަޔަންގް ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ. މާކޯ ރެއުސް ތަނަވަސްކޮށްދިން ފުރުސަތު ވެސް އޮބާމަޔަންގް އަތުންވީ ބޭކާރެވެ.

ޑޯޓްމަންޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ ދެ ވަނަ ހާފް ފެށިގެން ތިން މިނިޓް ތެރޭ ގްރީސްގެ ފޯވާޑް ކޮސްޓަސް މިޓްރޯގްލޫ ބެންފީކާ އަށް ލީޑު ނަގައިދިނުމެވެ.

މެޗުގެ 58 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރަން ޑޯޓްމަންޑަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އޮބާމަޔަން ފޮނުވާލީ ބެންފީކާގެ ކީޕަރު އެޑާސަން މޮރާއޭސްއާ ދިމާ އަށެވެ. އޭނާ އެ ބޯޅަ ފަސޭހަކަމާ އެކު މަތަކުރިއިރު، ޑޯޓްމަންޑްގެ ކޯޗު ތޯމަސް ޓުޗެލް ވަނީ އޭގެ ދެ މިނިޓް ފަހުން އޮބާމަޔަންގް ބަދަލުކޮށްފަ އެވެ.

"އޮބާމަޔަންގް ބަދަލުކުރީ މިއީ އޭނާ އަށް އެންމެ ރަނގަޅު މެޗަކަށް ނުވާތީ. ފުރަތަމަ ހާފްގައި ލިބުނު ފުރުސަތުތައް އޭނާ އަތުން ގެއްލުނު. އެކަމަކު ފަހުން ވެސް ބެހެއްޓީ ރަނގަޅު ކުރާނެހެން ހީވާތީ. އެކަމަކު ޕެނަލްޓީ ބޭކާރުކޮށްލުމުން ދެން އޭނާގެ ފޯމު ދަށްކަމަށް ފެންނާތީ ބަދަލުކުރީ،" ޓުޗެލް ބުންޏެވެ.

ފާއިތުވި ހަފްތާތަކުގައި އޮބާމަޔަންގްގެ މުސްތަގުބަލާ ގުޅޭގޮތުން މީޑިއާގައި އެކި ވާހަކަތައް ވަނީ ދެކެވިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ މި ސީޒަން ނިމުމުން ޑޯޓްމަންޑް ދޫކޮށްލުމަށް ވަނީ ނިންމައިފަ އެވެ. އޮބާމަޔަންގް ހޯދުމަށް ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި ޕީއެސްޖީން އަންނަނީ މަސައްކަތް ކުރަމުންނެވެ.