Roadha Mihaaru
އެމްޑީޕީގެ ވިޕާ ހިލާފަށް 5 މެމްބަރަކު ސައީދަށް ރުހުން

ސައީދުގެ ވޯޓުގައި އެމްޑީޕީގެ ފަސް މެމްބަރަކު ވިޕާ ހިލާފުވި!

29 ޖެނުއަރީ 2024

ވަޒީރުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް މަޖިލީހުގެ ރުހުން ލިބުނީ، އެމްޑީޕީން ކަނޑައެޅި ވިޕްލައިނާ ހިލާފަށް އެ ޕާޓީގެ ފަސް މެމްބަރަކު ވޯޓު ދެއްވުމުންނެވެ.

ވަޒީރުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް މަޖިލީހުގެ ރުހުން ލިބުނީ، އެމްޑީޕީން ކަނޑައެޅި ވިޕްލައިނާ ހިލާފަށް އެ ޕާޓީގެ ފަސް މެމްބަރަކު ވޯޓު ދެއްވުމުންނެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ސައީދުގެ އިތުރުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ރުހުން ނުދޭން އެމްޑީޕީން ނިންމަން އޮތީ ވިޕެއް ނެރެފަ އެވެ.

އެކަމަކު ޕާޓީގެ ވިޕާ ހިލާފަށް ސައީދަށް ރުހުން ދޭން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު އަދި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވަނީ ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.

އެ ހަތަރު ބޭފުޅުންގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ތަޅުމުގައި އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވި އެވެ.

ސައީދަށް ރުހުން ދިނުމަށް މަޖިލީހުން ފާސްވީ ވެސް ފަސް ވޯޓުގެ ފަރަގުންނެވެ. އެއީ ވޯޓު ދެވޭ 71 މެމްބަރުންގެ ތެރެއިން ނުފެންނަ ކަމަށް 32 ވޯޓު އަދި ފެންނަ ކަމަށް 37 ވޯޓު ލިބިވަޑައިގަނެގެންނެވެ.

އެމްޑީޕީން ބޭނުންވި ގޮތަށް ބާކީ ތިއްބެވި ހަތަރު ވަޒީރުންނަށް ރުހުން ނުދޭން ފާސްވި ނަމަވެސް، އެ ބޭފުޅުންނަށް ނެގި ވޯޓުތަކުގައި ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިޕާ ހިލާފަށް ވޯޓު ދެއްވައިފަ އެވެ.

އެންމެ ވޯޓެއްގެ ތަފާތުން ރުހުން ނުލިބުނު ޑރ. ޝަހީމަށް، އެމްޑީޕީގެ ހަ މެމްބަރެއްގެ ވޯޓު ލިބިވަޑައިގެންނެވި އެވެ. ބަންޑާރަ ނައިބު އުޝާމަށް ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ މެމްބަރަކު ވޯޓު ދެއްވި އިރު، ތިން މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ހައިދަރަށް ރުހުން ދޭން ނެގި ވޯޓުގައި އެމްޑީޕީގެ މެމްބަރަކު ވަނީ ވިޕާ ހިލާފުވެވަޑައިގެންފަ އެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މުމްތާޒް: އޭނާ މިއަދު ވަނީ އެމްޑީޕީން ރުހުން ނުދޭން ނިންމި ހަތަރު ވަޒީރުންނާ އެއްކޮޅަށް ވޯޓު ދެއްވާފައި. --ފޮޓޯ: މަޖިލީހުގެ އިދާރާ

ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މުމްތާޒް: އޭނާ މިއަދު ވަނީ އެމްޑީޕީން ރުހުން ނުދޭން ނިންމި ހަތަރު ވަޒީރުންނާ އެއްކޮޅަށް ވޯޓު ދެއްވާފައި. --ފޮޓޯ: މަޖިލީހުގެ އިދާރާ

އެ ހަތަރު ބޭފުޅުންނަށް ވެސް އެމްޑީޕީގެ ވިޕާ ހިލާފަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ވޯޓު ދެއްވި އެވެ.

ހަރުދަނާ އެއްވެސް ސަބަބެއް ނުދައްކައި އުޝާމާއި ޑރ. ޝަހީމާއި ޑރ. ހައިދަރަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ކޮންޓްރޯލް އޮންނަ މަޖިލިހުން މިއަދު ފާސްކުރިޔަސް އެ ބޭފުޅުން ތިއްބެވި މަގާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަލުން މިރޭ އައްޔަން ކުރައްވައިފަ އެވެ.

ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ގެ އިރުއޮއްސުނު ވަގުތު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ބޭފުޅުންނަށް މަގާމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

މަޖިލިހުން މިއަދު ރުހުން ނުލިބުނު ތިން ވަޒީރުން އެ ބޭފުޅުން މި ސަރުކާރުގައި ކުރިން ވެސް ތިއްބެވި މަގާމުތަކަށް އަލުން އައްޔަން ކުރެއްވުމާ އެކު، އަނެއްކާވެސް މަޖިލިހުގެ ރުހުން ހޯއްދަވަން ފޮނުވަންޖެހެ އެވެ. އެއީ މަގާމަށް އައްޔަންކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެކެވެ.