Roadha Mihaaru
ޓޫރިސްޓުން އައި އަދަދު 12 ޕަސެންޓު އިތުރުވެއްޖެ

ޓޫރިސްޓުން އައި އަދަދު 12 ޕަސެންޓު އިތުރުވެއްޖެ

30 ޖެނުއަރީ 2024

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12 ޕަަސެންޓަށް އިތުރުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12 ޕަަސެންޓަށް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް 174،000 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިހާރު ދުވާލަކު އެވްރެޖުކޮށް 6،200 ޓޫރިސްޓުން އާދެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 155،000 ޓޫރިސްޓުންނެވެ. އެހެންވެ، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 20،000 ގެ އިތުރުވުމެކެވެ.

ޓޫރިސްޓުންގެ އަދަދު އިތުރުވި އިރު ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ލިސްޓުގެ އެއް ވަނައިގައި އޮތީ ރަޝިއާ އެވެ. އެ ގައުމުން އައީ 18،500 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރު ލިސްޓުގެ ދެވަނައިގައި އޮތް އިންޑިއާ މިހާރު އޮތީ، ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ފަސް ވަނައިގަ އެވެ. މިއަހަރުގެ މިހާތަނަށް އެ ގައުމުން އައިސްފައިވަނީ 13،900 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރަށް ވުރެ 3،000 މަދު އަދަދެކެވެ.

ޓޫރިސްޓަކު އެއާޕޯޓުގައި: މިއަހަރު މިހާތަނަށް 174،000 ޓޫރިސްޓުން އައިސްފައިވޭ -- ފޮޓޯ: މިހާރު

ޓޫރިސްޓަކު އެއާޕޯޓުގައި: މިއަހަރު މިހާތަނަށް 174،000 ޓޫރިސްޓުން އައިސްފައިވޭ -- ފޮޓޯ: މިހާރު

އިންޑިއާއިން އަންނަ ޓޫރިސްޓުން މަދުވި ނަމަވެސް، އިޓަލީ، އިނގިރޭސިވިލާތް، ޖާމަނީ، ފްރާންސް އަދި ސްވިޓްޒަލެންޑުން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.

މިއަހަރު ރާއްޖެއަށް ދެ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ. އެ ގައުމުން 18،100 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އިޓަލީން 14،000 ޓޫރިސްޓުން އައި އިރު އެ ގައުމު އޮތީ ތިން ވަނައިގަ އެވެ. އެހެންވެ މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4،000 ޓޫރިސްޓުން އިތުރު އަދަދެކެވެ.

މި ލިސްޓުގައި ތިން ވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން 16،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ގައުމު އޮތީ ލިސްޓުގެ އަށް ވަނައިގަ އެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ވެސް ޗައިނާ އޮތީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ލިސްޓުގެ ތިން ވަނައިގަ އެވެ.

ހަތަރު ވަނައިގައި އިނގިރޭސިވިލާތް އޮތް އިރު އެ ގައުމުން 14،500 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މިދިޔަ އަހަރު ވެސް އެ ގައުމު އޮތީ ލިސްޓުގެ ހަތަރު ވަނައިގަ އެވެ. ނަމަވެސް މިއަހަރު އެގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 10 ޕަސެންޓު އިތުރުވެފަ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ. މަހަކު އެވްރެޖުކޮށް 166،000 ޓޫރިސްޓުން ގެނެވިއްޖެ ނަމަ، އެ އަދަދު ހާސިލުވާނެ އެވެ.