Roadha Mihaaru
އެމްޑީޕީއަށް އެކަނި ރައީސް ވަކިކުރެވޭ އިސްލާހު ކޯޓަށް!

އެމްޑީޕީއަށް އެކަނި ރައީސް ވަކިކުރެވޭ ގޮތަށް މަޖިލިސް ގަވާއިދު ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް

30 ޖެނުއަރީ 2024

އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

އާ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަންނަވަން މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާއިރު، އާ މެމްބަރުން އިންތިހާބު ކުރާނެ މުއްދަތު ނެތުމުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާތައް ނުހިމަނައި މެމްބަރުންގެ އަދަދު ގުނާ ގޮތަށެވެ. އެއާ އެކު މަޖިލީހުގެ މި ދައުރުގެ ޖުމްލަ މެންބަރުންގެ އަދަދު 87 އިން 80 އަށް ދަށްވެ އެވެ. އޭރަށް މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް ގިނާ މިންވަރު ވެސް ވަނީ ބަދަލުވެފަ އެވެ.

އެ ބަދަލާ އެކު، މިހާރު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން އެކަނި ރައީސް މަގާމުން ވަކިކުރެވޭނެ އެވެ. އެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 57 މެންބަރުން މަޖިލީހުގައި އެބަ ތިއްބެވެ.

އެނގިފައިވާ ގޮތުގައި މަޖިލިސް މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެނައި އިސްލާހު ބާތިލު ކުރަން އެޓާނީ ޖެނަރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން އިއްޔެ ވަނީ ރައީސް ޑރ. މުއިއްޒު ވަކިކުރުމަށް އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން ފާސްކޮށްފަ އެވެ.

ޖުމްލަ މެންބަރުން ގުނާ އަދަދަށް ބަދަލު ގެނެސްފައިވާ އިރު ރައީސާއި ނައިބު ރައީސް ވަކިކުރެވޭ މަރުހަލާތައް އަވަސް ކުރަން ވެސް މަޖިލީހުގެ ގަވައިދަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

އެ އިސްލާހުތައް ހުށަހެޅީ މިހާރު އެމްޑީޕީ އާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސް އިންނެވެ.

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވައި މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނާ ގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް މަޖިލީހަށް ގަރާރެއް ލިބިއްޖެ ނަމަ ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، އެ ދުވަހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.

އާ އިސްލާހާ އެކު، ކުރިން ދެ ގަޑިއިރަށް ކަނޑައަޅާފައި އޮތް އެ މައްސަލައިގެ ބަހުސް ތިން ގަޑިއިރަށް ވަނީ އިތުރު ކޮށްފަ އެވެ.

ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް 30 މިނެޓު ލިބިވަޑައިގަންނަވާއިރު، ކުރެވޭ ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް ތިން ވަކީލުން ގެންދެވޭނެ ކަމަށް އިސްލާހުގައި ވެ އެވެ. ކޮމިޓީގައި މައްސަލަ ކުރިއަށް ގެންދާއިރު ވެސް ހާޒިރުވެވަޑައިގެން ޖަވާބުދާރީވާން ފުރުސަތު ލިބޭނެ އެވެ.