Roadha Mihaaru
އާ ރައީސް ހުވާކުރުމަށް ހުރަހެއް ނޭޅޭނެ: ސުޕްރީމް ކޯޓު

އާ ރައީސް ހުވާކުރުމާއި ބަޖެޓްގެ މަސައްކަތް ހުއްޓޭ ގޮތަށް ގަވާއިދު މާނަ ނުކުރެވޭނެ: ސުޕްރީމް ކޯޓު

09 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހުގައި ކުރިއަށް ނުދިޔުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހުގައި ކުރިއަށް ނުދިޔުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވެ އެވެ. އެހެންވެ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.

އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވޭ ނަމަ، މަޖިލީހުގެ އެއްވެސް އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ އެވެ. އެގޮތުގެ މަތިން އާ ރައީސް ހުވާކުރައްވަން ގާނޫނީ ހުރަސްތައް އެބަހުރި ކަމަށް އެމްޑީޕީން ކޯޓުގައި ފާހަގަކުރި އެވެ. އަދި، މިހާރު އޮތް ގޮތުން ނަމަ، ހުވާ ކުރައްވާ ޖަލްސާ އަށް ވެސް އެންމެ ފުރަތަމަ ތާވަލުކުރަން ޖެހޭނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރެވެ.

ނަމަވެސް، މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ކަނޑައެޅީ ގާނޫނުއަސާސީން ކުރުން ލާޒިމް ކުރާ އެއްވެސް ކަމަކަށް ހުރަސްއެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމަށް އެމްޑީޕީގެ ވަކީލް އަފީފް ވަޑައިގަންނަވަނީ: އެމްޑީޕީން އެދުނު ގޮތަށް އާ ރައީސް ހުވާ ކުރުން ހުއްޓޭ ގޮތަށް ކޯޓުން މާނަކޮށް ނުދިން .-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމަށް އެމްޑީޕީގެ ވަކީލް އަފީފް ވަޑައިގަންނަވަނީ: އެމްޑީޕީން އެދުނު ގޮތަށް އާ ރައީސް ހުވާ ކުރުން ހުއްޓޭ ގޮތަށް ކޯޓުން މާނަކޮށް ނުދިން .-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެމްޑީޕީން ފާހަގަކުރި އެ ނުކުތާ އަށް ޖަވާބު ދެއްވަމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް 14 ދުވަހުގެ ނޯޓިސްއެއް ދީ، އެ މުއްދަތު ހަމަވާ ދުވަހަށްފަހު އަންނަ އެންމެ ފުރަތަމަ ބަންދު ނޫން ދުވަހަށް، މައްސަލަ ތާވަލުކުރަން ޖެހޭނެ ކަމަށެވެ.

އަދި ގަރާރު ހުށަހެޅުމަށްފަހު އެ ކަމާމެދު ގޮތެެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް ކަމެއް ނިންމައި، ބަހުސްކުރެވިގެން ނުވާނެ ކަމަށާއި އެއީ މަޖިލީހުގެ މައްޗަށް ލާޒިމްކޮށްފައިވާ އިޖުރާއަތެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. މިގޮތަށް ނިންމި ނަމަވެސް، ފަނޑިޔާރު ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ މައްޗަށް ގާނޫނުއަސާސީ އަށް ލިބިގެންވާ އިސްކަމަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.

ގާނޫނުއަސާސީން ކުރުން ލާޒިމްވާ ކަމެއް ކުރުމަށް މަޖިލީހުގެ ގަވައިދުގައިވާ އެއްވެސް މާއްދާއަކުން ހުރަހެއް ނޭޅޭނެ. ދައުލަތުގެ އެއްވެސް އޮފިޝަލަކަށް އެކަމަށް ހުރަހެއް ނޭޅޭނެ. އަދި ބަޖެޓް ހުށަހެޅުމާއި ވަޒީރުންނަށް ރުހުން ދިނުން ހުއްޓިގެން ނުވާނެ. ސަބަބަކީ މިއީ ސީދާ ގާނޫނުއަސާސީން ވަކި މާއްދާތަކަކުން ލާޒިމްވެގެން މަޖިލީހުން ކުރުން ލާޒިމްވާ ކަންތައްތަކަށްވާތީ - ފަނޑިޔާރު ހުސްނުއް ސުއޫދު

މަޖިލީހުގެ ގަވައިދުގައިވާ އިޖުރާއަތްތައް ފުރިހަމަ ނުކުރެވި، ދިގުލައިގެން ގޮސް އިންތިހާބުވެފައިވާ ރައީސްއަކު މަގާމުގެ ހުވާ ނުކުރެވި އިތުރު ދުސްތޫރީ ބަހުސެއް އުފަންވާނެ ހާލަތެއް މެދުވެރިނުވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެއީ ފަނޑިޔާރު މަހާޒުގެ ރައުޔުގައިވާ ގޮތުން ގާނޫނުއަސާސީ ގައި ވަކި މުއްދަތެއް މަޖިލީހުގެ ޖަލްސާއެއް ބާއްވާ ކުރުމަށް ލާޒިމްކޮށްފައިވާ ކަންކަމަކީ، މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ނ) އާއި (ރ)ގެ މައްޗަށް އިސްކަންދޭން ޖެހޭނެ ކަންކަން ކަމަށްވާތީ އެވެ.

ފަނޑިޔާރު މަހާޒް މިއަދު ހުކުމް އިއްވަވަނީ. --

ފަނޑިޔާރު މަހާޒް މިއަދު ހުކުމް އިއްވަވަނީ. --

ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްވެސް ސަބަބެއްގެ މަތިން ކުރިއަށް ނުގެންދެވިވާ ނަމަ، މަޖިލީހުގެ އެހެން މަސައްކަތްތައް ހުއްޓާލަން ޖެހޭ ގޮތަށް ގަވައިދު މާނަކުރެވިދާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. މި ނޫން ގޮތަކަށް ގަވައިދު މާނަ ކުރާ ނަމަ، އެއްވެސް ޒަރޫރީ ކަމެއް ނުވަތަ ގުދުރަތީ ކަމަކާ ގުޅިގެން ގަރާރާ މެދު ގޮތެއް ނިންމުން ފަސްކުރަން މަޖިލީހުން ނިންމާ ހާލަތުގައި ވެސް ގާނޫނުއަސާސީން ލާޒިމް ކުރާ ކަމެއް ނުވަތަ އެމެޖެންސީ ކަމެއް ކުުރިމަތިވެއްޖެ ނަމަ މަޖިލިސް ހިންގޭނެ ގޮތެއް ނޯންނާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެއްވެސް ހާލަތެއްގައި މަޖިލިސް ހުއްޓޭ ގޮތަށް ގާނޫނު މާނަ ނުކުރެވޭނެ ކަމަށާއި އެއީ ގާނޫނުއަސާސީ ތަސައްވުރު ކުރާ ކަމެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވެ ގާނޫނުއަސާސީން ލާޒިމް ކުރާ އެހެނިހެން ކަންކަން ކުރަން މަޖިލީހަށް ހުރަހެއް ނެތް ކަމަށާއި އޭގެ އެއް މިސާލަކީ އާ ރައީސް ހުވާ ކުރެއްވުމުގެ ޖަލްސާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވީ އާ ރައީސް ހުވާ ކުރެއްވުމުގެ މަގު ތަނަވަސްކުރުމަކީ މުޅި ދައުލަތުގެ މައްޗަށް ވާޖިބެއް ކަމަށާއި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެއީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިގެން ބަހުސްކޮށްގެން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނުއަސާސީން ލާޒިމްކުރާތީ ކުރަންޖެހޭ ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ވީމާ، މަޖިލީހުގެ ގަވައިދުގައި އޮތް އެއްޗަކާ ހުރެ ގާނޫނުއަސާސީން ލާޒިމް ކުރާ ކަމެއް ނުކޮށް ތިބުމުގެ އިހްތިޔާރު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމަށް ޕީއެންސީގެ ވަކީލުން ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމަށް ޕީއެންސީގެ ވަކީލުން ވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ގާނޫނުއަސާސީން ކުރުން ލާޒިމްވާ ކަމެއް ކުރުމަށް މަޖިލީހުގެ ގަވައިދުގައިވާ އެއްވެސް މާއްދާއަކުން ހުރަހެއް ނޭޅޭނެ. ދައުލަތުގެ އެއްވެސް އޮފިޝަލަކަށް އެކަމަށް ހުރަހެއް ނޭޅޭނެ. އަދި ބަޖެޓް ހުށަހެޅުމާއި ވަޒީރުންނަށް ރުހުން ދިނުން ހުއްޓިގެން ނުވާނެ. ސަބަބަކީ މިއީ ސީދާ ގާނޫނުއަސާސީން ވަކި މާއްދާތަކަކުން ލާޒިމްވެގެން މަޖިލީހުން ކުރުން ލާޒިމްވާ ކަންތައްތަކަށްވާތީ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން މި މައްސަލާގައި ނިންމާފައިވަނީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި ވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެއާ ހިލާފަށް މަޖިލީހުގެ އަމީންއާންމު ނިންމެވި ނިންމެވުމަކީ ގާނޫނުއަސާސީއާ ހިލާފަށް ނިންމަވާފައިވާ ނިންމުމެއް ކަމަށް ވެސް ނިންމެވި އެވެ.