Roadha Mihaaru
ފިލްޒާ ވިދާޅުވީ ހައްލަކީ ގަވައިދު އިސްލާހުކުރުން ކަމަށް

މަޖިލީހުން ކޯޓުގައި ބުނީ ގަވައިދު އިސްލާހުކުރުން ނޫން ހައްލެއް ނެތް ކަމަށް

06 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ބަލަހައްޓަންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ، އެ ނޫން ގޮތަކަށް އަމަލުކުރެވޭނީ ގަވައިދު އިސްލާހުކޮށްގެން ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ބަލަހައްޓަންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާތީ، އެ ނޫން ގޮތަކަށް އަމަލުކުރެވޭނީ ގަވައިދު އިސްލާހުކޮށްގެން ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އާ ސުވާލުކުރައްވައިފަ އެވެ.

އެ މައްސަލައިގެ ބެންޗުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަޖިލީހުގެ ނައިބު ރައީސަށް ވެސް ރިޔާސަތު ނުބެލެހެއްޓޭ ނުވަތަ އުޒުރުވެރިވާ ހާލަތެއްގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން، މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންނަށް ރިޔާސަތާ ހަވާލުވޭ ގޮތަށް އޮންނަ އިރު، ދުނިޔޭގެ އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގައި އަމަލުކުރަނީ ކޮން ގޮތަކަށްތޯ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފިލްޒާ ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގައި ވެސް ބަޔާންކޮށްފައިވާ ގޮތަށް އެހެން ގައުމުތަކުގައި ވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއްގެ ޖަލްސާގެ ރިޔާސަތު ވަކި ބޭފުޅަކު ބަލަހައްޓަވާ ގޮތަށް ބަޔާންކޮށްފައި ނޯންނަ ކަމަށެވެ.

ގަވާއިދަށް އެމެންޑްމެންޓެއް [އިސްލާހެއް] ގެންނަން ޖެހޭނީ. އެ ލަފާ އަޅުގަނޑުމެން ދީފައި ވާނީ: ފިލްޒާ

ނަމަވެސް، ފިލްޒާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 82 މާއްދާގެ ދަށުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް ހުށަހަޅާފައިވާ ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އިނދެގެން ނުވާނެ ކަމަށް ބަޔާންކޮށް، މަސްލަހަތު ފުށުއެރުމުގެ މައްސަލަ ހައްލުކޮށްދީފައި އޮއްވައި، މަޖިލީހުގެ ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކުރީ މަޖިލީހުގެ ވަކި ނިޔަތެއް އޮވެގެން ކަމަށް ގަބޫލުކުރެއްވެ އެވެ.

"...މަޖިލީހުގެ ނައިބު ރައީސް ކަމަށް ބުނެފައި އެ އޮތީ އެ މައްސަލަ އަކީ ހަގީގަތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަކީ މަޖިލީހެއްގެ އުމުރުގައި އަންނާނެ އެންމެ މުހިންމު މައްސަލަ. އެހެންވީމާ އެ މައްސަލައަށް ދޭ މުހިންމު ކަމާއި އެ މައްސަލައަށް ދޭ އަހަންމިއްޔަތުގެ ސަބަބުން ދެން އެ މައްސަލައާ ހަވާލުވާނީ މަޖިލީހުގައި ހުރި ދެން އެންމެ ކީ އޮފިސަރު،" ފިލްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގަވާއިދުގައި އެހާ ސާފުކޮށް ވަކި ބޭފުޅަކު ވަކި މައްސަލައެއްގެ ރިޔާސަތު ބަލަހައްޓަންޖެހޭ ގޮތަށް ބަޔާންކޮށްފައި އޮއްވައި، އާންމު އިޖުރާއަތުގެ މާނައެއް ނަގައިގެން މަޖިލީހުގެ އިދާރާއަށް ނިންމުމެއް ނިންމޭނެ ކަމަށް ގަބޫލެއްނުކުރެއްވެ އެވެ.

އެ ގޮތަށް ވިދާޅުވުމުން، ފަނޑިޔާރު ސުއޫދު ވަނީ ގަސްތުގައި މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޖިލީހަށް ވަޑައިނުގަންނަވައިގެން، މަޖިލިސް ޑެޑްލޮކަކަށް ދިޔުމަށް އޮތް ހައްލަކީ ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފިލްޒާ ވިދާޅުވީ، މަޖިލީހަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް އެމްޑީޕީން ގަބޫލުކުރިޔަސް، މަޖިލީހުގެ އާންމު ޖަލްސާތައް ކުރިއަށް ގެންދަން ހުރަހެއް އޮތް ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރި ބަންޑާރަ ނައިބުގެ ފަރާތުން ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވާހަކަ ދައްކަވަނީ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރި ބަންޑާރަ ނައިބުގެ ފަރާތުން ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވާހަކަ ދައްކަވަނީ.

އެއީ، މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ނަޝީދު ވަކިކުރުމުގެ ގަރާރު އަދި މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅިފައިނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަވާއިދަށް އެމެންޑްމެންޓެއް [އިސްލާހެއް] ގެންނަން ޖެހޭނީ. އެ ލަފާ އަޅުގަނޑުމެން ދީފައި ވާނީ،" މަޖިލީހުގައި އެޅިފައިވާ ނުވަތަ އެޅުވިދާނެ މަރުތަޅު ފިލުވައިނީ ކިހިނެއްތޯ ފަނޑިޔާރު ސުއޫދު އަނެއްކާ ވެސް ސުވާލު ކުރެއްވުމުން ޖަވާބުގައި ފިލްޒާ ވިދާޅުވި އެވެ.

އެހެންކަމުން، މަޖިލީހުގެ އާންމު ޖަލްސާތައް ކުރިއަށް ގެންދަން ހުރަހެއް ނެތުމުން، މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރަން މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމުގެ ފުރުސަތާއި އިހުތިޔާރު އެބަ އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު އެދިވަޑައިގަތީ، މަޖިލީހުގެ މަސައްކަތްތައް ހުއްޓޭ ގޮތަށް މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ކޯޓުން ކަނޑައަޅައިދިނުމަށެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން މި މައްސަލަ ބައްލަވާ އިރު، ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ މިއަދު މެންދުރު އިތުރު އަޑުއެހުމެއް ބާއްވައިގެން މައްސަލަ އަވަހަށް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް އިއުލާނުކުރައްވައިފަ އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުން ނަޝީދު ވަކިކުރުމުގެ ގަރާރު ފަސް ފަހަރު މަތިން އެޖެންޑާ ކުރި ނަމަވެސް، ޑެންގީގެ އާލާސްކަންފުޅެއްގައި އުޅުއްވާ ކަމަށް ބުނެ އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ. އޭގެފަހުން، އިއްޔެ އީވާ ވަނީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެންދެން ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަން މަޖިލީހުގެ އިދާރާއަށް އަންގަވައިފަ އެވެ.