Roadha Mihaaru
ރާއްޖޭގެ އިގްތިސާދީ ދުވެލި ދާނީ ދަށަށް: އައިއެމްއެފް

އައިއެމްއެފް: ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 5 ޕަސެންޓުގައި

31 ޖެނުއަރީ 2024

މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ ފަސް ޕަސެންޓުގައި ކަމަށް މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ ފަސް ޕަސެންޓުގައި ކަމަށް މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފް އިން ނެރުނު "ގްލޯބަލް އިކޮނޮމިކް އައުޓްލުކް"ގައިވާ ގޮތުން ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދު ޖުމްލަކޮށް ކުރިއަރާނީ 4.8 ޕަސެންޓުގަ އެވެ.

އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއެރީ 8.1 ޕަސެންޓުގަ އެވެ. އެހެންވެ މިއަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި ވަރު ވަނީ 3.3 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ލަފާކުރާ ގޮތުން ރާއްޖޭގެ އިގްތިސާދު މިއަހަރު 5.5 ޕަސެންޓަށް ކުރިއަރާނެ އެވެ. އަދި ބަޖެޓު ފޮތުގައި ސަރުކާރުން ލަފާކޮށްފައިވަނީ މިއަހަރު އިގްތިސާދީ ދުވެލި ހުންނާނީ 6.7 ޕަސެންޓުގައި ކަމަށެވެ.

އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިންފްލޭޝަން ރޭޓު މިއަހަރު 2.4 ޕަސެންޓަށް ދަށަށް ދާނެ އެވެ. އަދި ރާއްޖޭގެ ކަރަންޓް އެކައުންޓް ބެލެންސް ހުންނާނީ މައިނަސް 13 ޕަސެންޓުގަ އެވެ. މިއީ މިދިޔަ އަހަރު ހުރި އަދަދަށް ވުރެ ތިން ޕަސެންޓުގެ ދަށްވުމެކެވެ. ކަރަންޓް އެކައުންޓް ބެލެންސް އިން ދައްކުވައިދެނީ ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓުގެ ފަރަގެވެ. ރާއްޖޭގެ އިގްތިސާދު އިމްޕޯޓަށް ބަރޯވެފައި އޮންނާތީ ކަރަންޓް އެކައުންޓް ބެލެންސް އަބަދު ވެސް ހުންނަނީ މައިނަސް ޕަސެންޓުގަ އެވެ.

މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ އިންޑިއާ އެވެ. އެ ގައުމުގެ އިގްތިސާދު 6.3 ޕަސެންޓަށް ކުރިއަރާނެ އެވެ. އަދި ބަންގްލަދޭޝްގެ އިގްތިސާދު ހަ ޕަސެންޓުގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ އިރު ނޭޕާލްގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ ފަސް ޕަސެންޓުގަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އިގްތިސާދު މިއަހަރު ކުރިއަރާނީ 2.9 ޕަސެންޓުގަ އެވެ. ވޭތުވެދިޔަ ތިން އަހަރު ވެސް ދުނިޔޭގެ އިގްތިސާދު ކުރިއެރި މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު އިގްތިސާދު ކުރިއަށް ދިޔައީ ތިން ޕަސެންޓުގަ އެވެ. އަދި ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދު 1.4 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ދުނިޔޭގެ އިންފްލޭޝަން ރޭޓު މި އަހަރު ހުންނާނެ ކަމަށް އައިއެމްއެފް އިން ލަފާކުރަނީ 5.8 ޕަސެންޓުގަ އެވެ. މިއީ މިދިޔަ އަހަރު އިންފްލޭޝަން ހުރި މިންވަރަށް ވުރެ 1.1 ޕަސެންޓު ދަށް އަދަދެކެވެ. އައިއެމްއެފް އިން ބުނީ، ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގްތިސާދު އަޑިއަޅާލި އިރު އެ ހާލަތުން އަރައިގަންނަމުން އަންނަނީ ވަރަށް މަޑު ދުވެލީގައި ކަމަށެވެ.