Roadha Mihaaru
"ދުނިޔޭގެ އިގްތިސާދަށް އޮތީ ބަނަކަމާއި ނުތަނަވަސްކަން"

ދުނިޔޭގެ އިގްތިސާދަށް އޮތީ ބަނަކަމާއި ނުތަނަވަސްކަން: އައިއެމްއެފް

27 ޖުލައި 2022

މި އަހަރާއި އަންނަ އަހަރު ވެސް ދުނިޔޭގެ އިގްތިސާދަށް އޮތީ، ބަނަކަމާއި ނުތަނަވަސް ކަން ކަމަށް، މާލީ އިދާރާ، އައިއެމްއެފް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރާއި އަންނަ އަހަރު ވެސް ދުނިޔޭގެ އިގްތިސާދަށް އޮތީ، ބަނަކަމާއި ނުތަނަވަސް ކަން ކަމަށް، މާލީ އިދާރާ، އައިއެމްއެފް އިން ބުނެފި އެވެ.

ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެ އިދާރާއިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން ކޮވިޑާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ނުތަވަސްތަކަމަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް މިދިޔަ އަހަރު ލިބުނު ނަމަވެސް، މިއަހަރު އަނެއްކާ ވެސް، އިގްތިސާދުތައް ފަހަތަށް ޖެހިލާފައިވާ ކަމަށެވެ.

މި އަހަރުގެ ދެ ވަނަ ކުއާޓާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ އެމެރިކާ އާއި ޗައިނާ އާއި ރަޝިޔާގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން އެނގޭ ކަމަށް އައިއެމްއެފް އިން ބުނެފައިވެ އެވެ. އެ އިގްތިސާދުތަކަށް އެހާ ބޮޑަށް އަސަރު ކުރީ، ދުނިޔޭގެ އިންފްލޭޝަން އިންތިހާއަށް އުފުލުމުން ކަމަށް އައިއެމްއެފް އިން ބުންޏެވެ.

މި އަހަރުގެ އިގްތިސާދު ކުރިއަރާ މިންވަރު 6 ޕަސެންޓުން 3 ޕަސެންޓަށް ދަށަށް ދާނެ ކަމަށް ލަފާ ކުރެވެ އެވެ. މިއީ މިދިޔަ އޭޕްރީލް މަހު ފޯކާސްޓު ކުރި ވަރަށް ވުރެ 0.4 ޕަސެންޓުގެ ދަށްވުމެވެ. އެމެރިކާގެ ރައްޔިތުން އާންމުންނަށް ތަކެތި ގަތުމުގެ ގާބިލްކަން ހުރި މިންވަރު އިތުރު 1.4 ޕަސެންޓަށް އައިއެމްއެފްއިން ވަނީ ދަށްކޮށްފަ އެވެ.

އައިއެމްއެފް އިން ބުނީ ޗައިނާގެ ރިއަލް އެސްޓޭޓް ވިޔަފާރި 1.1 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. އަދި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ޔޫރަޕްގެ އިގްތިސާދީ ހާލަތު އިތުރަށް ދަށްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ދުނިޔޭގެ އިންޕްލޭޝަން ތަރައްގީވެފައިވާ ނުވަތަ އެޑްވާސްޑް ގައުމުތަކުގައި 6.6 ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކުރާ އިރު ބޮޑުވަމުން އަންނަ ނުވަތަ އެމާޖިން މާކެޓުތަކުގެ ގޮތުގައި ބަލާ ގައުމުތަކުގެ އިންފްލެޝަން ރޭޓު 9.5 ޕަސެންޓަށް މައްޗަށް އަރައިގެންދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އައިއެމްއެފްއިން ބުނެފައިވެ އެވެ.

އެޑްވާންސްޑް އިކޮނޮޮމީތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، ޔޫރަޕް، ޖަޕާން، އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ ގައުމުތަކެވެ. އަދި އެމާޖިން އިކޮނޮމީތަކުގެ ގޮތުގައި ހިމެނެނީ ޗައިނާ، އިންޑިއަ، ރަޝިޔާ، ބްރެޒިލް، ސައުދީ އަރަބިއްޔާ އަދި ސައުތު އެފްރިކާ ފަދަ ގައުމުތަކެވެ.

އައިއެމްއެފް އިން ބުނީ އިންފްލޭޝަނާ ގުޅިގެން އަންނަ އަހަރު ދުނިޔޭގެ އިގްތިސާދީ ހަރަކާތްތައް މަދުވާނެ ކަމަށެވެ. އެހެންވެ، އަންނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވެނީ 2.9 ޕަސެންޓަށެވެ.