Roadha Mihaaru
ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 12 ޕަސެންޓްގައި

މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 12 ޕަސެންޓުގައި

10 މެއި 2022

މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 12 ޕަސެންޓުގައި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ލަފާކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 12 ޕަސެންޓުގައި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ލަފާކޮށްފި އެވެ.

އެ އޮތޯރިޓީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އިގްތިސާދު ކޮވިޑްގެ ކުރީގެ ހާލަތަށް އަންނަ އަހަރު ރުޖޫއަވާނެ އެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާފައިވަނީ 37 ޕަސެންޓަށެވެ.

މި އަހަރުގެ އިގްތިސާދު ވެސް އެންމެ ބޮޑަށް ކުރިއަރާނީ ޓޫރިޒަމް ދާއިރާ އަށް އަންނަ ކުރިއެރުންތަކުގެ ސަބަބުން ކަމަށް އެމްއެމްއޭއިން ބުންޏެވެ. ނަމަވެސް 2019 ވަނަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދަށް ވުރެ އެ އަދަދު މަދުވާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ. ސަބަބަކީ ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ހިނގާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމެވެ.

ރާއްޖެ އަށް 2019 ވަނަ އަހަރު 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.

އެމްއެމްއޭއިން ބުނިގޮތުގައި އިގްތިސާދު ކުރިއަރައިގެން އަންނަ އިރު މި އަހަރު ރާއްޖޭގައި ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލޭނެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމާއި ތެލުގެ އަގު ވެސް ވަރަށް ބޮޑަށް އުފުލުމެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައި އެމްއެމްއޭއިން ބުނެފައިވެ އެވެ.

ދާދި ފަހުން ވޯލްޑް ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުުތައް ދައްކާ ގޮތުން އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 10 ޕަސެންޓަށް ކުރިއަރާނެ އެވެ. އެކަމަކު އެކި ގައުމުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ހެދި އިގްތިސާދަށް އަސަރު ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.