Roadha Mihaaru
ޝަމީމަށް ދިން ހަމަލާ ޕާޓީތަކުން ކުށްވެރިކޮށްފި

ޝަމީމަށް ދިން ހަމަލާ ޕާޓީތަކުން ކުށްވެރިކޮށް، މައްސަލަ ބަލަން ގޮވާލައިފި

31 ޖެނުއަރީ 2024

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މިއަދު ހެނދުނު މަރުތޭލަކުން ދިން ހަމަލާ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އަދި ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މިއަދު ހެނދުނު މަރުތޭލަކުން ދިން ހަމަލާ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އަދި ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފި އެވެ.

ނޫރު މިސްކިތް ކައިރިން ޝަމީމަށް ދިން ހަމަލާގެ ސަބަބުން އޭނާގެ ވައަތުގެ އުޅަނބޮށި ތިރިއަށް ވަނީ އަނިޔާވެފަ އެވެ.

ޝަމީމަށް ދިން ހަމަލާ ކުށްވެރިކޮށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސިޔާސީ މަގުސަދެއްގައި ދޭ އަނިޔާވެރި ހަމަލާތަކަކީ ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ޖާގަ ދެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެ މަނިކުފާނު ވަނީ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލައްވައިފަ އެވެ.

އިދިކޮޅު އެމްޑީޕީން ވަނީ ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ސަރުކާރަށް ފާޑުކިޔައިފަ އެވެ.

އެ ޕާޓީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތް ފަހުން ރައްޔިތުންނާއި ދުސްތޫރީ މަސްއޫލިއްޔުތުތަކާ ވާޖިބުތައް އަދާކުރާ ފަރާތްތަކަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެފައިވާ ކަމަށެވެ.

"ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ޖެހިލުމެއް ނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނާ ގާތް ގުޅުންތަކާ ހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން،" އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ.

ޑިމޮކްރެޓްސް އިން ބުނީ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ގާނޫނުއަސާސީގެ ދަށުން މަތިކޮށް އައްޔަންކޮށްފައިވާ ދައުލަތުގެ މަގާމެއް އަދާކުރައްވާ ފަރާތަކަށް ދެވޭ ހަމަލާއަކީ މުޅި ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށެވެ. އެއީ ނުރައްކާތެރި ސިގްނަލެއް ކަމަށް ބުންޏެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވެސް ވަނީ ޝަމީމަށް ހަމަލާ ދިނުމުގެ ފަހަތުގައި ތިބި މީހުން ހޯދަން، ސީރިއަސް ތަހުގީގެއް ހިންގުމަށް ގޮވާލައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މި މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގުކޮށް ޒިންމާވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް، ގާނޫނީ އަދަބު ދިނުމަކީ ޖަރީމާތައް ހުއްޓުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.