Roadha Mihaaru
ފުލުހުން ނަން ޓެގު ނުޖެހުން ބޮޑު މައްސަލައަކަށް!

އިދިކޮޅު ހަރަކާތް ހުއްޓުވަން ދާ ފުލުހުން ނަން ޓެގު ނުޖެހުން ބޮޑު މައްސަލައަކަށް!

03 އޯގަސްޓް 2016

އިދިކޮޅު ހަރަކާތްތައް ހުއްޓުވަން ދާ ފުލުހުން ނަން ޓެގު ނުޖެހުމަކީ ބޮޑު މައްސަލައެއް ކަމަށާއި ކަމާ ބެހޭ ފަރާތްތަކުން އެކަން ބަލައި ފިޔަވަޅު އަޅަން އިދިކޮޅު އިއްތިހާދުން ރޭ ގޮވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ހަރަކާތްތައް ހުއްޓުވަން ދާ ފުލުހުން ނަން ޓެގު ނުޖެހުމަކީ ބޮޑު މައްސަލައެއް ކަމަށާއި ކަމާ ބެހޭ ފަރާތްތަކުން އެކަން ބަލައި ފިޔަވަޅު އަޅަން އިދިކޮޅު އިއްތިހާދުން ރޭ ގޮވާލައިފި އެވެ.

އިއްތިހާދުން އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އިދިކޮޅު ހަރަކާތްތައް ހުއްޓުވަން ދާ އެއްވެސް ފުލުހަކީ ކާކު ކަން ނޭނގޭ ކަމަށެވެ. އެހެންވެ ޔުނިފޯމު ލައްވާފައި ހަރަކާތްތައް ހުއްޓުވަން ފޮނުވަނީ ފުލުހުންކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯޓު އަމުރެއް ނެތި ގާނޫނާ ހިލާފަށް އިދިކޮޅު އިއްތިހާދުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީ ހަރުގެ އަށް ވަތް ފުލުހުންގެ ވެސް ނޭމް ޓެގެއް ނެތް. އެތަނަށް ވަދެގަތްއިރު އެ މީހުންނަކީ ކޮން ބައެއް ކަން ބުނެއެއް ނުދޭ. މިއީ ވަރަށް ބޮޑު މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވީ މީހަކު ހައްޔަރުކުރާ ނަމަ ނުވަތަ ތަނަކަށް ވަދެ ކަމެއް ހުއްޓުވާ ނަމަ އެއީ ކޮން ބައެއް ކަން ސާފުކޮށް ބުނެދޭން ޖެހޭ ކަމަށެވެ.

"ފުލުހުންގެ އިސް ވެރިންގެ އޯޑަރަށް މި ވަޑައިގަންނަވާ ބޭފުޅުން އެ މީހުންގެ އައިޑެންޓިޓީ ވެސް ދައްކަވަންވީ ނޫންތޯ. ހަރަކާތްތައް ހުއްޓުވަން ވަޑައިގެން މި ހިންގެނީ ޣައިރު ގާނޫނީ އަމަލެއް ކަމަށް އެ ބޭފުޅުންނަށް ވެސް ގަބޫލުކުރެވޭތީ [ކާކު ކަން ނާންގަނީއޭ] އަޅުގަނޑުމެންނަށް ހީވަނީ. އެހެންވީމަ ނޫންތޯ އެހާ ވަރަށް ފިއްލަވަން ޖެހޭނީ، ނޫނީ ކޮބައިތޯ މައްސަލައަކީ،" އަލީ ޒާހިރު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒުގައި ކުރި ދުއާއެއް ހުއްޓުވައި ފުލުހުން މީހަކު ހައްޔަރުކުރަނީ.-- ފޮޓޯ: އިބްރާހިމް ވަހީދު

އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒުގައި ކުރި ދުއާއެއް ހުއްޓުވައި ފުލުހުން މީހަކު ހައްޔަރުކުރަނީ.-- ފޮޓޯ: އިބްރާހިމް ވަހީދު

އޭނާ ވިދާޅުވި ގޮތުގައި ނަން ޓެގު ޖަހައިގެން އަންނަ ފުލުހުންނާ މަގުމަތިން ދިމާކުރުން ފަދަ ހުތުރު އަމަލުތަކެއް އިއްތިހާދަކުން ނުހިންގާނެ އެވެ. އެހެންކަމުން ފުލުހުން ވެސް ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރަން އޭނާ އެދިވަޑައިގެންނެވި އެވެ.

ފުލުހުން ނަން ޓެގު ނުޖަހާތީ އިއްތިހާދުގެ ފާޑުކިއުންތަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނަން ޓެގު ނެތަސް އެކި އޮޕަރޭޝަންތަކަށް ގޮސް ހަރަކާތްތެރިވަނީ ކޮންކޮން ފުލުހުން ކަން ދެނެގަނެވޭނެ ކަމަށެވެ. އަދި އޮޕަރޭޝަންތަކަށް ދާ ވަކިވަކި ފުލުހުންގެ މައްސަލަ ބެލޭނެ އިންތިޒާމް ވެސް ފުލުހުންގެ ތެރޭގައި ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކާކު ކަން ނޭނގޭ ގޮތަށް ފުލުހުން އޮޕަރޭޝަންތަކަށް ދާ ސަބަބެއް އޭނާ ވިދާޅެއް ނުވި އެވެ.

އެކަމަކު "މިހާރު"އާ ވާހަކަ ދެއްކެވި ފުލުހުންގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މުޒާހަރާތައް ނުވަތަ ގޭންގް މާރާމާރީ ހުއްޓުވަން ދާ ފުލުހުން ނަން ޓެގު ނުޖަހަނީ ފުލުހުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކަ އެވެ. އެކި އޮޕަރޭޝަންތަކަށް ދާ ފުލުހުންގެ ނަންތައް ހޯދައި، އެ މީހަކަށް ނުވަތަ ބައެއް ފަހަރު އެ މީހެއްގެ އާއިލާ އަށް ވެސް ނުރައްކާތެރި ކަންކަން ކުރިމަތިކުރުވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

"ނަން ހޯދައި މަގުމަތިން ވެސް ދިމާކޮށް ހަމަލާދީފައި އެބަހުރި. އާއިލާތަކަށް ނުރައްކާވާ ގޮތަށް ކަންކަން ހިންގާފައި އެބަހުރި،" ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވި އެވެ.

ފުލުހުން އެމްޑީޕީ ހަރުގޭގައި: މިއީ ވެސް ފުލުހުން ގާނޫނާ ހިލާފަށް ހިންގި ކަމެއް ކަމަށް އިއްތިހާދުން ބުނޭ

ފުލުހުން އެމްޑީޕީ ހަރުގޭގައި: މިއީ ވެސް ފުލުހުން ގާނޫނާ ހިލާފަށް ހިންގި ކަމެއް ކަމަށް އިއްތިހާދުން ބުނޭ

ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިހްތިޔާރުގެ ބޭނުން ހިފުމާ ބެހޭ ގަވާއިދާ ހަވާލާ ދެއްވައި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް އަދި އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ކޮންސްޓިޓިއުޝަނަލް ރިފޯމް މިނިސްޓަރު ހުސެއިން ޝަމީމް ވިދާޅުވީ ފުލުހުން ތަނަކަށް ވަންނައިރު ނުވަތަ މީހަކު ބަލައި ފާސްކުރާއިރު އެއީ ކާކު ކަން އަންގަން އޭނާގެ ނަމާއި އެޑްރެހާއި ސާވިސް ނަމްބަރު ބުނެދޭން ޖެހޭ ކަމަށެވެ. އެ ގަވާއިދާއި ފުލުހުންގެ ގާނޫނުގެ ވެސް މައިގަނޑު ރޫހަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ނޫން ގޮތަކަށް ފުލުހުން އެކަން ކުރިއަށް ގެންދިއުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށަކަށް ފެތޭ ކަމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ގާނޫނުލް އުގޫބާތުގެ 312 ވަނަ މާއްދާގެ ދަށުން އެއީ ޝަހްސު އޮޅުވާލުން ކަމަށް ބެލެވޭނެ. އެއީ ތިމާ ނޫން މީހެއް ކަމުގައި ދެއްކުން. އެއީީ ގާނޫނީ ކުށެއް،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގެ 312 ވަނަ މާއްދާގައި ބުނަނީ އެ މީހަކު އެހެން މީހެއްގެ ގޮތުގައި ދެއްކުމަކީ ކުށެއް ކަމަށެވެ.