Roadha Mihaaru
ޝަމީމަށް ހަމަލާދިންއިރު ސެކިއުރިޓީއެއް ނެތް

ޝަމީމަށް ހަމަލާ ދިންއިރު ސެކިއުރިޓީ ދިނުން އޮތީ މެދުކަނޑާލާފައި، އުސޫލު ރިވިއު ކުރަނީ

01 ފެބުރުއަރީ 2024

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް ބަޔަކު ހަމަލާ ދިނީ އޭނާއަށް ދެމުންދިޔަ ސެކިއުރިޓީ ހުއްޓާލާފައިވަނިކޮށް ކަމަށާއި އަދި އެ ހާދިސާއަށްފަހު ދައުލަތުގެ ވެރިންނަށް ސެކިއުރިޓީ ދޭ އުސޫލު ރިވިއު ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް ބަޔަކު ހަމަލާ ދިނީ އޭނާއަށް ދެމުންދިޔަ ސެކިއުރިޓީ ހުއްޓާލާފައިވަނިކޮށް ކަމަށާއި އަދި އެ ހާދިސާއަށްފަހު ދައުލަތުގެ ވެރިންނަށް ސެކިއުރިޓީ ދޭ އުސޫލު ރިވިއު ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޕީޖީއަށް ހަމަލާ ދީފައިވަނީ އޭނާ އިއްޔެ ދަރިފުޅު ސްކޫލަށް ގެންދިއުމަށްފަހު އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި ގޭ ދޮރުމަތިންނެވެ. ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހުމުން އޭނާގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ.

ހަމަލާއާ ގުޅިގެން ދެ މީހަކު މިއަދުގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް، އެމީހުންނާ ގުޅޭ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވީ ޕީޖީއަށް ހަމަލާ އަމާޒުވިއިރު ސެކިއުރިޓީގެ ހިދުމަތް ބޭނުން ކުރައްވާފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އިސްވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށް ފޯރުކޮށްދޭ ސެކިއުރިޓީއަކީ އެ ބޭފުޅުން ބޭނުންވުމުން ނަގާ ގޮތަށް އޮންނަ ޗޮއިސްއެއް ނޫން ކަމަށާއި އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަންގާ ގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

މިހާރު އަމަލު ކުރަމުންދާ އުސޫލަކީ ދައުލަތުގެ ވެރިންގެ ތުރެޓް އެސެސްމެންޓެއް ހެދުމަށްފަހު ތުރެޓް އޮތް މިންވަރަކުން އެ ބޭފުޅަކަށް ސެކިއުރިޓީ ދިނުން ކަމަށް ސީޕީ ވިދާޅުވި އެވެ. ނަަމަވެސް ދައުލަތުގެ ވެރިންނަށް 24 ގަޑިއިރު ސެކިއުރިޓީ ދިނުމަކީ މުހިންމު ކަމެއް ކަމަށް މިހާރު ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޝަމީމްގެ ސެކިއުރިޓީ ވަރުގަދަކޮށް މިހާރު ވަނީ ހަށިފާރަވެރިން ހަމަޖައްސާފަ އެވެ.

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ އެކްޓިން ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒު ވިދާޅުވީ ހަމަލާ ދިންއިރު ޝަމީމްގެ ކައިރީގައި ހަށިފާރަވެރިއެއް ނެތް ކަމަށާއި އޭނާ ސެކިއުރިޓީ ދޫކޮށްލެވީ ވެސް އަމިއްލައަށް ދެއްވި މެސެޖަކުން ކަމަށެވެ.

ނަމަވެސް ސީޕީ ވިދާޅުވީ އެއީ ތެދު މައުލޫމާތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޕީޖީ އަށް ސެކިއުރިޓީ ދެމުން ދިޔައީ ކޯޓުގައި ހިނގި މައްސަލައަކާ ގުޅިގެން ހެދި ތްރެޓް އެސެސްމެންޓަކުން ތްރެޓް އޮތް ކަމަށް ފާހަގަވާތީ ކަމަށާއި ސެކިއުރިޓީ ހުއްޓުވީ އެ ތްރެޓް ވެސް ނިމުމާ އެކު ކަމަށެވެ.

"އެހެންވީމަ ކުރިން އެ ދެންނެވި މައުލޫމާތު އަދި އެންމެ ރަނގަޅަކަށް ދެވުނު މައުލޫމާތެއް ނޫން،" ސީޕީ ވިދާޅުވި އެވެ.

ނާފިޒުަ: ޕީޖީގެ ސެކިއުރިޓީ ހުއްޓާލި ސަބަބާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަ ސީޕީ ދޮގު ކުރެއްވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ނާފިޒުަ: ޕީޖީގެ ސެކިއުރިޓީ ހުއްޓާލި ސަބަބާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަ ސީޕީ ދޮގު ކުރެއްވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ސީޖީ އަލީ ޝުޖާއު ވިދާޅުވީ ޕީޖީއަށް ހަމަލާ ދިނުމާއެކު އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހޯދުމަށް ހުރިހާ ވަސީލަތެއް ބޭނުން ކުރި ކަމަށާއި ހަމަލާދިންތާ މާގިނަ ދުވަސްތަކެއް ނުވެ ދެ މީހަކު ހައްޔަރު ކުރެވުނީ ބުރަ މަސައްކަތުން ކަމަށެވެ.

ޝުޖާއު ވިދާޅުވީ ހަމަލާ ދީފައިވަނީ މޫނު ނިވާކޮށްގެން ވަރަށް ބޮޑަށް ކާކުކަން ނޭނގޭ ގޮތަށް ރޭވިގެން ކަމަށެވެ. ނަމަވެސް އެމީހުންނަކީ ކޮބައިކަން މިހާރު ދެނެގަނެވި ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހަމަލާގެ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ފުލުހުންނަށް ކުރިން ލިބިފައެއް ނެތެވެ.

ސީޕީ ވިދާޅުވީ ބައެއް ކަންކަމަކީ ފުލުހުންނަށް ވެސް ނޭނގި ހިނގާ ކަންކަން ކަމަށާއި ނަމަވެސް މިފަދަ ހަމަލާތަކަށް ދޭން އެއްވެސް ޖާގައަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދޭ ފަރާތްތަކަށް ގެންގުޅޭ ސެކިއުރިޓީގެ މިންގަނޑު ރިވިއު ކުރާނެ ކަމަށެވެ.