Roadha Mihaaru
ހަމަލާ އަށް ފަހު ޝަމީމްގެ ސެކިއުރިޓީ ވަރުގަދަކޮށްފި

ހަމަލާއާ ގުޅިގެން ޝަމީމްގެ ސެކިއުރިޓީ ވަރުގަދަކޮށްފި

31 ޖެނުއަރީ 2024

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް މިއަދު ހެނދުނު މަރުތޭލައަކުން ދިން ހަމަލާއާ ގުޅިގެން އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމަށް މިއަދު ހެނދުނު މަރުތޭލައަކުން ދިން ހަމަލާއާ ގުޅިގެން އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ނޫރު މިސްކިތް ކައިރިން ޝަމީމަށް ދިން ހަމަލާގެ ސަބަބުން އޭނާގެ ވައަތުގެ އުޅަނބޮށީގެ ތިރިއަށް ވަނީ އަނިޔާ ވެފަ އެވެ. ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ. ޕީޖީ އޮފީހުން ބުނީ އަނިޔާ އަށް އޭޑީކޭގައި ފަރުވާ ހޯދަމުން އަންނައިރު ހާލު ރަނގަޅު ކަމަށެވެ.

އެ އޮފީހުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި ޕީޖީ އަށް ހަމަލާދީފައި ވަނީ ސައިކަލެއްގައި ދިޔަ ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެންނެވެ. ހަމަލާއާ ގުޅިގެން އެމްއެންޑީއެފް އިން ޕީޖީ ޝަމީމްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ޝަމީމަކީ އާންމު ގޮތެއްގައި ފަތާށާއި ދުވަން އެކަނިމާ އެކަނި ނުކުމެ އުޅުއްވާ ބޭފުޅެކެވެ.

ޕީޖީ އޮފީހުން ބުނީ ހަމަލާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ޝަމީމްގެ ހާލު ބައްލަވާލެއްވުމަށް ހޮސްޕިޓަލަށް ވެސް ވަޑައިގެންފައި ކަމަށެވެ.

ޝަމީމަށް ދިން ހަމަލާ ކުށްވެރިކޮށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސިޔާސީ މަގުސަދެއްގައި ދޭ އަނިޔާވެރި ހަމަލާތަކަކީ ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ޖާގަ ދެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެ މަނިކުފާނު ވަނީ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލައްވައިފަ އެވެ.

އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވެސް ވަނީ ޝަމީމަށް ހަމަލާ ދިނުމުގެ ފަހަތުގައި ތިބި މީހުން ހޯދަން، ސީރިއަސް ތަހުގީގެއް ހިންގުމަށް ގޮވާލައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މި މައްސަލަ ވީހާ ވެސް އަވަހަކަށް ތަހުގީގުކޮށް ޒިންމާވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެސް، ގާނޫނީ އަދަބު ދިނުމަކީ ޖަރީމާތައް ހުއްޓުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.