Roadha Mihaaru
މަހްލޫފް މައްސަލައިގެ އިތުރު ހެެއްކެއް ނުހޯދަން: ޕޮލިސް

މަހްލޫފްގެ މައްސަލައިގައި އިތުރު ހެކި ހޯދަން މަސައްކަތެއް ނުކުރަން: ފުލުހުން

19 އޯގަސްޓް 2021

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަަލައިގައި އިތުރު ހެކި ހޯދުމުގެ މަސައްކަތެއް ކުރަމުން ނުގެންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަަލައިގައި އިތުރު ހެކި ހޯދުމުގެ މަސައްކަތެއް ކުރަމުން ނުގެންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަހްލޫފަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރު ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ނުގެންދާ ކަމަށާއި ނަމަވެސް ކުރިން ހޯދާފައިިވާ ހެކިތަކާ ބެހޭ ބައެއް ކަންތައްތައް ޕީޖީ އޮފީހަށް ސާފުކޮށްދިނުން ކުރިއަށް ގެންދާ ކަމަށެވެ. އެ އެކަންތައްތައް ފުލުހުންނަށް އިތުރަށް ސާފުކޮށްދޭން މަސައްކަތް ކުރަނީ އޭނާ ވިދާޅުވި ގޮތުގައި ޕީޖީ އޮފީހުން އެދިގެންނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ އެސްއޯއެފުން މަހުލޫފުގެ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިިރު، މަހްލޫފު ހުންނެވީ އެ މައްސަލައާ ގުޅިގެން ވަޒީރުކަމުގެ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.

މަހްލޫފުގެ މައްސަލައިގައި ގޮތެއް ނިންމުން ލަސްވާތީ، އޭނާ ވަނީ ޕީޖީ އޮފީހަށް ސިޔާސީ ބަޔަކު ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.

އެކަމަކު މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސަައިން ޝަމީމް ވިދާޅުވީ މަހުލޫފުގެ މައްސަލަ ވެސް އެހެން އެއްވެސް މައްސަލައަކާ ގުޅިގެން ވެސް ސިޔާސީ ފަރާތެއްގެ ނުފޫޒެއް އޭނާ އަށް ނެތް ކަމަށެވެ. އަދި ހުރިހާ މައްސަލަތަކުގައި ވެސް ނިންމާނީ އެންމެ އިންސާފުވެރިކޮށް ކަމަށް ގަބޫލު ކުރެއްވޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

މަހްލޫފް ކުރިން ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ޕީޖީ އޮފީހުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާކުރަން ފޮނުވާ މައްސަލަތައް ދިރާސާކުރަން ހަދާފައިވާ ކޮމިޓީން، އޭނާ އަށް ދައުވާ ނުކުރެވޭނެ ކަމަށް ލަފާ ދިނުމުން އެ މައްސަލަ އެ އޮފީހުގެ އެހެން ދެ ބޭފުޅަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން މަސައްކަތް ކުރެ އެވެ. އެކަމާ ގުޅިގެން ޝަމީމް ވިދާޅުވީ، ބައެއް ފަހަރު މައްސަލަތަކުގައި ދެވަނަ ރައުޔެއް ހޯދަން ފޮނުވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހުލޫފަށް ލިބުނު ކަމަށް އޭސީސީން ތުހުމަތު ކުރަނީ 33،000 ޑޮލަރެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ އެ ފައިސާ އަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި މަހްލޫފު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް، ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުންނެވުމުގެ ބަދަލެއްގެ ގޮތުގައި އަދީބު ދެއްވި ފައިސާ ކަމަށެވެ. އެކަމަކު، އޭނާ ވިދާޅުވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކޮށްގެން ޖަމާ ކުރި ފައިސާ ކަމަށެވެ.