Roadha Mihaaru
ޝަމީމަށް ހަމަލާދިން މައްސަލާގައި އިތުރު މީހަކު ހައްޔަރު

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ފެބުރުއަރީ 2024

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ޕީޖީއަށް ހަމަލާދިން މައްސަލާގައި 22 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލާގައި ދެ މީހަކު މީގެކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ. އެއީ ރ. އަލިފުށީ، ރިވެލި މިދުހަތު އާދަމް، 23 އާއި ލ. ގަމު ތުނޑިއަވަށް، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން، 22 އެވެ. އެ ދެ ޒުވާނުންގެ މާލޭގެ އެޑްރެހެއް ކަމަށް ކޯޓު އަމުރުގައި ވަނީ ހ. ފެނިގެއްލިދާގެ އެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ އޭނާގެ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭގެ ދޮރުމަތިންނެވެ. ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހިޖެހީނުން އޭނާގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ.

އެ މައްސަލާގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ޕީޖީ ޝަމީމަށް ދިން ހަމަލާ ފުލުހުން ބަލަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ޕީޖީ ޝަމީމަށް ހަމަލާ ދިނީ ކާކުކަން ނޭނގޭ ގޮތަށް، ވަރަށް ބޮޑަށް ރޭވިގެން ކަމަށާއި އެ ކަހަލަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ ތަނުގައި ހިންގާފައިވާ އެކަހަލަ ކަންތައްތަކަށް ބަލާއިރު މި ހަމަލާގެ ފަހަތުގައި ވެސް އިތުރު ބަޔަކު ތިބުން އެކަށީގެންވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.