Roadha Mihaaru
ޕާކިސްތާނުގައި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން މަނާ

ޕާކިސްތާނުގައި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން ކޯޓުން މަނާކޮށްފި

14 ފެބުރުއަރީ 2017

އިސްލާމްއާބާދު (ފެބްރުއަރީ 14) - ވެލެންޓައިންސް ޑޭ ފާހަގަ ކުރުމުގެ ގޮތުން ޕާކިސްތާނުގެ އެއްވެސް ހިސާބެއްގައި ހަރަކާތެއް ބޭއްވުން އިސްލާމްއާބާދުގެ ހައި ކޯޓުގެ އަމުރަކުން މަނާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ފެބްރުއަރީ 14) - ވެލެންޓައިންސް ޑޭ ފާހަގަ ކުރުމުގެ ގޮތުން ޕާކިސްތާނުގެ އެއްވެސް ހިސާބެއްގައި ހަރަކާތެއް ބޭއްވުން އިސްލާމްއާބާދުގެ ހައި ކޯޓުގެ އަމުރަކުން މަނާކޮށްފި އެވެ.

ކޯޓު އަމުރާ ގުޅިގެން އިލެކްޓްރޯނިކް އަދި ޕްރިންޓް މީޑިއާގައި ވެލަންޓައިންސް ޑޭ އާ ގުޅޭ އިޝްތިހާރު ކުރުމާއި އެ ދުވަހާ ގުޅޭ ތަކެތި ވިއްކުން އަދި ސަރުކާރުގެ އެއްވެސް ތަނެއްގައި ލޯބިވެރިންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. ކޯޓުން ވަނީ އަމުރާ ޚިލާފުވާ ފަރާތްތައް މޮނިޓާ ކުރުމަށް ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރިގިއުލޭޓަރީ އޮތޯރިޓީގައި އެދިފަ އެވެ. ކޯޓު އަމުރު ނެރެފައި ވަނީ އަބްދުލް ވަހީދު ކިޔާ މީހަކު ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އޭނާ ވަނީ ވެލެންޓައިންސް ޑޭ ފާހަގަ ކުރުމަށް ހިންގާ ހަރަކާތަކީ އިސްލާމްދީނާ ޚިލާފު ކަމެއް ކަމަށް ބުނެ އެކަން ވަގުތުން ހުއްޓުވުމަށް ކޯޓަށް ހުށަހަޅައިފަ އެވެ.

ޕާކިސްތާނުގައި މާ ވިއްކާ ފިހާރައެއްގެ މީހަކު މަޑުކޮށްލައިގެން: ވެލެންޓައިންސް ޑޭ އާ ދިމާކޮށް 2،000 ޑޮލަރު އިންވެސްޓްކުރި ކަމަށް އޭނާ ބުނި. --ފޮޓޯ:ސީއެންއެން

ޕާކިސްތާނުގައި މާ ވިއްކާ ފިހާރައެއްގެ މީހަކު މަޑުކޮށްލައިގެން: ވެލެންޓައިންސް ޑޭ އާ ދިމާކޮށް 2،000 ޑޮލަރު އިންވެސްޓްކުރި ކަމަށް އޭނާ ބުނި. --ފޮޓޯ:ސީއެންއެން

ޕާކިސްތާނުގައި ވެލެންޓައިންސް ޑޭ ފާހަގަ ކުރުމަށް ޖަމާއަތު އިސްލާމީ ފަދަ ޕާޓީތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. އެ ޕާޓީން ވަނީ ފެބްރުއަރީ 14 ފާހަގަ ކުރުމާ ދެކޮޅަށް އެއްވުންތައް ވެސް ބާއްވައިފަ އެވެ. ޕާކިސްތާނުގެ ޕިޝާވަރުގައި މިދިޔަ އަހަރު ވަނީ ވެލެންޓައިންސް ޑޭ ފާހަގަ ކުރުން މަނާކޮށްފަ އެވެ. ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ވެލެންޓައިންސް ޑޭ ފާހަގަ ކުރުމަކީ މުސްލިމުންގެ އާދަކާދައެއް ނޫން ކަމަށް ވިދާޅުވެ އެ ދުވަސް ފާހަގަ ނުކުރުމަށް އެދި ބަޔާނެއް ނެރުއްވައިފަ އެވެ.

ވެލެންޓައިންސް ޑޭ އާ ދިމާކޮށް ޕާކިސްތާނުގެ ބައެއް ފިހާރަތަކަށް ވަނީ ހިތުގެ ބައްޓަމަށް ހުންނަ ފުއްޕާހަމާއި ރަތް ފިނިފެންމާ ގެނެސްފަ އެވެ. ފިހާރަތައް ހިންގާ ފަރާތްތަކުން ބުނެފައި ވަނީ ކޯޓު އަމުރާ ގުޅިގެން އެ މީހުންގެ ވިޔަފާރި އަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ.