Roadha Mihaaru
މުޝައްރަފުގެ މުދާ ހިފަހައްޓަން ކޯޓުން އަމުރުކޮށްފި

މުޝައްރަފުގެ މުދާ ހިފަހައްޓަން ކޯޓުން އަނެއްކާވެސް އަމުރުކޮށްފި

19 ސެޕްޓެމްބަރ 2016

ކަރާޗީ (ސެޕްޓެމްބަރު 19) - ޕާކިސްތާނުގެ ކުރީގެ އަސްކަރީ ލީޑަރު ޖެނެރަލް ޕަރްވޭޒް މުޝައްރަފުގެ މުދާތައް ހިފަހައްޓަން ކޯޓު އަމުރެއް އަނެއްކާވެސް ނެރެފައިވާ ކަމަށް އޭނާގެ ވަކީލް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކަރާޗީ (ސެޕްޓެމްބަރު 19) - ޕާކިސްތާނުގެ ކުރީގެ އަސްކަރީ ލީޑަރު ޖެނެރަލް ޕަރްވޭޒް މުޝައްރަފުގެ މުދާތައް ހިފަހައްޓަން ކޯޓު އަމުރެއް އަނެއްކާވެސް ނެރެފައިވާ ކަމަށް އޭނާގެ ވަކީލް ބުނެފި އެވެ.

ކޯޓުން މި ފަހަރު އަމުރު ނެރެފައި ވަނީ އިސްލާމްއާބާދުގެ ރަތް މިސްކިތަށް ދިން ހަމަލާއާ ގުޅިގެންނެވެ. ދަށު ކޯޓުގެ ފަނޑިޔާރު ޕަރްވައިޒް ގާދިރު މެމޮން އަމުރު ނެރުނީ ރަތް މިސްކިތަށް ދިން ހަމަލާގައި ދީނީ އިލްމުވެރިޔާ އަބްދުލް ރާޝިދު ގާޒީ އަވަހާރަވި ހާދިސާއާ ގުޅިގެންނެވެ. ޕާކިސްތާން ސިފައިން 2007 ވަނަ އަހަރު ރަތް މިސްކިތަށް ދިން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

"ކޯޓުން މިހާރު އެ ވަނީ މުޝައްރަފުގެ މުދާ ހިފަހައްޓަން އަމުރު ނެރެފައި. ދެން އޮތް ކަމަކީ މުޝައްރަފް އަނބުރާ ގެނައުމަށް ދާޚިލީ ވުޒާރާ އަށް ޕްރެޝަރު ކުރުން،" ރަތް މިސްކިތް ހާދިސާގައި ވަކާލާތު ކުރާ ވަކީލް ތާރިގު އަސަދު ބުންޏެވެ.

ބޭސް ފަރުވާ އަށް މާޗު މަހު ދުބާއީ ވަޑައިގެންނެވި މުޝައްރަފުގެ ވެރިކަމުގައި ކުރައްވާފައިވާ ކަންކަމާ ގުޅޭ ގިނަ މައްސަލަތަކެއް ކޯޓުގައި މިހާރު ވެސް ކުރިއަށް ދެ އެވެ. މުޝައްރަފް ވެރިކަން ކުރެއްވީ 1999- 2008 އަށެވެ.

ގައުމަށް ޣައްދާރުވި މައްސަލާގައި މުޝައްރަފުގެ މުދާތައް ހިފަހައްޓަން ޖުލައި މަހު ވެސް ވަނީ ޕާކިސްތާނުގެ ކޯޓަކުން އަމުރު ނެރެފަ އެވެ.

މިހާރުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފު 1999 އަހަރު ވެރިކަމުން ދުރުކުރީ މުޝައްރަފް ގެންނެވި ލޭއޮހޮރުވުމެއް ނެތް އަސްކަރީ ބަޣާވާތެއްގަ އެވެ. މުޝައްރަފް ވަނީ 2008 ވަނަ އަހަރު އިސްތިއުފާ ދެއްވުމަށް ފަހު ގައުމުން ބޭރަށް ދިރިއުޅުން ބަދަލުކުރައްވައިފަ އެވެ. އެކަމަކު 2013 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް މުޝައްރަފް އަނެއްކާވެސް ވަނީ އެނބުރި ގައުމަށް ވަޑައިގެންފަ އެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރުން މަނާކޮށް، ގައުމުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ. އެކަމަކު މާޗު މަހު ވަނީ ބޭސް ފަރުވާ އަށް ގައުމަށް ބޭރަށް ދިއުމަށް ހުއްދަ ދީފަ އެވެ.

ބަލޫޗިސްތާނުގެ ގަވަރުނަރު ނަވާބު އަކްބަރު ބުގްތީ 2006 ވަނަ އަހަރު އަވަހާރަކޮށްލި މައްސަލައިގައި މުޝައްރަފް ކުށްވެރި ނުވާ ކަމަށް މި އަހަރުގެ ޖެނުއަރީ މަހު ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އަދިވެސް ހަތަރު ދައުވާއެއް ވަނީ މުޝައްރަފުގެ މައްޗަށް އުފުލައިފަ އެވެ. އެއީ ގައުމަށް ޣައްދާރުވުމާއި ގަވާއިދާ ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ފަނޑިޔާރުންތަކެއް ގަވާއިދާ ޚިލާފަށް ވަކިކުރުމާއި ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ 2007 ވަނަ އަހަރު އަވަހާރަކޮށްލަން ރޭވުމާ އަދި ރަތް މިސްކިތަށް ހަމަލާ ދިނުމެވެ.