Roadha Mihaaru
ތެލެސީމިއާގެ ފަރުވާއަށް ހާއްސަ ބޮޑު ހޮސްޕިޓަލެއް

ތެލެސީމިއާއަށް ހާއްސަ ބޮޑު ހޮސްޕިޓަލެއް ހުޅުމާލޭގައި އަޅަނީ

03 ފެބުރުއަރީ 2024

އާއްމު ބަލިތައް ވެސް ހިމެނޭ ގޮތަށް ތެލެސީމިއާ އަށް ހާއްސަ ފަރުވާ ދެވޭ ގޮތަށް ހުޅުމާލޭގެ ފޭސް 2 ގައި ބޮޑު ހޮސްޕިޓަލެއް އަޅަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާއްމު ބަލިތައް ވެސް ހިމެނޭ ގޮތަށް ތެލެސީމިއާ އަށް ހާއްސަ ފަރުވާ ދެވޭ ގޮތަށް ހުޅުމާލޭގެ ފޭސް 2 ގައި ބޮޑު ހޮސްޕިޓަލެއް އަޅަން ނިންމައިފި އެވެ.

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގައުމީ ކެމްޕެއިން ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ތެލެސީމިއާ ހޮސްޕިޓަލް އަޅަން މިހާރު ބިން ހަމަޖެހިފައިވާ ކަމަށެވެ.

އެ މަސައްކަތްތައް ނިމުމުން ތެލެސީމިއާގެ ފަރުވާ ރަނގަޅު ވެގެންދާނެ ކަން ފާހަގަ ކުރެއްވި އެވެ. ހަލީލް ވިދާޅުވީ އާ ހޮސްޕިޓަލް އަޅަން ހުޅުމާލެ 2 އިން 71،000 އަކަފޫޓުގެ ބިމެއް ލިބިފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި ވެސް މަސައްކަތް ފެށޭތޯ ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެރިއަރުންގެ އާބާދީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާއިރު، މުސްތަގުބަލުގައި ކެރިއަރުންނާއި ކެރިއަރުން ކައިވެނިކުރުމުން ތެލެސީމިއާގެ ކުދިން ގިނަވެގެންދާނެ ކަމަށެވެ. އެއާއެކު، ރަނގަޅު ބްލަޑް ބޭންކެއް ގާއިމްކޮށް ތެލެސީމިއާ ކުދިންނަކީ ސައިކޮލޮޖިކަލް ސަޕޯޓާއެކު ހާއްސަ ފަރުވާ ބޭނުންވާ ބައެއް ކަން ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން، ކުދިން ފަރުވާ ހޯދަނީ ކޮމިއުނިޓީއާ އިންޓެގްރޭޓެޑް ވެގެންދާ ތަނަކަށް ހެދުމަށް ހޮސްޕިޓަލަކީ ލައިބްރަރީއަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ހުންނަ ތަނަކަށްވެ، ރަށްރަށުން ފަރުވާއަށް މާލެ އައިސް ތިބޭނެ ޖާގަ ވެސް ކަށަވަރުކޮށްދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަރަށް ވަށާޖެހޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެން މި ތަން [ހޮސްޕިޓަލް] ޑިޒައިންކުރަނީ. ރާއްޖޭގައި ހުރި ހޮސްޕިޓަލްތަކަށް ބަލާއިރު ދަރުމަވަންތަ ހޮސްޕިޓަލް 25 ބުރީގެ ތަނަކަށް ވިޔަސް އެ ތަން ފުލްވެފައި ވަނީ. އާ ހިދުމަތްތައް ވެސް ތައާރަފްކޮށްފައި އެބަހުރި.... މި ހޮސްޕިޓަލް ވެސް ވަކި ސްޕެސިފިކް ކަމަކަށް، އާ ހިދުމަތްތަކާއެކު ޑިޒައިންކުރެވޭގޮތަށް ދަނީ. ދާއިރު ފޭސް 2 އަށް އެބަ އިނގޭ ހޮސްޕިޓަލެއް ބޭނުންވާކަން ވެސް،" ހަލީލް ވިދާޅުވި އެވެ.

"ވަރަށް ބޮޑު އާބާދީއެއް، މިހާރު ވެސް 30،000-40،000 މީހުން އެބަ ދިރިއުޅޭ އެ ތަނުގައި. ދިރިއުޅޭއިރު ހުޅުމާލޭގެ އާބާދީއަށް ކޭޓާކުރެވޭ މި ހުރީ ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލް އެކަނި. ހުޅުމާލެ ހޮސްޕިޓަލް ވެސް ތަރައްގީކުރަންޖެހޭ. އެހެންވެ، ފޭސް 2 އަށް ދާންޖެހޭ މިހާރަށް ވުރެ ވަރުގަދަ ހޮސްޕިޓަލެއް ދާންޖެހޭ. ތެލެސީމިއާއަށް ހާއްސަކުރިއަސް އާއްމު ބަލިތަކަށް ވެސް ދާނެ. އިތުރު ޖެނެރަލް ހޮސްޕިޓަލެއްގެ ހުރިހާ ފީޗާސްތަކެއް ވެސް އެ ތަނުގައި ހުންނާނެ."

ހެލްތު މިނިސްޓްރީން ފެށި ގައުމީ ކެމްޕެއިންގެ ދަށުން، ފަސް އަހަރުގެ ތެރޭގައި ހުރިހާ ދިވެހިން ތެލެސީމިއާއަށް ޓެސްޓުކުރަން ވަނީ ނިންމައިފަ އެވެ. އަމާޒަކީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ތެލެސީމިއާއާ ގުޅިގެން ލޭއަޅާ ކުދިން އުފަންވާ ރޭޓް 50 ޕަސެންޓަށް ދަށްކުރުމެވެ.