ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފި އެވެ.
05 ފެބުރުއަރީ 2024
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފި އެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ގޮވާލެއްވީ ސަރުކާރުން ވީ އެންމެ އަވަހަކަށް އެ މައްސަލާގައި ފިޔަވަޅުތައް އެޅުމަށެވެ.
ވަހީދު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގެ މަސް ދޯނިތަކަކަށް ބޭރުގެ ސިފައިން އެރި މައްސަލައަކީ ވަރަށް ހައްސާސީ މައްސަލައެއް ކަމަށްވީ ނަމަވެސް، ސަރުކާރުން މިކަމަށް އެންމެ އެކަށީގެންވާ ގޮތެއްގައި ސަމާލުކަން ދޭ ތަނެއް ނުފެންނަ ކަމަށެވެ.
އަދި ގާނޫނީ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިމްކޮށްފައިވާ ޒިންމާ މިކަމުގައި އަދާކުރަމުން ނުދާ ކަމަށް ވެސް މައްސަލަ ހުށަހަޅުއްވަމުން ވަހީދު ވިދާޅުވި އެވެ.
ކުއްލި މައްސަލަ މަޖިލީހަށް ބަލަގަނެ ބަހުސް ކުރުމަށް، މިއަދު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުން ވޯޓު ދެއްވި އެވެ.
މިދިޔަ ބުދަ ދުވަހު ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ، އދ. މަހިބަދޫ 'އަސުރުމާ 03' ނަމަކަށް ކިޔާ ބޯޓަކަށް އިންޑިއާ ކަނޑުގެ ސިފައިން ހަތިޔާރާ އެކު އެރި ކަމުގެ ރިޕޯޓުން އެ ދޯނިން ކުރި އެވެ.
އޭގެ ފަހުން 'މޮހޮރާ 3' އަދި 'ނިރު 7' ނަމަކަށް ކިޔާ ދެ ދޯންޏަކަށް ވެސް އިންޑިއާ ސިފައިން އެރި މައްސަލަ ފެންމަތިވި އެވެ. އެ ދޯނިތަކަށް އަރައި އިންޑިއާ ސިފައިން ވަނީ މަސްވެރިން ސުވާލުކޮށް، އެމީހުން ނެގި ފޮޓޯތައް ވެސް ޑިލީޓް ކުރުވައިފަ އެވެ. ނަމަވެސް، ވަނީ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެ ވީޑިއޯތަކުން ފެންނަނީ ދޯނިތަކުގެ ތައްޓު މައްޗަށް ފަޅުވެރިން ޖަމާކޮށް، އެ މީހުންނާ އިންޑިއާގެ ސިފައިން ސުވާލުކުރާ ތަނެވެ.
މަސް ދޯނިތަކަށް އެރި އިންޑިއާގެ ސިފައިން --
މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމްތަކުން ކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި އިންޑިއާ ކަނގެ ސިފައިން އަރާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ޑިފެންސްގެ ބަޔާނުގައި ބުންޏެވެ.
އެހެންވެ އިންޑިއާ ސިފައިން ހިންގި އެ އޮޕަރޭޝަންގެ ތަފްސީލް ހޯދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ދަންނަވާފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އިންޑިއާ ސިފައިން އެރި ދޯނީގައި ތިބި މީހުންނާ އިންޑިއާގެ ކޯސްޓު ގާޑުގެ ސިފައިން މުއާމަލާތުކުރި ގޮތް އެނގޭ މީހަކު މީގެކުރިން "މިހާރު" އަށް ބުނީ އިންޑިއާގެ ސިފައިން ބޭނުންވީ އެ ދޯނިތަކުގައި ބޭނުންކުރި ސެޓެލައިޓް ފޯނުގެ ނަމްބަރު ކަމަށެވެ. އެކަމަކު، އެ ވަގުތު އެމްއެންޑީއެފް ކޯސްޓް ގާޑަށް ބައެއް ދޯނިތަކުގެ މަސްވެރިން ގުޅުމުން ދިވެހި ސިފައިންގެ އިރުޝާދުގެ މަތިން ސެޓެލައިޓް ފޯނުތަކުގެ ނަމްބަރެއް ނުދިނެވެ.
ރާއްޖޭގެ މަސްދޯނިތަކަށް އެރި އިންޑިއާގެ ސިފައިން މަސްވެރިންގެ ފޯނުތައް އަތުލައި ހެކިތައް ނައްތައިލި ކަމަށް ވެސް "މިހާރު" އަށް އެނގިފައި ވެ އެވެ. އިންޑިއާ ސިފައިން ދިވެހި މަސްވެރިންނާ ސުވާލުކުރަނިކޮށް، މަސްވެރިން ފޮޓޯތައް ނެގުމުން، އެ މީހުންނަށް މަޖުބޫރުކޮށް، ހުރިހާ ހެއްކެއް އިންޑިއާ ސިފައިން ފޮހެލި ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ތިން ދޯނީގެ ތެރެއިން އަސުރުމާ ދޯނީގެ ކެޔޮޅާ ހަވާލާދީ މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސައިން ނަޝީދު ވިދާޅުވީ އިންޑިއާގެ ކޯސްޓްގާޑުން ދޯނި ކައިރިއަށް އެންމެ ފުރަތަމަ ފޮނުވީ ޑްރޯންއެއް ކަމަށެވެ. އިންޑިއާގެ ކޯސްޓްގާޑުގެ ދެ ބޯޓު އެ ސަރަހައްދުގައި އޮތް ކަމަށާއި އެ ތަނުން އެއް ބޯޓު ދޯންޏާ ކައިރިކުރީ ޑްރޯން ފޮނުވައިގެން ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ޣައްސާން ހާޒިރުކުރި 241 ކޮމިޓީ ސިއްރުކޮށްފި
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
"ދޯނިތަކަށް އިންޑިއާ ސިފައިން އެރީ ގާނޫނާ ހިލާފަށް"
"ޔާމީންގެ ވާހަކަތަކާ ހެދި ގައުމީސަލާމަތަށް ނުރައްކާވޭ"
އިންޑިއާގެ އެއްބަސްވުންތައް ނުދައްކާ ކަމުގެ ޝަކުވާ
އެއްބަސްވުންތަކުގެ "ގެއްލުންތައް" ހިމަނަން ހުށަހަޅައިފި
އުތުރު ތިލަފަޅު އެއްބަަސްވުމުގެ ކޮޕީއަކަށް އެދިއްޖެ
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ