Roadha Mihaaru
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު

އިންޑިއާ ސިފައިން އެރި މައްސަލާގައި ބައިނަލްއަގްވާމީ ހަމަތަކުން ސަރުކާރުން ފިޔަވަޅު އަޅާނެ: ތޯރިގު

05 ފެބުރުއަރީ 2024

ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް ހަތިޔާރާ އެކު އިންޑިއާ ސިފައިން އެރި މައްސަލާގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރު މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް ހަތިޔާރާ އެކު އިންޑިއާ ސިފައިން އެރި މައްސަލާގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރު މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކަނޑުގެ އެންމެ އުތުރު ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް އިންޑިއާގެ ސިފައިން ހަތިޔާރާ އެކު އެރި މައްސަލާގައި ޑިމޮކްރެޓްސް އަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލާގައި ބަހުސް ކުރައްވަމުން ތޯރިގު ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގައި އެކަށީގެންވާ ގާބިލްކަން ނެތުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެހެލެއްޓުމަށް ގޮންޖެހުން ދިމާވާ ކަމަށާއި ނަމަވެސް، އޭގެ މާނަ އަކީ އަވަށްޓެރި ގައުމުތަކުން އައިސް ރާއްޖޭގެ ޓެރިޓަރީގެ ތެރެއަށް ވަދެގަތުމަށް އޮތް ހުއްދައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކުޑަ ގައުމަކުން ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް އެ މައްސަލައަށް ޓެކުލް ކުރަމުން އެ ދަނީ. އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނީ،" ތޯރިގު ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާގައި ދިވެހި ކަނޑުތައް ބެލެހެއްޓުމުގެ ގާބިލްކަން ނެތް ކަން ސާބިތުކޮށްދޭން އެ ވާހަކަ ދެއްކުމަކީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫން ކަަމަށެވެ. މަސައްކަތް ކުރަން ޖެހެނީ ދިވެހި ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ދިވެއްސަކު މިކަމަށް [އިންޑިއާ ސިފައިން ދޯނިތަކަށް އެރި މައްސަލަ] ހިތްވަރުދީ ވާހަކަ ދެއްކުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ މުސްތަގުބަލާ ދޭތެރޭ ފުންކޮށް އެބަ ވިސްނަންޖެހޭ. އަޅުގަނޑުމެން ގަބޫލު ކުރަން އެބަ ޖެހޭ އަޅުގަނޑުމެން ވެސް ތެދުވާނެކަން، ކަނޑުތައް ބަލަހައްޓާނެ ކަން،" ނަސީމް ވިދާޅުވި އެވެ.

"މިވަގުތު ކުއްލިއަކަށް މި ސަރުކާރު އައި ފަހުންނޭ ކަނޑުތައް ނުބެލެއްޓިގެން މި އުޅެނީ މިގޮތަށް ކަންތައްތައް ކުރުމަކީ އެއްވެސް ގޮތަކުން ކޮށްގެން ވާނެ ކަމެއް ނޫން."

ރައްޔިތުންގެ މަޖިލީހަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެއްގަމާއި ވަޔާއި ކަނޑުގެ މަގުން ވެސް ރާއްޖެ ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލްކަން ރާއްޖޭގައި ވަރުގަދަ ކުރަންޖެހޭ އެވެ.

"އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ފަށައިފިން. ރާއްޖޭގެ 900،000 އަކަކިލޯ މީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ،" މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ޒަމާނީ އާލާތްތައް ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި އެންމެ ޒަމާނީ ޑްރޯންތައް ގަތުން ހިމެނޭ ކަަމަށް ވެ އެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އާންމުކޮށް ބެލެހެއްޓުމުގައި މިހާތަނަށް އެހީތެރިކަން ހޯދަމުން އައީ އިންޑިއާގެ އަސްކަރިއްޔާ އިން ކަމަށް ވިޔަސް ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ބޭލުމުގެ މައްސަލާގައި ގުޅުން އެހާ ރަނގަޅެއް ނޫނެވެ. އަދި ހުއްދަ ހޯދުމެއް ނެތި، ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާ ވެސް ހިލާފަށް ހަތިޔާރާ އެކު އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން ވަދެ، ރާއްޖޭގެ ތިން މަސްދޯންޏަކަށް އަރައި މަސްވެރިންނާ ސުވާލުކޮށް ބިރުދެއްކި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

ދިވެހި ސަރުކާރަށް އެނގުމެއް ނެތި އިންޑިއާ ސިފައިން ރާއްޖޭގެ ސަރަހައްދަށް ވަދެ އެ އަމަލު ހިންގި ސަބަބު ލިޔުމަކުން ހޯދަން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރާއްޖެ އިން ރަސްމީކޮށް އިންޑިއާގައި އެދުނަސް މިހާތަނަށް ޖަވާބެއް ނުދޭ ކަމަށް ވެ އެވެ.

ދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމްތަކުން ކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި އިންޑިއާ ކަނގެ ސިފައިން އަރާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ޑިފެންސްގެ ބަޔާނުގައި ބުންޏެވެ.