Roadha Mihaaru
ރައީސްގެ ދެކަނބަލުން މުލީއާގެ އަށް ބަދަލުވެވަޑައިގެންފި

ރައީސްގެ ދެކަނބަލުން މުލީއާގެ އަށް ބަދަލުވެވަޑައިގެންފި

07 ފެބުރުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މުލީއާގެ އަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފި އެވެ. ރައީސްގެ ރަސްމީ ގެކޮޅަށް އެ މަނިކުފާނު މި ބަދަލުވެވަޑައިގަތީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެނގިފައިވާ ގޮތުގައި، ރައީސް މުއިއްޒުގެ ދެކަނބަލުން މުލީއާގެ އަށް ބަދަލުވެވަޑައިގަތީ ތ. އަތޮޅަށް ދަތުރުފުޅު ފެއްޓެވުމުގެ އެއް ދުވަސްކުރިން މިދިޔަ ހޯމަ ދުވަހު އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މުލިއާގެ ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައި ހުރުމުން ރައީސްގެ ދެކަނބަލުން މިހާތަނަށް ދިރިއުޅުއްވަމުން އައީ އެ މަނިކުފާނުގެ އަމިއްލަ ގެކޮޅު، މ. ދިމްޔާތުގަ އެވެ.

ސަރުކާރުން ކުރިން ބުނި ގޮތުގައި، މުލިއާގެ މަރާމާތު ކުރަން ޖެހުނީ އެއީ ގިނަ ދުވަސްވެފައި ހުރި ޒަމާންވީ އިމާރާތަކަށް ވުމުން ކޮންމެހެން ކުރަން ޖެހޭ މަރާމާތުތަކެއް ހުރުމުންނެވެ. އެ މަރާމާތުތައް ކުރަނީ އެ ތަނުގެ އަސްލު ސަލާމަތް ކުރުމަށެވެ. އަދި މުލިއާގެ މަރާމާތުކުރުމުގައި އެ ތާރީހީ ބިނާގެ އަސްލު ގެއްލޭނެ ވަރުގެ އެއްވެސް ބަދަލެއް ނުގެންނާނެ އެވެ.

ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގެ.

ރައީސްގެ ރަސްމީ ގެކޮޅު، މުލީއާގެ.

މީގެ 104 އަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ މުލީއާގޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަގުތީ ގޮތުން ދިރިއުޅުއްވި އެވެ. އެއީ 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރި ގޮތަށް އިމާރާތްކޮށް ނިމެންދެނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް ދިރިއުޅުއްވީ ވެސް މުލީއާގޭގަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު އެއްކޮށް ދިރިއުޅުއްވީ މުލީއާގޭގަ އެވެ.