Roadha Mihaaru

މަސާޖު ޕާލާތައް ބަންދުކުރަން ފޯކަސް ވަރުގަދަކޮށް 52 ތަނެއް ބަންދުކޮށްފިން: ރައީސް

މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް ސަރުކާރުގެ ފޯކަސް ވަރުގަދަކޮށް، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 52 ތަނެއް ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

"މަސާޖު ޕާލާތައް ބަންދުކުރަން ފޯކަސް ވަރުގަދަކޮށްފިން"
އިފްރާޒް އަލީ
އިފްރާޒް އަލީ

16 ޑިސެމްބަރ 2025

މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް ސަރުކާރުގެ ފޯކަސް ވަރުގަދަކޮށް، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 52 ތަނެއް ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށާއި އެމީހުން ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނުން ގުޅިގެން އަބަދުވެސް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް، މާލޭގައި ހިންގާ މަސާޖު ޕާލާތަކާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވުމުން، އެ މައްސަލަ އަވަހަށް ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މި މަހު 9 ވަނަ ދުވަހު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފެށި ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން މިއަށް [މަސާޖު ޕާލާގެ މައްސަލައަށް] އިތުރު ފޯކަސްއެއް ދީފިން. އިތުރު މަސައްކަތްތަކެއް ކުރަން ނިންމައިފިން. ނިންމައި މިކަމާ ގުޅޭ އިދާރާތައް އެއްވެ، މި ކަމަށް އިތުރު ހިތްވަރެއް ލައި، އިތުރު ރިސޯސްތައް އިތުރުކޮށްގެން ހާއްސަ އޮޕަރޭޝަނެއް މި މަހުގެ 9 ވަނަ ދުވަހު ފެށި،" ރައީސް ވިދާޅުވި އެވެ.

"ހަފުތާއެއް ވީ އިރުގައި، މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި ކުރެވުނު މަސައްކަތުން 52 މަސާޖު ޕާލާ ބަންދުކުރެވިއްޖެ."

ރައީސް ވިދާޅުވީ ބަންދުކުރި 52 ތަނުގެ ތެރެއިން 24 ތަނަކީ އިމިގްރޭޝަންގެ އޮޕަރޭޝަންގައި ބަލައި ފާސްކޮށް ބަންދުކުރި ތަންތަން ކަމަށެވެ. އަދި އިތުރު 28 ތަނެއް ބަންދުކުރީ މި އޮޕަރޭޝަން ފެށިކަން އެނގިގެން އެ ތަންތަން ހިންގި މީހުން އަމިއްލައަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ އޮޕަރޭޝަންގައި މިހާތަނަށް ޖުމްލަ 10 ބިދޭސީއަކު ހިފަހައްޓާފައިވާއިރު، އެ އެންމެން ވެސް ޑީޕޯޓް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހާ ރަނގަޅު ނަތީޖާއެއް ނެރެވުނީ ރައްޔިތުން ދިން ހިޔާލަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ބަލައިގަނެ، އެ އޮންނަ އުސޫލުގެ ތެރެއިން މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މުޖުތަމައުގައި ހުރި މި ކަހަލަ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުން ހުށަހަޅާ ހިޔާލުތައް އެމަނިކުފާނު ނަންގަވަނީ "ވަރަށް ޕޮޒިޓިވް ނޯޓެއް"ގައި ކަމަށެވެ. ކޮންމެ މީހަކު ހުށަހަޅާ ހިޔާލު ވެސް އަޑުއައްސަވާނެ ކަމަށާއި އެކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.