Roadha Mihaaru
މުސްލިމުންނާއި ޔަހޫދީންނަށް ޔޫރަޕްގައި ނުރައްކާ

މުސްލިމުންނާއި ޔަހޫދީންނަށް ޔޫރަޕްގައި ނުރައްކާ ބޮޑުވެއްޖެ: ކޮމިޝަނަރު

08 ފެބުރުއަރީ 2024

ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާ އާއި އޭގެ ރައްދުގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާ އެކު މުސްލިމުންނާއި ޔަހޫދީންނަށް ޔޫރަޕްގައި ނަފްރަތު ވަރަށް ބޮޑަށް އިތުރުވެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޑް މާގަރިޓީސް ޝިނާސް އިއްޔެ ވިދާޅުވެއްޖެ އެވެ.

"ޔޫރަޕްގައި އުޅޭ ޔަހޫދީންނާއި މުސްލިމުންގެ ވަރަށް ގިނަ ބަޔަކު ތިބީ އަމިއްލަ ރައްކާތެރިކަމާ މެދު ބިރުން،" ޔޫރަޕިއަން ޕާލިމެންޓުގައި ޝިނާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔަހޫދީންގެ ފައްޅިތަކަށް އަލިފާން ބޯޅަ އުކުމާއި ޔަހޫދީންގެ ފިހާރަތަކަށް ގެއްލުން ދިނުމާއި މިސްކިތްތަކާއި މުސްލިމުންގެ ގެތަކުގައި ހުތުރު ބަސްތައް ލިޔުން ފަދަ ކަންކަން ފަލަސްތީނުގެ މައްސަލައާ އެކު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އިންޓަނެޓްގައި ވެސް މުސްލިމުންނާއި ޔަހޫދީންނާ ދެކޮޅު ވާހަކަތައް އާދަޔާ ހިލާފަށް އިތުރުވެއްޖެ ކަމަށާއި އިޒްރޭލު ނައްތާލުމަށާއި ޔަހޫދީން މެރުމަށް ގޮވަމުން ގެންދާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. ޔޫރަޕަށް ހިޖުރަކުރާ މުސްލިމުން އަނބުރާ ފޮނުވާލުމަށާއި މެރުމަށާއި މުސްލިމު އަންހެނުން ރޭޕްކުރުމަށް ގޮވުން ވެސް ގިނަވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން،" ޔޫރަޕްގެ ގައުމުތަކުން މި ކަންކަން ހުއްޓުވަން މަސައްކަތްކުރުމަށް ގޮވާލައްވަމުން ޝިނާސް ވިދާޅުވި އެވެ.

މުސްލިމުންނާއި ޔަހޫދީންނާ ދެކޮޅަށް އިންޓަނެޓްގައި ދައްކާ ވާހަކަ އިތުރުވި މިންވަރު ތަފާސްހިސާބަކުން ޝިނާސް ނުދެއްވަ އެވެ. އެކަމަކު ވިދާޅުވީ ޔޫރަޕްގެ ޑިޖިޓަލް ސާވިސް އެކްޓް ފަދަ ގާނޫނުތައް ބޭނުންކޮށްގެން، މިފަދަ ފިތުނަވެރި އަމަލުތަކާ ދެކޮޅަށް ގައުމުތަކުން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. --އޭއެފްޕީ