Roadha Mihaaru
ފަލަސްތީނުގެ އެތައް ބަޔަކު ޒަޚަމްކޮށްލައިފި

ފަލަސްތީނުގެ އެތައް ބަޔަކު ޒަޚަމްކޮށްލައި ގިނަ ބަޔަކު ހައްޔަރުކޮށްފި

30 މެއި 2022

ހިފާފައިވާ އިރުމަތީ ގުދުސްގައި އިޒްރޭލުން ވަޒަންވެރިކޮށްފައިވާ ޔަހޫދީން އިއްޔެ ބޭއްވި "ދިދައިގެ ހިނގާލުން" ކުރިއަށް ދިޔަ ވަގުތު، އެކަމާ ދެކޮޅަށް ނުކުތް ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުގެ ސިފައިންނާއި ފުލުހުން ހަމަލާދީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.

ހިފާފައިވާ އިރުމަތީ ގުދުސްގައި އިޒްރޭލުން ވަޒަންވެރިކޮށްފައިވާ ޔަހޫދީން އިއްޔެ ބޭއްވި "ދިދައިގެ ހިނގާލުން" ކުރިއަށް ދިޔަ ވަގުތު، އެކަމާ ދެކޮޅަށް ނުކުތް ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުގެ ސިފައިންނާއި ފުލުހުން ހަމަލާދީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.

އިޒްރޭލުގެ ގައުމީ ދިދަތައް ހިފައިގެން ގުދުސްގެ މަގުތަކުގައި ޔަހޫދީން އިއްޔެ ހިނގާލުމެއް ބޭއްވީ، އިޒްރޭލު ސިފައިން، ގުދުސްގެ އިރުމަތީ ސަރަހައްދު ހިފި ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. "ގުދުސްގެ އެއްބައިވަންކަމުގެ ދުވަސް"ގެ ނަމުގައި އިބްރީ ކަލަންޑަރުން ފާހަގަކުރާ އެ ދުވަސް މި އަހަރު ދިމާވީ އިއްޔެއާ އެވެ.

ހަމަނުޖެހުންތައް އެންމެ ފުރަތަމަ ފެށުނީ، ހަރުކަށި ޔަހޫދީންތަކެއް އިއްޔެ ހެނދުނުން ފެށިގެން އެކި ވަގުތުތަކުގައި އެކި ބައިބަޔަށް މަސްޖިދުލް އަގްސާގެ ތެރެއަށް ވަނުމުންނެވެ. ހަރުކަށި ޔަހޫދީން މަސްޖިދުލް އަގްސާ އަށް ވަންނަން އައުމާ އެކު، އިޒްރޭލުގެ ސިފައިންނާއި ފުލުހުން ހަތިޔާރާއެކު އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ގޮސް، އެ ތަނުގައި ތިބި ފަލަސްތީނުގެ މުސްލިމުން އެ ސަރަހައްދުން ނެރެ ފައްސައިލި އެވެ.

އޭގެ އިތުރުން މިސްކިތުގެ އެތެރޭގައި ތިބި މީހުންނަށް ބޭރަށް ނުނުކުމެވޭ ގޮތަށް ދޮރުތައް ތަޅުލައި ބަންދުކުރި އެވެ. އެއަށް ފަހު، ހަރުކަށި ޔަހޫދީން އަގްސާ މިސްކިތުގެ ހަރިންމަ ތެރޭގައި އެމީހުންގެ ދީނީ ކިޔެވެލިތައް ކިޔަވައި އަޅުކަންކޮށް އުޅުމުގެ ފުރުސަތު ފަހިކޮށްދިނެވެ.

އިއްޔެ މެންދުރު ފަހު ގުދުސްގެ މަގުތަކުގައި ޔަހޫދީން ބޭއްވި ދިދައިގެ ހިނގާލުމުގައި ބައިވެރިވި މީހުންތައް، ގުދުސްގެ މަގުތަކުގައި ހިނގަމުން ދިޔައީ، މިއުންމަތުގެ މާތް ނަބިއްޔާ އަށް ހަޑިހުތުރު އެއްޗެހި ގޮވައި، އަރަބިންގެ ހަލާކަށް އެދި ދުއާ ކުރަމުންނެވެ.

ޔަހޫދީންގެ ހިނގާލުމަށް ހުރަސްއެޅުމުގެ ގޮތުން ފަލަސްތީނުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުން ވެސް ނުކުމެ، ޔަހޫދީ ވަޒަންވެރިންނާ ކުރިމަތިލުންތައް ހިންގި އެވެ. މުގުރާއި ޕެޕަ ސްޕްރޭ ހިފައިގެން އުޅުނު ޔަހޫދީ ވަޒަންވެރިން ފަލަސްތީނު މީހުންނަށް ހަމަލާ ދެމުން ދިޔައިރު، އިޒްރޭލު ސިފައިންނާއި ފުލުހުން ވެސް ދިޔައީ، މުގުރާއި ޕެޕާ ސްޕްރޭ އިން ފަލަސްތީނު މީހުންނަށް ހަމަލާ ދެމުންނެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި ގުދުސްގެ މުސްކުޅި އަވަށުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި އެކަނިވެސް، ފަލަސްތީނުގެ 79 މީހަކު ޒަޚަމްވި އެވެ. އަދި ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިންނާއި އިޒްރޭލު ފުލުހުން ދިން ހަމަލާތަކުގައި، ފަލަސްތީނުގެ 145 މީހަކު ޒަޚަމްވި އެވެ. ގުދުސްގެ އެކި ސަރަހައްދުތަކުގައި ކުރިމަތިލުންތައް ހިނގި އިރު، އިޒްރޭލު ސިފައިންނާއި ފުލުހުން ވަނީ ފަލަސްތީނުގެ 50 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

އޭގެ އިތުރުން ޝައިޚް ޖައްރާހް އަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ މީހުންގެ ބައެއް ގެތަކަށް ޔަހޫދީ ވަޒަންވެރިން ވަދެގަނެ، މީހުންނަށާއި ތަކެއްޗަށް ގެއްލުން ދީފައިވެ އެވެ.

އިއްޔެގެ ހަމަނުޖެހުންތަކާ ގުޅިގެން ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވިދާޅުވީ އިޒްރޭލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން އިއްޔެ ހިންގީ މައާފް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިޒްރޭލުން އިއްޔެ ހިންގި އުދުވާނަކީ ދުނިޔޭގައި ދިރިއުޅޭ ކޮންމެ މުސްލިމަކާއި ކޮންމެ މިނިވަނަކަށް ދިން އުދުވާނީ ހަމަލާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.