Roadha Mihaaru
އަގްސާ މިސްކިތް ބައިކޮށްލުމަށް އިޒްރޭލުން ގާނޫނު ހަދަނީ

އަގްސާ މިސްކިތް ބައިކޮށްލުމުގެ ގާނޫނެއް އިޒްރޭލުން ފާސްކުރަނީ

13 ޖޫން 2023

ގުދުސް (ޖޫން 13) - ފަލަސްތީނުގެ އަލް ގުދުސްގައި ހުންނަ މުސްލިމުންގެ ތިން ވަނަ ހަރަމްފުޅު، އަލް މަސްޖިދުލް އަގްސާ ދެބައި ކޮށްލުމާ ބެހޭ ގާނޫނެއްގެ ބިލެއް، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުން ދާތީ، ފަލަސްތީނު ސަރުކާރުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ގުދުސް (ޖޫން 13) - ފަލަސްތީނުގެ އަލް ގުދުސްގައި ހުންނަ މުސްލިމުންގެ ތިން ވަނަ ހަރަމްފުޅު، އަލް މަސްޖިދުލް އަގްސާ ދެބައި ކޮށްލުމާ ބެހޭ ގާނޫނެއްގެ ބިލެއް، އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުން ދާތީ، ފަލަސްތީނު ސަރުކާރުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ރާމަﷲގައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝަތިއްޔާ ވިދާޅުވީ އަގްސާ މިސްކިތް ބައިކޮށްލުމުގެ ބިލެއްގެ ދެލިކޮޕީ، އިޒްރޭލުގެ ލީކޫޑް ޕާޓީން މިހާރު އޮތީ ތައްޔާރުކޮށްފަ އެވެ. އެ ބިލް މަޖިލީހަށް ހުށަހެޅުން ހުއްޓުވައިދިނުމަށް، ތުރުކީ ވިލާތާއި މެލޭޝިޔާ އާއި މިސްރާއި އިންޑޮނީޝިޔާ ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލީކޫޑް ޕާޓީގެ މަޖިލިސް މެންބަރު އަމިތު ހަލޭވީ އެކުލަވާލާފައިވާ އެ ބިލު، މިއަންނަ މި ހަފުތާގައި ނުވަތަ އަންނަ ހަފުތާގެ ކުރީކޮޅު މަޖިލީހަށް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ. އެ ބިލު މަޖިލީހަށް ހުށަހަޅައިފި ނަމަ، އަނެއްކާ ވެސް އުފެދޭނީ ރުޅިވެރިކަން ކަމަށް ވިދާޅުވެ، އެ ބިލު ހުށަނުއެޅުއްވުމަށް މަހްމޫދު ޝަތިއްޔާ އިޒްރޭލު ސަރުކާރަށް އިންޒާރު ކުރެއްވި އެވެ.

އެ ބިލު ހުށަހަޅައިފި ނަމަ، އެކަމުގެ ނުރައްކާތެރިކަން ވަޒަން ވެސް ނުކުރެވޭ ފަދަ ނަތީޖާއެއް ނުކުމެދާނެ ކަމަށް ވެސް ބޮޑުވަޒީރު ޝަތިއްޔާ ވިދާޅުވި އެވެ. އެ މިސްކިތަކީ ފަލަސްތީނު ރައްޔިތުންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނާއި، އަރަބިންގެ ހިތްތަކުގައި ވަރަށް މުގައްދަސް މަގާމެއް ދެވިފައިވާ ތަނެއް ކަމަށާއި ދީނީ ރަމްޒެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ އެ ރޭވުން ހަގީގަތަކަށް ހެދުމުގެ ބިރު ވަރަށް ބޮޑުކަމަށް ވިދާޅުވެ، ބޮޑުވަޒީރު ޝަތިއްޔާ އިސްލާމީ ގައުމުތަކަށާއި އިސްލާމީ އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ގޮވައިލެއްވީ، އިޒްރޭލްގެ އަމަލްތައް ކުށްވެރި ކޮށްގެން އެކަނި ފަރުޖައްސާ ނުލައި އެކަން ހުއްޓުވުމަށްޓަކައި އިޒްރޭލާ ދެކޮޅަށް ފިޔަވަޅު ވެސް އަޅައިދިނުމަށެވެ.

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަޅަން ތައްޔާރުކޮށްފައިވާ ބިލުގައި ބުނެފައިވާ ގޮތުން، އަލް މަސްޖިދުލް އަގްސޯ ހުރި ސަރަހައްދު ދެބައި ކޮށްލެވޭނީ މުސްލިމުންނަށް އެއްބައި އަދި ޔަހޫދީންނަށް އެއްބައި ލިބޭ ގޮތަށެވެ. ނަމަވެސް ދެ ބައި ހަމައަކަށް ނޫނެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން އަގްސޯ މިސްކިތް ހިމެނޭ 14 ހެކްޓަރު ބިން ދެބައި ކޮށްލާއިރު، އޭގެ ތެރެއިން 30 ޕަސެންޓް ލިބޭނީ މުސްލިމުންނަށެވެ. ބާކީ 70 ޕަސެންޓް އޮންނާނީ ޔަހޫދީންނަށެވެ. ޔަހޫދީންނަށް ލިބޭ ބައިގެ ތެރޭގައި އަގްސާ މިސްކިތުން ބަޔަކާއި، އެ ސަރަހައްދުގައި ހުންނަ ރަން ގުއްބު ލީ މިސްކިތް (މަސްޖިދު ގުއްބަތުއް ޞަޚްރާ) ވެސް ހިމެނެ އެވެ.

އަރަބިންނާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމައިގެ ތެރޭގައި 1967 ވަނަ އަހަރު އިޒްރޭލުގެ ސިފައިން އިރުމަތީ ގުދުސް ހިފީއްސުރެ، މަސްޖިދުލް އަގްސާ ހުންނަނީ ޔަހޫދީ ދައުލަތުގެ ބާރުގެ ދަށުގަ އެވެ. ނަމަވެސް ބައިނަލްއަގުވާމީ މުއާހަދާތަކުގައިވާ ގޮތުގެ މަތިން މަސްޖިދުލް އަގްސޯގެ ގާނޫނީ ބެލެނިވެރި ފަރާތަކީ އުރުދުންގެ ސަރުކާރެވެ.

އެ މުއާހަދާތަކުގައިވާ ގޮތުގެ މަތިން، އަދި ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ އުސޫލުން ބަލާއިރު، މަސްޖިދުލް އަގްސާގައި މުސްލިމުން ނޫން ބަޔަކު ދީނީ އެއްވެސް އަޅުކަމެއް ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އިޒްރޭލުގެ ވެރިކަމާ ބޮޑުވަޒީރު ނަތަންޔާހޫ ހަވާލުވުމަށް ފަހު، ކަނާތު ފިޔައިގެ ޔަހޫދީން އަގްސާ މިސްކިތަށް ވަދެ އަޅުކަން ކުރުމުގެ ފުރުސަތު އަންނަނީ ދެމުންނެވެ.