Roadha Mihaaru
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް ކޯލްތަކެއް

ހައްޖުގެ ޖާގަ ކަށަވަރުވީ ކަމަށް ބުނެ ކުރާ ސްކޭމް ކޯލްތައް އިތުރުވަނީ

10 ފެބުރުއަރީ 2024

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ކުރާ ސްކޭމް ފޯން ކޯލްތައް އިތުރުވަމުން ދާތީ ސަމާލުވާން އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ކުރާ ސްކޭމް ފޯން ކޯލްތައް އިތުރުވަމުން ދާތީ ސަމާލުވާން އަންގައިފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޯޓިސްއެއްގައި ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ އަމިއްލަ ބައެއް މީހުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށް އެދި އެ ކުންފުނީގެ ނަމުގައި ސްކޭމް ފޯން ކޯލްތައް ކުރަމުން ދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކުންފުނިން ހޯދާ ހިދުމަތްތަކަށް ފައިސާ ދައްކަން ޖެހޭނީ "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން"ގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ކަމަށެވެ. އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން އެ ކޯޕަރޭޝަނުން ނާންގާނެ ކަމަށް އެ ނޯޓިސްގައި ބުންޏެވެ.

މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދާ މައްސަލަތައް ރާއްޖޭގައި މިހާރު ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.

ފްލެޓް ލިބިފައިވާ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ގއ. ވިލިނގިލީގެ މީހެއްގެ ބޭންކް އެކައުންޓުން 200،000ރ.މަކަރާ ހީލަތުން ޖަމާކުރި މައްސަލަ އިއްޔެ ވެސް ފެންމަތިވި އެވެ.

ފުލުހުން އެންމެފަހުން ބުނި ގޮތުގައި، އެކި ސްކޭމްތަކުގައި މީހުންގެ އަތުން އަތުލި ފައިސާގެ އަދަދު 57 މިލިއަން ރުފިޔާ އަށް އަރަ އެވެ.