Roadha Mihaaru
ދައުލަތަށް ބުރަ ބޮޑު ވާތީ، މަހުގެ އަގު 20ރ. އަށް

ދައުލަތަށް ބުރަ ބޮޑު ވާތީ، މަހުގެ އަގު 20ރ. އަށް ކުޑަކޮށްފި

12 ފެބުރުއަރީ 2024

ދައުލަތުން މާލީ ގޮތުން އުފުލަން ޖެހޭ ބުރަ ބޮޑުވުމުން މަހުގެ އަގު 20ރ. އަށް ކުޑަކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދައުލަތުން މާލީ ގޮތުން އުފުލަން ޖެހޭ ބުރަ ބޮޑުވުމުން މަހުގެ އަގު 20ރ. އަށް ކުޑަކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ މަހުގެ އަގު 17ރ. އިން 25ރ. އަށް ބޮޑު ކޮށްފަ އެވެ.

އެ ނިންމުން ބަދަލު ކުރުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭތޯ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ބަރާބަރަށް ދިނުމަށާއި މިފްކޯ ބަނގުރޫޓު ވިޔަ ނުދިނުމަށް މަހުގެ އަގު ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނުން ގެންގުޅެނީކީ ނޫން. މަހުގެ އަގު ވަނީ ބަދަލުކޮށްފައި." އޭނާ ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ ކުރީގެ މެމްބަރު އަދި މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން މަހުގެ އަގު 25ރ. އަށް ބޮޑުކުރީ އެއްވެސް ދިރާސާއެއް ނުކޮށް، ސިޔާސީ ބޭނުމަކަށްޓަކައި ކަމަށެވެ.

އެ ބަދަލު ގެންނަން އެ ސަރުކާރުން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި ދެ ވަނަ ބުރު ވޯޓު ފެށުމުގެ ކުރިން ކަމަށް ވާތީ އެއީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭރުވެސް އަދި މިހާރު ވެސް ދެކެނީ [މަހުގެ އަގު ބޮޑު ކުރުން] އެއީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައި ގެނައި ބަދަލެއް ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖެ އިން އެކްސްޕޯޓް ކުރާ ބާޒާރުގައި މަސް ކިލޯއަކަށް ލިބެނީ 22.40ރ. އަށެވެ. އެހެންވެ 25ރ. އަށް މަސްވެރިންގެ އަތުން މަސް ގަނެގެން ދެކޮޅެއް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ބޮޑު ކުރި އަގުގައި މަސް ގަންނަ ނަމަ ދައުލަތުގެ މި އަހަރުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެ ސަބްސިޑީގެ ގޮތުގައި މިދިޔަ އަހަރަށް ބަޖެޓު ކޮށްފައި ވަނީ 250 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މަހުގެ އަގު 25ރ. އަށް ބޮޑު ކުރުމުން އެ އަހަރުގެ ފަހު ތިން މަހުގެ ތެރޭގައި 500 މިލިއަން ރުފިޔާ އަށް އެ އަދަދު ބޮޑުވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އެއީ ސަރުކާރަށް ކެރި ކުޅަދާނެ ވެގެންވާ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.