Roadha Mihaaru

ބޮޑުކަންނެލީގެ މަސްވެރިންނާ އެކު މިނިސްޓަރުގެ ދިގު ބައްދަލުުވުމެއް

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ހިއްސާ ކުރުމުގެ ބައްދަލުވުމެއް މިއަދު ހެނދުނު 11 ޖެހިއިރު ފަށާފައިވާއިރު އެ ބައްދަލުވުމުގައި ޕޮޒިޓިވް ކަންކަން ފެންނަ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފި އެވެ.

ބޮޑުކަންނެލީގެ މަސްވެރިންނާ އެކު ދިގު ބައްދަލުުވުމެއް

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ހިއްސާ ކުރުމުގެ ބައްދަލުވުމެއް މިއަދު ހެނދުނު 11 ޖެހިއިރު ފަށާފައިވާއިރު އެ ބައްދަލުވުމުގައި ޕޮޒިޓިވް ކަންކަން ފެންނަ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފި އެވެ.

އެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު "ރާއްޖެ ޓީވީ" އަށް ވިދާޅުވީ، ބައްދަލުވުން ދިގުލައިގެން ދަނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ގިނަ ވުމުން ކަމަށެވެ.

"މައިގަނޑު ގޮތެއްގައި މި އިންޑަސްޓްރީގައި ހުރި ކަންބޮޑުވުންތައް ގިނަވީމާ މި ދޯނިތައް ފަސް ދުވަސް ވަންދެން [އިހުތިޖާޖުގައި] މިތިބީ މިތާނގައި މަޑުކޮށްގެން. އެހެންވީމާ އެ ކަންކަމަށް ހައްލު ހޯދުމަށްޓަކައި ރަނގަޅު މަޝްވަރާތަކެއް ކުރެވިގެން މިދަނީ. ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ވެސް ވަރަށް ބޮޑަށް އެއްބާރުލުން ދީގެން މިހާރު ކުރިއަށް ދެވެނީ،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ޝިޔާމާ ހަވާލާ ދެއްވައި ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އިމްރާން ވިދާޅުވީ، މިނިސްޓަރުގެ މިއަދުގެ ހުރިހާ ވަގުތެއް އޮތީ ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް އައްސަވަން ހުސްކުރައްވާފައި ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން މަސްވެރިން ފަސް ދުވަސް ވަންދެން މިނިސްޓަރަށް ވަގުތު ދީގެން މަޑުކޮށްލައިގެން މިތިބީ. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނަށް ފަސް ދުވަސް ދޭން ވެސް މިނިސްޓަރަށް ރަނގަޅު،" އިމްރާން ވިދާޅުވި އެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނިގޮތުގައި، މިހާރު މަޝްވަރާތައް ކުރިއަށް ދަނީ މަގުސަދު ހާސިލް ކުރެވޭ ގޮތަށެވެ. ސަބަބަކީ މަސްވެރިންގެ މައްސަލަތައް ހައްލު ވުމަކީ ގައުމުގެ އިގުތިސާދާއި "ފުޑް ސެކިއުރިޓީ" އާ ގުޅިފައިވާ ކަމަކަށް ވާތީ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

ހެނދުނު 11 ޖެހިއިރު ފެށި ބައްދަލުވުން މެންދުރު ދޭއް ޖަހަން އުޅެނިކޮށް މެދުކަނޑާލީ ލަންޗު ބްރޭކަށެވެ. އޭގެ ފަހުން އަނެއްކާ ވެސް ފަށާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެ ބައްދަލުވުން ކުރިއަށް ގެންދަނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާގެ ބައެއް އިސްވެރިންނާއި ބައެއް ކެޔޮޅުން ބައިވެރި ކޮށްގެންނެވެ.

ފިޝަރީޒް މިނިސްޓަރު ޝިޔާމާއި ބޮޑުކަންނެލީގެ މަސްވެރިންގެ އިސްވެރިންގެ ބައްދަލުވުން ފިޝަރީޒް މިނިސްޓްރީގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ވަގުތު ބައެއް މަސްވެރިން ވެލާނާ ބިލްޑިންގުގެ ބޭރުގައި މަޑުކޮށްލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފިޝަރީޒް މިނިސްޓަރު ޝިޔާމާއި ބޮޑުކަންނެލީގެ މަސްވެރިންގެ އިސްވެރިންގެ ބައްދަލުވުން ފިޝަރީޒް މިނިސްޓްރީގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ވަގުތު ބައެއް މަސްވެރިން ވެލާނާ ބިލްޑިންގުގެ ބޭރުގައި މަޑުކޮށްލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މިނިސްޓަރު ޝިޔާމާއި ބޮޑުކަންނެލީގެ މަސްވެރިންގެ އިސްވެރިން ފިޝަރީޒް މިނިސްޓްރީގައި ބައްދަލުކުރުން ކުރިއަށް ގެންދާއިރު ބޮޑުކަންނެލީގެ މަސްވެރިން ވެލާނާގެ ކައިރިއަށް އެއްވުމުން ފުލުހުންނާ ދެމެދު ނުތަނަސްވަކަން އުފެދުނެވެ. އެއީ އެއީ އެއްވުން މަނާ ސަރަހައްދަކަށް ވުމުން ފަހަތަށް ޖެއްސުމުންނެވެ.

ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް ބޮޑުކަންނެލީގެ މަސްވެރިން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މާލޭގެ ރަސްމީފާލަމާ ދިމާލުން ބޭރުގައި ކުރި އިހުތިޖާޖު ފުލުހުން ރޫޅާލައި ބައެއް މީހުން ހައްޔަރު ކުރުމުން ވަރަށް ބޮޑަށް މައްސަލަ ހޫނުވި އެވެ. އަދި މިހާރު ވެސް ދެ މީހަކު ތިބީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފަ އެވެ.

ބޮޑުކަންނެލީގެ މަސްވެރިން ނިންމާފައި ވަނީ އެ މީހުންގެ މައްސަލަތަކަށް ހައްލެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާށެވެ. މަހަށް ދިއުން ހުއްޓާލާފައި އެ މީހުން އިހުތިޖާޖުގައި ތިބީ ހުޅުމާލޭ ބޮޑުކަންނެލި ޖެޓީ ސަރަހައްދުގަ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިފްކޯ އަށް ކަޅުބިލަމަހެކޭ އެއްފަދައިން ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މަސްވެރިންނަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ބޮޑުކަންނެލީގެ މަސްވެރިންނަށް ދޫކޮށްލެއްވި ވައުދުތައް ފުއްދެވުން ކަމަށެވެ.

އޭގެ ތެރޭގައި ރައީސް ވިދާޅުވި ގޮތުގައި ބޮޑުކަންނެލި "ޕްރޮސެސް" ކުރާ ފެސިލިޓީއެއް ހުޅުމާލެ އާއި ކަނޑުއޮތްގިރީގައި ގާއިމް ކުރުމަކީ މިހާރު ފަށައިގެން އުޅޭ މަސައްކަތްތަކެވެ.

"މިކަންކަން ކުރިއަށް ދާނެ. އޭގެ އިތުރަށް ވެސް އަޅުގަނޑުމެން ވަރަށް ފުޅާކޮށް އެކި މަސައްކަތްތައް މި ކުރަނީ ވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އަމަލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް ގާއިމް ކުރުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.