Roadha Mihaaru
މޮޅެތި ބޭސް ފަސޭހައިން ގެނެވޭ ޕޮލިސީ ލޯންޗުކޮށްފި

ކޮލިޓީ ރަނގަޅު ބޭސް ފަސޭހައިން ގެނެވޭ ގޮތަށް މެޑިސިން ޕޮލިސީ ލޯންޗުކޮށްފި

12 ފެބުރުއަރީ 2024

ކޮލިޓީ ރަނގަޅު ބޭސް ފަސޭހައިން ރާއްޖެ ގެނެވޭ ގޮތަށް ގައިޑްލައިން ހަދަންޖެހޭ ގޮތަށް، ނޭޝަނަލް މެޑިސިން ޕޮލިސީ އިއްޔެ ލޯންޗުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮލިޓީ ރަނގަޅު ބޭސް ފަސޭހައިން ރާއްޖެ ގެނެވޭ ގޮތަށް ގައިޑްލައިން ހަދަންޖެހޭ ގޮތަށް، ނޭޝަނަލް މެޑިސިން ޕޮލިސީ އިއްޔެ ލޯންޗުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ކުރިއަށް އޮތް ހަ އަހަރު ދުވަހަށް އެމްއެފްޑީއޭއިން ހެދި ނޭޝަނަލް މެޑިސިން ޕޮލިސީ މައިގަނޑު ގޮތެއްގައި ބަލާފައިވަނީ އާއްމުންނަށް ބޭނުންވާ ބޭސް، ތަފާތުކުރުމެއް ނެތި އަދި އެކަށީގެންވާ ވަގުތުގައި ކޮލިޓީ ރަނގަޅު ބޭސް ލިބޭނެ ގޮތް ހެދުމަށެވެ.

އެގޮތުން، އެ ޕޮލިސީގައި ވަނީ ބޭހުގެ ރެގިއުލޭޓްރީ ނިޒާމް ވަރުގަދަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގަބޫލުކުރާ ގައުމުތަކުން ބޭސް ގެނައުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސިދާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، އެއަށް އަމަލުކުރަން ފަށާނީ، އެމްއެފްޑީއޭއިން ހަދާ ގައިޑްލައިނަށްފަހުގަ އެވެ.

އެ އޮތޯރިޓީގެ ސީނިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އަލަށް ގެންނަ ބަދަލުތަކުގައި ކެޓެގަރީ 1 ގައި ހިމެނޭ ގައުމުތަކުން ބޭސް ގެނައުމަށް ވަރަށް ބޮޑެތި ލުއިތަކެއް ދޭނެ ކަމަށެވެ. އެ ލިސްޓުގައި ހިމެނޭނީ ޔޫރަޕްގެ ގައުމުތަކާއި އޭޝިއާ އިން މެލޭޝިއާ އަދި ސިންގަޕޫރާ އެކު 45 ގައުމެކެވެ.

ބޭސް ގެނައުމަށް ރާއްޖޭގައި ކެޓެގަރީތައް ކަނޑައެޅިއިރު، އެއް ވަނައިގައި މިހާތަނަށް ހިމެނުނީ 18 ގައުމެކެވެ.

ނޭޝަނަލް މެޑިސިން ޕޮލިސީ ލޯންޗުކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ހަލީލް ވާހަކަދައްކަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

ނޭޝަނަލް މެޑިސިން ޕޮލިސީ ލޯންޗުކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ހަލީލް ވާހަކަދައްކަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

އޮފިޝަލް ވިދާޅުވީ، އަލަށް ހަދާ ގަވައިދުގެ ދަށުން އެންމެ ދެ ޑޮކިއުމަންޓް އަދި ބޭހުގެ ސާމްޕަލް ހުށަހަޅައިގެން ކެޓެގަރީ 1 ގައި ހިމެނޭ ގައުމުތަކުން ބޭސް ގެނެވޭނެ ކަމަށެވެ. އެއީ؛

- ގުޑް މެނުފެކްޗަރިން ޕްރެކްޓިސިން ލައިސެންސް (ޖީއެމްޕީ)

- ބޭހުގެ ސްޓެބިލިޓީ

ރާއްޖެއަށް ބޭސް އެތެރެކުރާއިރު، ސީއޯޕީޕީ، ޖީއެމްޕީ، ސާމްޕަލްގެ ބޭރު ފުށް، ކުރިން ދީފައިވާ ހުއްދަ އަދި ސީއޯއޭ ހުށަހަޅަންޖެހެ އެވެ. އޭގެ އިތުރަށް ކުންފުނީގެ ތަފުސީލާއި ޕްރޮފައިލް ހުށަހަޅަންޖެހެ އެވެ. ނަމަވެސް، އޭގެ ބައެއް މައުލޫމާތުތަކަކީ ކުންފުނީގެ ސިއްރުތަކަށް ވާތީ ރާއްޖެއަށް ކޮލިޓީ ރަނގަޅު ބޭސް ގެނައުމަށް ގޮންޖެހުންތަކާ ކުރިމަތިވެ އެވެ.

އެ ޝަކުވާތައް ބޭސް ފިހާރަތައް ހިންގާ ފަރާތްތަކުން ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

އޮފިޝަލް ވިދާޅުވީ ކޮންމެ ކެޓަގަރީއެއްގައި ހިމެނޭ ގައުމަކަށް ވިޔަސް، ބޭސް އެތެރެކުރުމަށް 45 ޑޮކިއުމަންޓް ހުށަހަޅަންޖެހޭ ކަމަށެވެ. އެ ހުރިހާ އެއްޗެއް ބެލުމަށްފަހު މީގެ ކުރިން ބޭސް ގެނައުމަށް ހުއްދަ ދެވެނީ 90 ދުވަހުގެ ތެރޭގަ އެވެ. އެކަމަކު، އާ ގަވައިދުގެ ދަށުން ގިނަވެގެން 15 ދުވަހުގެ ތެރޭގައި ބޭސް ރަޖިސްޓްރީކޮށްދޭނެ އެވެ.

އޭނާ ވިދާޅުވި މަހެއްގެ ތެރޭގައި އެ ގައިޑްލައިން އާއްމުކުރެވޭނެ ކަމަށެވެ. އޭރުން، ރާއްޖެ ގެންނަ ބޭހުގެ ކޮލިޓީ ރަނގަޅުވެ، އެ ތަކެތި ގެނައުމަށް ފަސޭހަވެގެންދާނެ ކަން ފާހަގަކުރެއްވި އެވެ.